ކޯޓުން ބޭރުގައި ކުރެވޭ ކައިވެނިތަކުން ލިބޭ ކުދިން އެތައް ހައްޤަކުން މަހްރޫމްވޭ: ހުތުބާ

ޢަލީ ޔާމީން

ޝަރުއީ ހަމަތަކާ އެއްގޮތަށް ކައިވެނިކުރަން ވާނީ ގިނަބަޔަކަށް އެނގޭނެހެން ފާޅުކަން ބޮޑު ގޮތެއްގައި ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

ހުތުބާގައި ބުނެފައިވަނީ ކައިވެނި ކުރުމަށްޓަކައި އިސްލާމްދީނުގައި ވަކި ހަމަތަކަކާއި އުސޫލުތަކެއްވާ ކަމަށާއި އެކަންކަމަށް ގާނޫނާއި ގަވާއިދުތަކެއް ހެދިފައިވާ ކަމަށެވެ.

ހުތުބާގައި ބުނީ ކޯޓުން ބޭރުގައި ކުރެވޭ ކައިވެނިން ލިބޭ ކުދިން އެތައް ހައްޤުތަކުން މަހްރޫމްވާ ކަމަށެވެ.

"އެއީ ސައްހަ ދަރިއެއް ކަމުގެ އެއްވެސް ލިޔުމެއް އަދި ހެއްކެއް ވެސް ނޯވެއެވެ. ޝަރުއީ ހަމަތަކާ އެއްގޮތަށް ކުރެވޭ ކައިވެނި ކުރަންޖެހޭނީ ވީހައިވެސް ގިނަ ބަޔަކަށް އެނގޭނެހެން ފާޅުކަން ބޮޑު ގޮތަކަށެވެ. ކައިވެނި ކުރުމަށްފަހު ވަލީމާ ދިނުން ޝަރުއު ކުރައްވާފައިވަނީ މި ސަބަބަށްޓަކައެވެ. މިއާ ހިލާފަށް، ދިފައިވާ ގާނޫނުތަކާއި އުސޫލުތަކަށް ނުފެތޭ ގޮތަށް ސިއްރުން ކައިވެނީގެ ނަމުގައި ގުޅޭ ގުޅުމަކީ ގާނޫނާ ހިލާފު އިސްލާމީ ޝަރީއަތާ ވެސް ބީރައްޓެހި އަމަލެކެވެ. އެފަދަ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅެން ޖެހޭނެއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ހުތުބާގައި ބުނީ އިސްލާމްދީނަށް ނިސްބަތްވާ ބަޔަކު އެދީނުގެ ނަމުގައި ފަތުރާ ދީނާ ހިލާފު ފިކުރުތަކާއި ކުރާ ބައެއް އަމަލުތަކުގެ ނުރައްކާ ބޮޑު ކަމަށެވެ. އަދި އެފަދަ މީހުން ދީނުގެ ބައެއް ހުކުމްތަކަށް ކަނޑައެޅިގެން ދެކޮޅު ހަދާ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

"އަދި އެ ސަރުކާރުގެ މުވައްޒަފުންނަކީ ކާފިރުން ކަމުގައި ނިންމައި، އެމީހުންގެ ފަހަތުގައި ނަމާދުކުރުން ހުއްޓާލައެވެ. އެމީހުން ދިރިއުޅޭ ބިމަކީ ދާރުލް ކުފުރު ކަމުގައި ނިންމައެވެ. މި ނުބައި ނިންމުންތަކުގެ ސަބަބުން އެގައުމުގެ މީހުންގެ މުދާ ފޭރުމާއި، މެރުން ހުއްދަ ކުރެއެވެ. މިވަރުން ނިމުނީއެއް ނޫނެވެ. މިފަދަ މީހުން އެހެން މީހުންނާ މުޅިން ވަކިވެގަނެއެވެ. އެހެން މީހެއްގެ ސަލާމަށް ޖަވާބެއް ނުދެއެވެ. ވަރި ކައިވެނީގެ މުއާމަލާތްތައް ގިނައިން ކޮށް އުޅެނީ އެމީހުންގެ މީހުންނާ އެކަންޏެވެ. އެމީހުން ކައިވެނި ކުރާކަށް ޝަރުއީ ކޯޓުތައް ކަމަކު ނުދެއެވެ. ނަމާދު ކުރުމަށް މިސްކިތްތައް ކަމަކު ނުދެއެވެ. ސަރުކާރުގެ އެއްވެސް ވަޒީފާއެއް ހުއްދައެއް ނުކުރެއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ އެ ނުރައްކާތެރި ވިސްނުމުގެ މީހުން ދެކޭގޮތުގައި އަންހެން ދަރިންނަށް ކިޔަވައިދިނުމަކީ އަދި ދަރިންނަށް ވެކްސިން ދިނުމަކީވެސް ހުއްދަ ކަމެއް ނޫން ކަމަށެވެ.

ހުތުބާ ނިންމާލަމުން ވަނީ އަޅުގަނޑުމެން އެންމެންނަށް ހެޔޮ މަގު މިންވަރުކުރައްވާ އިސްލާމްދީނުގެ މަތީގައި ސާބިތުވެ ތިބުމުގެ ހެޔޮ ތައުފީޤު ދެއްވުން އެދި މާތްﷲ ހަޞްރަތުގައި ދުޢާ ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު