ޖިންސު އޮޅުވާލުމުގެ ނުބައިކަން ހަމަ ނޭނގެނީ ހެއްޔެވެ؟

ޢަލީ ޔާމީން

ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމުން ދިރިއުޅެމުން އަންނަ ޤައުމެކޭ މީގެ ކުރިން އަޅުގަނޑުމެން ބުނެލީ ފަހުރުވެރިކަމާއި އެކު މޭގައި އަތް ޖަހާލަމުންނެވެ. ނަމަވެސް ޒަމާނީ އޮއެވަރާއި އެކު ދިވެހިންގެ ތެރެއިން ފެނުން އެތައް ކަމެއް މިވަނީ ބަދަލުވެފައެވެ. ހާއްސަކޮށް މާތްވެގެެންވާ އިސްލާމްދީނާއި ދުރު ކަންކަން މިދަނީ ދިވެހިންގެ ތެރޭގައި އާއްމު ވަމުންނެވެ.

"ހިޔާލު ފާޅުކުރުމުގެ މިނިކަންކަމޭ" ކިޔައި މާތްﷲ އާއި ރަސޫލާ މުހައްމަދުއް ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ބަދުބަސްބުނެ، ފުރައްސާރަކުރާ އެތައް ދިވެހިންނެއް އެބައުޅެއެވެ. ސިއްރާއި ފާޅުގައެވެ. ނަމަވެސް އެމީހުންގެ ދޫތައް މައިތިރި ކުރަން ކިރިޔާވެސް މަސައްކަތެއް ކޮށްލި ބަޔަކަށް ފެންނާން އޮތީ ރާއްޖޭގެ ދީނީ އިލްމުވެރީންނާއި، ހެޔޮވިސްނޭ މަދު ބައެކެވެ. ސަރުކާރުގެ މަތީ ފަޑީގައި ތިބި ފަރާތްތައް މިކަމުގައި ތިބީ "ހައްޕު" ކިޔައިގެންނެވެ.

ރާއްޖޭގައި، މީގެ ކުރިން އަންހެންވަންތަ ގޮތަކަށް ފިރިހެނުން ހެދުން އަޅައިގެން ނުވަތަ ފިރިހެންވަންތަ ގޮތަކަށް އަންހެނުން ހެދުން އަޅައިގެން އުޅެފިނަމަ އެވާހަކަ ދައްކާނެ އެތައް ދޫތަކެއް ވެއެވެ. އެކަމާއި ދެކޮޅަށް އެތައް ބަޔަކު އަޑު އުފުލައެވެ. ނަމަވެސް މަންޒަރު ބަދަލުވެ މިއަދު، ފާޅުގައި އެފަދަ ފަރާތްތައް ޖިންސު އޮޅުވާލައިގެން އުޅޭއިރު ގިނަ ދިވެހިންނަށް "ކަހާތާ ހިރުވާވެސް ނުލައެވެ". ގިނަ ދިވެހިންނަށް އެއީ މާ ބޮޑު މައްސަލައެއް ނޫނެވެ. އެފަރާތްތައް ދެކޭ ގޮތުގައި "މިނިވަންކަމަކީ" އެއީއެވެ.

މީހަކު ނުބައި މަގަކުން ކައްސާލައިގެން ދަނީ ނަމަ، ނުވަތަ ކަށިކުނބުރު ޖަންގައްޔަކަށް ވަންނަނީ ނަމަ އެމީހެއް ހެޔޮމަގަށް އެޅުވުމަކީ ދީނީ އަދި ޤައުމީ ވާޖިބެކެވެ. ހެޔޮ ގޮތް އޮޅުން ފިލުވައި ދިނުމަކީ ހަމަ އެކަނި ކަމާ ބެހޭ މުއައްސަސާތަކުގެ މަސްއޫލިއްތެއް ނޫނެވެ. އެކަަމަކީ އަޅުގަނޑުމެން ކޮންމެ މީހެއްގެ ކޮނޑުގައި އެޅިފައިވާ ފަރުދީ ޒިންމާއެކެވެ.

ޖިންސު އޮޅުވާލަން މަސައްކަތް ކުރާ ދިވެހިންގެ އަދަދު އިތުރުވެފައިވާއިރު، އެކަމުގެ ހުރި ނުބައިކަން ގިނަ މީހުންނަށް ނޭނގެނީބާއެވެ؟ ނުވަތަ ހައްޤު ގޮތް އެނގި ހުރެ ޖާހިލުކަން އިސްކުރެވެނީހެއްޔެވެ؟ 

ރަސޫލާ ޞައްލަﷲ އަަލައިހި ވަސައްލަމަ ވަނީ ޖިންސު އޮޅުވާލާ ފަރާތްތަކަށް ލައުނަތް ހުރިކަން ހާމަކުރައްވާފައެވެ.

لَعَنَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏الرَّجُلَ يَلْبَسُ لِبْسَةَ الْمَرْأَةِ وَالْمَرْأَةَ تَلْبَسُ لِبْسَةَ الرَّجُلِ މާނަ: "އަންހެނުންގެ ހެދުންއަޅާ ފިރިހެނާއި، އަދި ފިރިހެނުންގެ ހެދުންއަޅާ އަންހެނާއަށް ލަޢްނަތް ހުރިކަމުގައި، ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރެއްވިއެވެ."

އެހެން ޙަދީޘެއްގައިވެއެވެ: أَنَّ النَّبِيَّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏ لَعَنَ الْمُتَشَبِّهِينَ مِنْ الرِّجَالِ بِالنِّسَاءِ وَلَعَنَ الْمُتَشَبِّهَاتِ مِنْ النِّسَاءِ بِالرِّجَالِ 

މާނަ: "އަންހެނުންނާ ވައްތަރުވެގަންނަ ފިރިހެނުނަނަށާއި، ފިރިހެނުންނާ ވައްތަރުވެގަންނަ އަންހެނުންނަށް، ލަޢްނަތް ހުރިކަމުގައި، ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރެއްވިއެވެ."

ދުނިޔެއާއި އާޚިރަތުގައި ﷲ ލަޢްނަތްލައްވާ، އަދި މި ލަޢްނަތަށް މަލާއިކަތުން އާމީންކިއުއްވާފައިވާ މީހުންގެ ތެރޭގައި، ރަސުލާ މުހައްމަދުއް ޞައްލަﷲ އަލައިހި ވަސައްލަމަ ގުނުއްވާފައިވާ އެއްބަޔަކީ، ފިރިހެނެއްގެ ގޮތުގައި ﷲ އޭނާ އުފެއްދެވުމުން އަމިއްލައަށް އަންހެނަކަށްވެ އަންހެންދުޅާވާ މީހުންނާއި، އަންހެނެއްގެ ގޮތުގައި ﷲ އޭނާ އުފެއްދެވުމުން އަމިއްލައަށް ފިރިހެނަކަށްވެ ފިރިހެންދުޅާވާ މީހުންނެވެ.

އެހެންކަމުން ޖިންސު އޮޅުވާލުމަށް މަސައްކަތް ކުރާ ފަރާތްތައް ދެވަނަ ވިސްނުމަކަށް ދާން އެބަޖެހެއެވެ. އިސްލާހުވެ ހެޔޮމަގަށް ރުޖޫއަވުމަށް އަދި ވަގުތު އެބައޮތެވެ. ވިސްނައިފި މީހަކަށް އިބްރަތެއްވާކަން ކަށަވަރެވެ. ކާމިޔާބާއި ފަލާހް ލިބޭނީ މި ދުނިޔެ މަތީގައި ހެޔޮ އަމަލު ކުޅަ ބަޔަކަށެވެ. 

ކިޔުންތެރިންގެ ހިޔާލު
ޙުސައިން
ހެޑްލައިން އާއި ލިޔުން ގަނޑު ދިމާނުވޭ