އަނިޔާވެރިން ދެކެ ﷲ ލޯބިވެވޮޑިގެން ނުވާނެ ޑރ: މުޙައްމަދު އިޔާޟް

ފާތިމަތު ފަޔާޟާ
ޑރ. މުހައްމަދު އިޔާޒް. ފޮޓޯ އައްޑޫ ލައިވް ޑރ. މުހައްމަދު އިޔާޒް. ފޮޓޯ އައްޑޫ ލައިވް

ރާއްޖެ ފަސާދަކުރަމުންދާ އިސްލާމް ދީނުގެ ޢަދުއްވުންނާއިމެދު ފިޔަވަޅު އެޅުއްވުމުގެ ބަދަލުގައި އިޞްލާޙަށް މަސައްކަތްކުރާ މީހުންނާއިމެދު ފިޔަވަޅު އެޅުއްވުމަކީ އަނިޔާއެއް ކަމަށާއި އަނިޔާވެރިން ދެކެ ﷲ ލޯބިވެވޮޑިގެން ނުވާ ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ

އިޔާޟް މިހެެންވިދާޅުވެފައި މިވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް މުޚާތަބުކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

"ފަސާދަކުރާ މީހުންނާއިމެދު ފިޔަވަޅު އެޅުއްވުމުގެ ބަދަލުގައި އިޞްލާޙަށް މަސައްކަތްކުރާ މީހުންނާއިމެދު ފިޔަވަޅު އެޅުއްވުމަކީ އަނިޔާއެއް. އަނިޔާވެރިން ދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވޭ!." 

ޑރ. އިޔާޟް މިފަދަ ބަސްފުޅެއް ވިދާޅުވީ ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރާ އެމްޑީއެން އިން ނެރުނު "ސެޓަނިކް ރިފޯމް ޕޭޕަރސް"ގެ ޙަޤީޤަތް ރައްޔިތުންނަށް ހާމަކޮށްދެއްވަން ޤައުމީ ޔުނިވަރސިޓީގެ ލެކްޗަރަރ އިން ޢިލްމީ ޙަޤީޤަތް ހާމަކުރެއްވުން ހުއްޓުވަން އެމްއެންޔޫއިން ފިޔަވަޅުއެޅުމުންނެވެ. 

އެމްއެންޔޫގެ ޗާންސެލަރ ޑރ. ޙަސަން ޙަމީދު އިއްޔެ އެ ޔުނިވަރސިޓީގެ ލެކްޗަރަރ އިންނަށް އަނގަވާފައިވަނީ "ޤައުމީ ޔުނިވަރސިޓީގައި މަސައްކަތްކުރައްވާ އެއްވެސް ބޭފުޅަކު، މި މުޖުތަމަޢުގައި ބައިބައިވުން އުފައްދައި، އެއްބައަކު އަނެއް ބައަކާއިމެދު ރުޅިވެރިކަން އުފެދޭނެ ފަދަ ވާހަކަތައް މީސްމީޑިއާ އާއި، އެނޫންވެސް ވަސީލަތެއް މެދުވެރިކޮށް ފެތުރުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ޔުނިވާސިޓީގައި އެދިފައިވާ" ކަމަށެވެ. 

މިފަދަ އަމުރެއް މި ނެރުއްވީ ރައްޔިތުންގެ ކިހައިބައެއްގެ ތާއީދު އެކަމަށް އޮތްކަން ބެލުމަށްފަހުގައިކަން ހާމަކޮށްފައެއް ނުވެއެވެ. އެހެނީ މިހައިތަނަށް ކުރި ހުރިހާ ދިރާސާތަކުން ވެސް އެނގިފައިވަނީ ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތު ތާއީދު ކުރަނީ އިސްލާމް ދީން ރާއްޖެއިން ފުހެލަން މަސައްކަތްކުރާ މީހުންނާއިމެދު ފިޔަވަޅު އެޅުން އަވަސްކުރުމަށް ކަމެވެ. 

އިއްޔެ މެންދުރުފަހު އީމެއިލް މެދުވެރިކޮށް އެމްއެންޔޫގެ ހުރިހާ މުވައްޒަފުންނަށް ފޮނުވާފައިވާ އެ އެންގުމުގައި ވަނީ އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއް ކަމަށާއި މި ދަނޑިވަޅުވައި އެމްއެންޔޫގެ ބައެއް ލެކްޗަރާ އިން، ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދި، މުޖްތަމައު ހަލަބޮލި ވެދާނޭ ފަދަ ބީދައަކުން، އެ ރިޕޯޓާ ގުޅިގެން މީސްމީޑިޔާގައި ތަފާތު އެކި ހިޔާލު ފާޅުކުރަމުންދާކަން ސަރުކާރަށް ފާހަގަވެފައިވާ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު