ބަރަހަނާ މަންޒަރުތައް ބެލުން: ޒިނޭއަށް މަގުފަހިވާ ބޮޑު އެއް ސަބަބު

ޢަލީ ޔާމީން

ޒިނޭއަކީ ޝަރުއީ ކައިވެންޏަކާއި ނުލައި ފިރިހެން މީހާގެ ލަދުވެތި ގުނަވަން އަންހެން މީހާގެ ލަދުވެތި ގުނަވަނުގެ ތެރެއަށް ކޮށްޕުމެވެ. ޒިނޭއަކީ ހުތުރުކަން ބޮޑުވެގެންވާ އުޤޫބާތް ބޮޑު ފާފައެކެވެ. ޒިނޭއަށް މަގުފަހިވާ އެތަކެއް ސަބަބެއް ވެއެވެ. އޭގެތެރެއިން ބަރަހަނާ މަންޒަރުތައް ބެލުމަކީ ޒިނޭއަށް މަގުފަހިކުރުވާ ބޮޑު އެއް ސަބަބެވެ.

މުސްލިމުން ގިނަ އަދަދަކަށް އުޅޭ ބައެއް ޤައުމުތަކުގައި ބަރަހަނާ މަންޒަރުތަކާއި، ވީޑިއޯތައް އެކިލެވޭ ސައިޓުތައް ވަނީ ބްލޮކް ކޮށްފައެވެ. ނަމަވެސް އަޅުގަނޑުމެން ސައްތައިން ސައްތަ މުސްލިމުން އުޅޭ  ދިވެހިރާއްޖޭގައި "ޕޯން" ނުވަތަ ބަރަހަނާ މަންޒަރުތައް އެކުލެވޭ ވެބްސައިޓުތައް ބޮލޮކް ކުރަން މިވަނީ ނުކުޅެފިފައެވެ.

ބެލުންތިރި ކުރުމަށް ކީރިތި ޤުރުއާނުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ އަންގަވާފައިވެއެވެ. އަންހެނުންނާއި ފިރިހެނުންނަށް ވަކީން މި ދެއަމުރު ކުރައްވާފައިވެއެވެ.

﴿قُل لِّلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْ ذَٰلِكَ أَزْكَىٰ لَهُمْ إِنَّ اللَّـهَ خَبِيرٌ بِمَا يَصْنَعُونَ﴾ {سورة النور ٣٠}

މާނައީ: “މުއުމިނު ފިރިހެނުންނަށް، އެއުރެންގެ ބެލުންތައް ތިރިކުރުމަށާއި، އެއުރެންގެ ފަރުޖުތައް ރައްކާތެރިކުރުމަށް ކަލޭގެފާނު އަންގަވާށެވެ. އެގޮތް އެބައިމީހުންނަށްޓަކައި، ޠާހިރުކަން ބޮޑެވެ. ހަމަކަށަވަރުން، ﷲ އީ، އެބައިމީހުން ކުރާކަންތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.

”وَقُل لِّلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِ‌هِنَّ وَيَحْفَظْنَ فُرُ‌وجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ‌ مِنْهَا وَلْيَضْرِ‌بْنَ بِخُمُرِ‌هِنَّ عَلَىٰ جُيُوبِهِنَّ {النور 31}

މާނައީ: “އަދި މުއުމިނު އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ ފަރުޖުތައް ރައްކާތެރިކުރުމަށް ކަލޭގެފާނު އަންގަވާށެވެ. އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވައި އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ.”

ބެލުމަކީ ލޮލުގެ ޒިނޭއެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

( فَالْعَيْنَانِ زِنَاهُمَا النَّظَرُ، وَالأُذُنَانِ زِنَاهُمَا الاسْتِمَاعُ، وَاللِّسَانُ زِنَاهُ الْكَلامُ، وَالْيَدُ زِنَاهَا الْبَطْشُ، وَالرِّجْلُ زِنَاهَا الْخُطَا، وَالْقَلْبُ يَهْوَى وَيَتَمَنَّى، وَيُصَدِّقُ ذَلِكَ الْفَرْجُ وَيُكَذِّبُهُ { في رواية لمسلم } “ފަހެ ދެލޮލުގެ ޒިނޭއަކީ ބެލުމެވެ. އަދި ދެކަންފަތުގެ ޒިނޭ އަކީ އަޑުއެހުމެވެ. އަދި ދުލުގެ ޒިނޭއަކީ ވާހަކަދެއްކުމެވެ. އަދި އަތުގެ ޒިނޭއަކީ ހިފުމެވެ. އަދި ހިތް އެކަމަށް އެދުންވެރިވެ ގޮވައެވެ. އަދި ލަދުވެތި ގުނަވަން އެކަން ތެދުކޮށް އަދި ނުވަތަ ދޮގުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު