ސަޖިދަވަޅުން ލިބޭ ރަޙްމަތް ތިބާއަށް ފެންނަނަމަ ސަޖިދައިން ތިބާ ނުތެދުވާނެއެވެ.

މުހައްމަދު ޝުޖާއު

ދުނިޔެއަށް އިންސާނާ ފޮނުއްވެވީ ވަރަށް ވެސް މަތިވެރި ސަބަބަކަށްޓަކައެވެ. ހެއްދެވި ފަރާތަށް އަޅުކަން ކުރުމަށް މެނުވީ އިންސާނާ ދުނިޔެއަށް ނުފޮނުއްވައެވެ. އެ ސަބަބައްޓަކައި އިންސާނުން ދުނިޔެއަށް ފޮނުއްވެވި ފަދައިން ޖިންނީން ވެސް ދުނިޔެއަށް ފޮނުއްވެވިއެވެ. އަދި ދުނިޔޭގެ ހަޔާތުގައި، ﷲ ސުބްހާނަހޫ ވަތައާލާއަށް އަޅުކަން ކުރުމަށް އަޅަމެން އެންމެނަށް އަމުރު ކުރެއްވެވިއެވެ. އަދި އިންސާނާ ދުނިޔޭގައި ހޭދަ ކުރާ ވަގުތުގައި ބާއްޖަވެރި ހަޔާތެއް ޤާއިމްކޮށް އެކަކު އެނަކަކަށް އެހީ ވުމުގަޔާއި، އިންސާނީ ދަރިފަސް ކޮޅު އާލާ ކުރުމަށް އެތައް ނިޢުމަތްތަކެއް އެކަލާނގެ ހަޒްރަތުން އިންސާނުންނަށް ދެއްވެވިއެވެ. އަދި ދުނިޔޭގައި އިންސާނާގެ ހަޔާތް ވޭތު ކުރާންވީ ގޮތް އަންގައި ދެއްވުމަށްޓަކައި ރަސޫލު ބޭކަލުންނާއި، ނަބީ ބޭކަލުން ދުނިޔެއަށް ފޮނުއްވަވާ، މާތްﷲ ބާވާލެއްވެވި ފުރިހަމަ ދީން ކަމުގައިވާ އިސްލާމް ދީން އުނގަންނައިދެއްވެވިއެވެ. އިންސާނާ މި ބިންމަތީގައި އަޅުކަން ކުރާނެގޮތް އެ ބޭކަލުން މެދުވެރިކުރައްވާ، ދަސްކޮށްދެއްވެވިއެވެ. 

އެކަލާނގެ ދެއްވެވި ނިޢުމަތް ތަކުގެ މަތިން މިއަދު އިންސާނާ މިވަނީ ހަނދާން ނެތިފައެވެ. އަމިއްލަ ނަފްސަށާއި، އަމިއްލަ ހަށިގަނޑާ މެދު ވިސްނާލާ ފިކުރު ހިންގާލި ކަމުގައިވިއަސް, ﷲ ސުބްހާނަހޫ ވަތައާލާ އިންސާނާއަށް ދެއްވެވި ނިއުމަތްތަކުގެ ފުރިހަމަ ކަން އެނގިގެން ދާނެއެވެ.

ފަސް ވަގުތު ނަމާދު ޤާއިމް ކުރުމަށް ކޮންމެ މުސްލިމެއްގެ މައްޗަށް ފަރުޟު ކުރައްވަވާ، ބަރާބަރަށް ނަމާދު ޤާއިމް ކުރާ މީހާއަށް ގިނަގުނަ ރަޙްމަތްތަށް ދެއްވާނެ ކަން އެކަލާނގެ ވަހީ ކުރެއްވެވިއެވެ. އަދި ނަމާދު ޤާއިމް ކުރާ މީހާއަށް ކާމިޔާބު ވާނެކަން އެކަލާނގެ އެންގެވިއެވެ. އެއަށްވުރެ މަތިވެރި ނިއުމަތެއް ވޭހެއްޔެވެ.

ސާބިތުކަމާއި، ޙުޝޫއަތްތެރި ކަމާއި އެކު ނަމާދު ޤާއިމް ކުރާމީހާއަށް ހުރި ނިއުމަތްތައް ވެސް ގިނަގުނައެވެ. ﷲ ސުބަހާނަހޫ ވަތައާލާގެ ހަޒްރަތުން ލިބިދޭ ނިއުމަތްތައް ގުނާ އަދަދު ކުރެވޭނަމަ، އުޑުގައިވާ ތަރިތައް ހުސްވެދާނެއެވެ. އަދި ބިންމަތީގައިވާ ވެލިފުށްތައް ވެސް ހުސްވެދާނެއެވެ.

ﷲ ސުބްހާނަހޫ ވަތައާލާއާއި އެންމެ ކުއްތަން ވެވޭނެ ވަގުތަކީވެސް އިންސާނާ އެކަލާނގެ ހަޒުރަތަށް ސަޖިދަައިގައި އޮންނަ ވަގުތެވެ. ދެކަކޫ މައްޗަށް ތިރިވެ، ބިންމަތީގައި ނިތްޖައްސާ ތިމާ އަކީ އެއްވެސް އާރެެއްބާރެއްނެތް މަހްލޫގެއްކަން ޤަބޫލް ކޮށް މާތްﷲ ހަޒްރަތަށް ހަމްދު ކޮށް ޝުކުރުކުރާ ވަގުތު ތިބާއަށް ލިބިދޭ ނިއުމަތްތައް ތިބާގެ ލޮލަށް ފެންނަ ނަމަ ތިބާ ސަޖިދައިން ނުތެދުވާނެއެވެ. މާތް ﷲ ހަޒްރަތުގައި ސަޖިދަކުރާ މީހާއަށް ހުރި ގިނަގުނަ ޘަވާބާއި ނިއުމަތްތަކުގެ ވާހަކަ ކީރިތި ޤުރުއާނުގައި ﷲ ސުބްހާނަހޫ ވަތައާލާ ވަހީ ކުރައްވާފައިވެއެވެ. އެގޮތުން ﷲ ސުބްހާނަހޫ ވަތައާލާ، ކީރިތި ޤުރުއާނުގައި ވަހީ ކުރައްވާފައިވާ އާޔަތެއްގެ މާނައިގައި ވެއެވެ. 

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ރުކޫޢު ކޮށް، ސަޖިދަ ކުރާށެވެ! އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އަށް އަޅުކަން ކުރާށެވެ! އަދި ތިޔަބައިމީހުން ހެޔޮ ކަންތައް ކުރާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި، ނަސީބު ލިބުމަށްޓަކަ އެވެ." (ސޫރަތް އަލް-ހައްޖު: 77 ވަނަ އާޔަތް)

މާތްﷲ ގެ ހަޒްރަތުގައި ސަޖިދަކުރުމުން އެކަލާނގެ އިންސާނާއަށް ނިއުމަތް ދެއްވައެވެ. އަދި އިންސާނާގެ ދަރަޖަ އުފުއްލަވައެވެ. ސަޖިދައިގައި އޮންނަ ހިނދު ތިމާ އަށް މި އޮވެވެނީ ކިހާ މަތިވެރި ދަރަޖައަކަށް ވާސިލުވެވިފައި ކަން އެނގޭ ނަމަ، ސަޖިދައިން ތެދުވާން ބޭނުންވާނެ ހެއްޔެވެ؟ ތިމާ އަށް މި އޮވެވެނީ ﷲގެ ހަޒްރަތުގައި ކަން އިހްސާސް ކުރެވޭ ނަމަ، މުޅި އުމުރު އެ ގޮތުގައި ހޭދަ ކުރަން ބޭނުން ނުވާނީ ކާކު ހެއްޔެވެ؟

ގިނަގިނައިން ﷲ ސުބްހާނަހޫ ވަތައާލާއަށް ސަޖިދަ ކުރާށެވެ. ހަމްދުކޮށް، ޝުކުރުވެރިވާށެވެ. އަދި ފާފަފުއްސެވުމަށް އެދި ދުއާ ކުރާށެވެ. ސަޖިދާގައި އޮވެ ތިބާ ބޭނުން ކޮންމެ ކަމަކަށް ﷲގެ ހަޒްރަތުގައި އެދި ދަންނަވާށެވެ. ދުޢާ ދެންނެވުމުގައި ތިބާގެ ހިތް މަޑުމޮޅިވެ އާދޭސް ދެންނެވި ވަރަކުން އެ ދުޢާއެއް އިޖާބަ ކުރެއްވުމުން އަވަސްވެގެންވެ އެވެ. 

މާތް ﷲ ހަޞްރަތުގައި ތިބާ ސަޖިދާގައި އޮންނައިރު ތިބާއަށް ލިބޭ ރަޙްމަތާއި، ނިއުމަތްތަކާއި، ފުއްސަވާ ފާފަތަށް ތިބާއަށް ފެންނަނަމަ ސަޖިދައިން ތިބާ ނުތެދުވާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު