ރަސޫލާ صلى الله عليه وسلم ދެކެ ލޯބިނުވާ މީހެއްގެ އީމާންކަން ފުރިހަމަ ނުވާނެ - ހުތުބާ

އަލީ އިބްރާހިމް
Flowers

ކީރިތި ރަސޫލާ  صلى الله عليه وسلم ދެކެ ލޯބިވުމަކީ އެހެން އިންސާނުންދެކެ ލޯބިވުމާއި އެއްފަދަ ކަމެއް ނޫން ކަމަށާއި އެކަމަކީ އީމާންކަމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނީ ރަސޫލާ صلى الله عليه وسلم  ދެކެ ލޯބިވުމަކީ މާތްﷲ އަށް ކުށްތަން ވުމުގެ ގޮތުން ކުރެވޭ މަތިވެރި އަޅުކަމެއް ކަމަށެވެ.

"ކީރިތި ރަސޫލާ صلى الله عليه وسلم އަށް ދެއްވާފައިވާ މަޤާމަކީ މަތިވެރި މަޤާމެކެވެ. ރަސޫލާ صلى الله عليه وسلم ދެކެ ލޯބި ވުމަކީ އެހެން އިންސާނުން ދެކެ ލޯބިވުމާއި އެއްފަދަ ކަމެއް ނޫނެވެ. صلى الله عليه وسلم ދެކެ ލޯބިވުމަކީ މާތްﷲ އަށް ކުށްތަންވުމުގެ ގޮތުން ކުރެވޭ މަތިވެރި އަޅުކަމެކެވެ. އީމާންކަމުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ." ހުތުބާގައިވެއެވެ.

މާތްﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "މުޢުމިނުތަކުންނަށް އެއުރެންގެ އަމިއްލަ ނަފްސުތަކަށްވުރެއް، ނަބިއްޔާ އައުލާކަން ބޮޑެވެ."

ރަސޫލާ صلى الله عليه وسلم  ހަދީޡް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. "ތިމަންކަލޭގެފާނުގެ ނަފްސު އެފަރާތެއްގެ އަތްފުޅުގައިވާ ކަލާނގެ ގަންދީ ވިދާޅުވަމެވެ. ތިޔަބައިމީހުންގެ އަމިއްލަ ނަފްސާއި، މުދަލާއި، ދަރީންނާއި އަދި އެންމެހައި މީސްތަކުންނަށް ވުރެ ތިމަންކަލޭގެފާނުގެ މައްޗަށް ލޯބިވުމަށް ދާންދެން، ތިޔަބައިމީހުންކުރެ އެކަކުވެސް އީމާންވިކަމުގައި ނުވެއެވެ"

ރަސޫލާ صلى الله عليه وسلم ދެކެ ލޯބިވުމަކީ އެކަމުގެ ސަބަބުން ޤިޔާމަތް ދުވަހު ތިބާއަށް މަންފާ ކުރާނެ ކަމެއް ކަމުގައިވެސް މިއަދުގެ ހުތުބާގައި ވަނީ ބުނެފައެވެ.

"މާތް ﷲ ރުއްސުންލެއްވި އަނަސް ބުން މާލިކުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ޢައުރާބީންގެ މީހަކު އައިސް  ރަސޫލާ صلى الله عليه وسلم އަށް ދެންނެވިއެވެ. ޤިޔާމަތް ވާނީ ކޮންއިރަކުން ތޯއެވެ؟ ހަދީޘް ކުރެއްވިއެވެ. "އެކަމަށްޓަކައި ތިބާ ތައްޔާރުކުރީ ކޮން ކަމެއްތޯއެވެ؟" އޭނާ ދެންނެވިއެވެ. ﷲ އާއި ރަސޫލާއަށް ލޯބިކުރުމެވެ. ހަދީޡް ކުރެއްވިއެެވެ. "ތިބާ ވާނީ ތިބާ ލޯބިވީ މީހުންނާއި އެކުގައެވެ.""

ރަސޫލާ  صلى الله عليه وسلم އަށް އަދަބު އިހްތިރާމް އަދާކުރުމަކީވެސް އެކަލޭގެފާނު ދެކެ ލޯބިވުމުގެ ގޮތުން ކުރެވިދާނެ ކަމެއް ކަމަށާއި، އެގޮތުން އެކަލޭގެފާނުގެ މައްޗަށް ސަލަވާތާއި ސަލާމް ލެއްވުން އެދި ދުއާކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބެއް ކަމަށްވެސް މިއަދުގެ ހުތުބާގައި ވަނީ ބުނެފައެވެ.

ހުތުބާ ނިންމާލަމުން ވަނީ އިންސާނުންނަށް ތެދުމަގު ދެއްކެވުމަށް ފޮނުއްވި ރަސޫލާ صلى الله عليه وسلم އަށް ސަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރުމަށް އެންމެހާ މުސްލިމުންނަށް ވަސިއްޔަތް ކުރައްވާފައެވެ.


Attack Liquid Detergent Plus Softener
ކިޔުންތެރިންގެ ހިޔާލު