ޅަ ދަރީން ލައްވާ މަސައްކަތް ކުރުވާ, އެ ކުދީންނަށް މަސައްކަތް ދަސްކޮށްދޭން ޖެހޭ: ހުތުބާ

ޢަލީ ޔާމީން

އަޅުގަނޑުމެންގެ ޅަ ދަރީން ލައްވާ މަސައްކަތް ކުރުވާ އެ ކުދީންނަށް މަސައްކަތް ދަސްކޮށްދޭން ޖެހޭ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ. 

ހުތުބާގައި ބުނީ، ބޭނުންތެރި އެއްވެސް ހުއްދަ މަސައްްކަތެއް ކުރުމަށް އެކުދިން ޖެހިލުންވިޔަ ދީގެން ނުވާނެ ކަމަށެވެ.

"އެ ކުދިންނަށް މަސައްކަތް ދަސްކޮށްދީ، ޅައިރުއްސުރެ މަސައްކަތަށް ލޯބި ޖައްސުވައި ހީވާގި ބަޔަކަށް ހަދަން ޖެހޭނެއެވެ. އަމިއްލައަށް ކުރެވޭވަރުގެ ކަންކަން އަމިއްލައަށް ކުރުމުގެ އާދަ ހަރުލައްވަން އެބަޖެހެއެވެ. ގޭތެރެއާއި މުޖުތަމައުގެ މަސައްކަތުގައި ބައިވެރިވުމުގެ ރޫޙު އަށަގަންނުވަން އެބަޖެހެއެވެ. ބޭނުންތެރި ހުއްދަ އެއްވެސް މަސައްކަތެއް ކުރުމަށް ޖެހިލުންވިޔަ ދީގެން ނުވާނެއެވެ. މަސައްކަތް ކުރުމަކީ ހައްޤެކެވެ. އެއީ ޝަރަފެކެވެ. އެއީ ވާޖިބެކެވެ. އަދި އެއީ ކުރިއެރުމެއްކަމަށް ދެކި އެ ޝިއާރު އުފުލަން ޖެހޭނެއެވެ." ހުތުބާގައި ބުނެފައިވެއެވެ.

އަދި އިސްލާމްދީނަކީ އަޅުކަމާއި މަސައްކަތްތެރިކަމުގެ ދީން ކަމުގައިވެސް ހުތުބާގައި ބުނެފައިވެއެވެ.

"މުސްލިމު އަހުންނޭވެ. އިސްލާމްދީނަކީ އަޅުކަމާއި މަސައްކަތްތެރިކަމުގެ ދީނެވެ. އަދި ދުނިޔެއާއި އާހިރަތުގެ ދީނެވެ. އަދި ހަމަ އެއާއެކު. ފަރުދުންނާއި، ޖަމާއަތުގެ ވެސް ދީނެވެ. މިހެންކަމުން  ކޮންމެ މުސްލިމަކުވެސް، އަޅުކަމާއި އެންމެހައި ދީނީ ވާޖިބުތައް އަދާކުރުމާއެެކު، ދުންޔަވީ ޙަޔާތަށްޓަކައި މަސައްކަތް ކުރަން ޖެހެއެވެ." ހުތުބާގައި ބުނެފައިވެއެވެ.

ﷲ ތަޢާލާ ވަހީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

"ފަހެ ނަމާދުކޮށް އަވަދިވެއްޖެހިނދު، ފަހެ ތިޔަބައިމީހުން، ބިމުގައި ފެތުރިގަންނާށެވެ! (އެބަހީ: ހަޔާތުގެ މައިދާނަށް ނުކުންނާށެެވެ!) އަދި ތިޔަބައިމީހުން ﷲގެ ފަޟްލުވަންތަކަމުން (ދެއްވުމަށް) އެދޭށެވެ! އަދި ތިޔަބައިމީހުން ގިނަގިނައިން ﷲ ހަނދުމަކުރާށެވެ! އެއީ ތިޔަބައިމީހުން ދިންނަވައި ނަސީބު ލިބިގަތުމަށްޓަކައެވެ.

މީގެ އިތުރުން އިސްލާމްދީން ގޮވާލަނީ މަސައްކަތްނުކޮށް ކަންނެތްވެފައި ނުތިބުމަށް ކަމަށާއި، މުރާލިކަމާއި ހީވާގިކަމާއި އެކު ހުއްދަ މަސައްކަތްކޮށް، ރިޒުޤުހޯދައި އުޅުމަށް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ރަސޫލާ صلى الله عليه وسلم ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

"އިންސާނާ ކައިފި އެންމެ ޙަލާލުވެގެންވާ އެއްޗަކީ، އޭނާގެ މަސައްކަތުން ހޯދައިގެންފި އެއްޗެކެވެ."

ހުތުބާގައި ބުނީ ތިމާކުރާ ކޮންމެ ކަމެއްވެސް ކުރަންވާނީ، ވީ އެންމެ ފުރިހަމަ ގޮތަށެވެ.

ރަސޫލާ صلى الله عليه وسلم ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

"ހަމަކަށަވަރުން ތިޔަބައިމީހުންކުރެ މީހަކު މަސައްކަތެއް ކޮށްފިނަމަ ފަރުވާތެރިކަމާއިއެކު އެކަމެއް ކުރަން އޮތް އެންމެ ފުރިހަމަ ގޮތުގައި ކުރުމީ ﷲ ލޯބިވެވޮޑިގެންވާކަމެކެވެ."

ހުތުބާ ނިންމާލަމުން ވަނީ މަސައްކަތުގެ މާހައުލުގައި ހިނގާ ނުރައްކާތެރި ހާދިސާތައް މަދުކުރެވޭނީ އެ މަސައްކަތެއް ފަރުވާތެރިކަމާއި އެކު ކޮށްގެން ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު