ރައްޔިތުންނަށް އޮޅޭފަދަ ގޮޮތްގޮތަށް ހަބަރުތައް ނުގެނައުމަށް އިލްތިމާސް ކުރަން: ޚުތުބާ

ފާތިމަތު ނަޒީހާ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ކަމާއި އެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްއަށް އަލިއަޅުވާ ލަމުން ޚުތުބާ ގައި ބުނެފައިވަނީ މިފަދަ ނުރައްކާތެރި ބައްޔެއް ފެތުރެމުންދާ ދަނޑިވަޅެެއްގައި ރައްޔިތުންނަށް ތެދު މައުލޫމާތު އުނި އިތުރު ކަމެއް ނެތި ފޯރުކޮށްދިނުމަކީ ހަބަރު ފަތުރާ ވަސީލަތްތަކުގެ ޒިންމާއެއްކަމުގައެވެ.

މިިކަމަށް އިލްތިމާސްކޮށްފައި މިވަނީ ހަބަރު ފަތުރާ ވަސީލަތް ތަކާއި ސޯޝަލް މީޑިއާގައި މިވައިރަސްއާއި ބެހޭ މައުލޫމާތު ތަފާތު ގޮތްގޮތަށް ދައުރުވަމުން ދާ ދަނޑިވަޅެއްގައެވެ. ޚުތުބާގައި އިތުރަށް އަލި އަޅުވާލާފައިވަނީ ބަލިމަޑުކަން ފެށެން ޖެހޭ މައިގަނޑު ސަބަބުތަކުގެ މައްޗަށެވެ. އެގޮތުން އިންސާނުންގެ ތެރޭގައި ބަލިމަޑުކަން ފެތުރޭ މައިގަނޑު ދެ ސަބަބެއް ވަނީ ޚުތުބާގައި ފާހަގަކޮށްފައެވެ. އެގޮތުން އެއް ސަބަބަކީ އިންސާނުންގެ ތަޤްވާވެރިކަން އިމްތިހާނު ކުރުމެވެ. ދެވަނަ ސަބަބަކީ އިންސާނުންގެ ތެރޭގައި ފާފަކުރުން ގިނަވެގެން ދިއުމެވެ.

މިކަމަށް އަލި އަޅުވާލައި ގެނެސްދީފައިވާ ކީރިތި ރަސޫލާގެ ހަދީޘް ބަސްފުޅުގެ މާނައިވަނީ " އެއްވެސް ބައެއްގެ ތެރޭގައި ފާޙިޝް އަމަލުތައް ފާޅުވެ، އެކަމަށް އެބައިމީހުން ޢާއްމުކޮށް ގޮވާލަން ފަށައިފިނަމަ، އެއުރެންގެ އިސްވެދިޔަ އުއްމަތްތަކުގައި ނުވާފަދަ ބަލިތަކާއި ޠާޢޫން އެބައިމީހުންގެ މެދުގައި ޢާއްމުނުވެ ނުދާހުއްޓެވެ."

މިފަދަ ބަލިމަޑުކަމުން ސަލާމަތްވުމަށް އާއްމު ސާފުތާރުކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް ޚުތުބާގައި ވަނީ ގޮވާލާފައެވެ. އަދި މިފަދަ ބަލިމަޑުކަމެއް ފެތުރެން ފެށުން މިއީ ﷲގެ ރަޙްމަތުން އުއްމީދު ކަނޑާލަން ޖެހޭ ސަބަބެއް ނޫން ކަމުގައިވެސް ޚުތުބާގައި ވަނީ ބުނެފައެވެ. 

އިތުރަށް ޚުތުބާގައި ބުނެފައިވަނީ ހެޔޮ ސިއްހަތަކީ އިންސާނާއަށް ދެއްވާފައިވާ ވަރަށް ނިއުމަތެއްކަމަށާއި އެއީ އިންސާނާގެ ބޮލުގައި އެޅުވިފައިވާ ރަންތާޖެއް ކަމަށެވެ. އަދި މިނިއުމަތަށް އުރެދެމުންދާ މިންވަރު މިކުޑަކުޑަ މުޖްތަމަޢުއިންވެސް ފެންނަމުން ދާކަމުގައެވެ. އެގޮތުން މަހެއްގެ މައްޗަށް އެތަށް ބަޔަކު ކެންސަރުގެ އެކިިއެކި ބައްޔަށް އައިޖީއެމް ހޮސްޕިޓަލްގައި ރަޖިސްޓްރީ ކުރެވެމުން ދިއުމަކީ މިކަމުގެ ހެއްކެއްގެ ގޮތުގައިވަނީ ފާހަގަ ކޮށްފައެވެ. 

އެހެންކަމުން އިންސާނުންނަށް ލިބިފައިވާ މިފަދަ ނިއުމަތްތަކަށް އިހްމާލުވުމުގެ ބަދަލުގައި ހަށިގަނޑަށް ފައިދާހުރި ތަކެތި ކައިގެން އުޅުމަށްވަނީ ވަޞީޔަތްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު