ޒުވާނުން ޓީވީ ސީރީސްތައް ބެލުމުން ވިސްނުމާއި، ފިކުރަށް ނޭދެވޭ އަސަރު ކުރޭ: ޚުތުބާ

ޢަލީ ޔާމީން

ޒުވާނުން ޓީވީ، ސީރީސްތަކާއި، ފިލްމްތަކަށް ގެއްލިގެން ދިއުމަކީ، އެ ޒުވާނުންގެ ވިސްނުމާއި، ފިކުރަށް ނޭދެވޭ އަސަރުތައް ކުރާކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

"ހެޔޮ ގޮތުގައި ޗުއްޓީގެ ބޭނުން ހިފާށެެވެ!" މި މައުލޫއަށް މިއަދުގެ ހުކުރު ހުތުބާގައި ވާހަކަ ދައްކާފައިވާއިރު، ހުތުބާގައި ބުނީ ވަގުތުތަކީ ވަގަށް އަގުހުރި އެއްޗެއް ކަމަށެވެ. އަދި ހާއްސަކޮށް، ލިބޭ ހުސްވަގުތުތަކާއި، ޗުއްޓީއަކީ  ޒުވާނުން ބޭނުންވާ ލަނޑުދަނޑިތަކަށް ވާސިލްވުމަށްޓަކައި މަސައްކަތް ކުރުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ.

"މިއީ ސްކޫލު، މަދަރުސާތަކުގެ ދިރާސީ އަހަރު ނިމި ސްކޫލުގެ ކިޔެވުން ބަންދު ދުވަސްކޮޅެކެވެ. މި ދުވަސްތަކުގައި ބޭނުންތެރި އަދި ފައިދާ ކުރަނިވި ކޮންމެވެސް މަސައްކަތެއް ދަސްކުރުމަށް ސަމާލުކަން ދިނުމަށް ތިޔަ ޒުވާނުންނަށް ވަސިއްޔަތް ކުރަމެވެ. ބޭކާރު ކަންތައްތަކުގައި ވަގުތު ނަގާލުމުގެ ބަދަލުގައި އިސްލާމްދީން ހުއްދަކުރާ އަދި ދުނިޔެވީ ގޮތުން ފައިދާ ކުރަނިވި ކޮންމެވެސް ހުނަރެއް ކުރިއެރުވުމަށް ނުވަތަ އެފަދަ މަސައްކަތެއް ކުރުމަށް ނަސޭހަތްތެރިވަމެވެ" މިއަދުގެ ހުކުރު ހުތުބާގައި ވެއެވެ.

 ހުތުބާގައި ވަނީ، ޗުއްޓީގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް ކީރިތި ގުރުއާން ކިޔެވުމުގައި ވަގުތު ހޭދަކޮށް، މިސްކިތާއި ރައްޓެހި، ނަމާދު ކުރާ ކުއްޖަކަށް ވުމަށް ނަސޭހަތްތެރިވެފައެވެ.

މީގެ އިތުރުން ޚުތުބާގައި ވަނީ، ސްކޫލްތައް ބަންދުވިޔަސް، ރަނގަޅު ގޮތުގައި، ޗުއްޓީ ހޭދަ ކުރުމަށް ދަރިންނަށް ނަސޭހަތް ދިނުމާއި، އުޅެންވީ ކޮން ކަހަލަ އެކުވެރިންނަކާއި އެކީގައި ކަމާއި، ދުނިޔެވީ ވަގުތުތައް ހެޔޮގޮތުގައި ހުފުމަށް ދަސްކޮށްދިނުމަށް ގޮވާލައިފައެވެ.

އަދި  ޗުއްޓީގެ ހުސް ވަގުތުތަކުގައި ގިނަ ބަޔަކު ޓީވީ ސްކްރީންގެ ކުރިމަތީގައި އަގުހުރި ވަގުތުތަކެއް ނަގާލާ ކަމަށް ހުުތުބާގައި ބުނެފައިވެއެވެ.

"އެއީ އޭގެ ސަބަބުން އެ ކުދިންގެ ސިކުނޑި އާއި ހަށިގަނޑު ހެދި ބޮޑުވުމުަށް ނުހުނު ބޮޑަށް ގެއްލުން ލިބޭ ކަމެކެވެ" ޚުތުބާގައި ވެއެވެ.

އިސްލާމްދީނަށް ފުށޫ އަރާ ސަގާފަތްތައް ދައްކުވައިދޭ ސީރީސްތައް ކެނޑިނޭޅި ބަލަމުން ގެންދިއުމުން، ޒުވާނުންގެ ހިތްތަކާއި، ސިކުނޑިތަކަށް ނޭދެވޭ އަސަރުކުރާ ކަމަށް ހުތުބާގައި ވެއެވެ.

ހުތުބާ ނިންމާލަމުން ވަނީ ހުސްވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އަޅުގަނޑުމެން އެންމެންނަށް ވަސިއްޔަތް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު