ދަރިންނަކީ މާތްﷲ ކޮންމެ ދެމަފިރިއަކާއި ހަވާލުކޮށްފައިވާ އަމާނާތެއް!!

ނަފްހާ ހަމީދު

އިސްލާމްދީނަކީ މިއުންމަތަށް ފޮނުއްވުނު އެންމެ މާތް ދީނެވެ. ދީނުގައި އެންމެ ބޮޑު އަހަންމިއްޔަތު ކަމެއް ދެވިފައިވާ ކަންތައްތަކުގެ ތެރޭގައި ދަރިން ހެޔޮގޮތުގައި ރަނގަޅަށް ބަލަހައްޓައި އެ ދަރިންނަށް ހެޔޮމަގު ދެއްކުމަކީ އަޅުގަނޑުމެން މައިންބަފައިގެ ބޮލުގައި އެޅިފައިވާ ވަރަށް ބޮޑު ޒިންމާއެކެވެ. 

ކޮންމެ ދެމަފިރިއެއް ޒަވާޖީ ޙަޔާތެއް އެކުގައި ފަށައިގެން ކުރިޔަށް ގެންދާނީ ވަރަށް ފޮނި އުންމީދުތަކެއް ކުރަމުންނެވެ. މި ހުވަފެންތައް ހަގީގަތަކަށްވެ، ކުލަޖެހިގެންދަނީ  ގިނަފަހަރަށް އާއިލާއަށް އިތުރު މެމްބަރަކު އަންނަން އުޅޭ އުފާވެރި ޚަބަރު ލިބޭ ހިސާބުންނެވެ. ކުޑަކުއްޖަކު ދުނިޔެއަށް އަންނަން އުޅޭކަމުގެ ޚަބަރު ލިބި އެކަމަށް އެންމެ ފުރިހަމައަށް ތައްޔާރު ވެވޭތޯ ބަލައި، އެ ދަރިފުޅަށް ބޭނުންވާނޭ ހުރިހާ ތަކެއްޗެއް ހޯދޭތޯ އަޅުގަނޑުމެން ވަރަށް ގިނަކަންތައްތަކެއް ކުރަމުއެވެ. 

ދަރިން ތަރުބިއްޔަތު ކުރުމުގެ ފުރަތަމަ ބިންގަލަކަށް، އެދަރިންނާއެކު ވީހާވެސް ގިނަ ވަގުތު ހޭދަކޮށް އެދަރިންގެ އިހްސާސްތައް ދަނެގަތުމަކީ މިއަދުގެ މުޖްތަމައުގެ ގިނަ މައިންބަފައިންނަށް އަޅާލުން ވަރަށް ކުޑަކުރެވިފައިވާ ކަމެކެވެ.  އެންމެ ތުއްތު އިރުން ފެށިގެން ދަރިންނާއި ގިނައިން ވާހަކަ ދައްކައި، ދަރިފުޅަށް އަޑު އަޑު ލައްވަން ދަސްކޮށްދިނުމުން ދަރިފުޅަށް ވާހަކަ ދައްކަން ފަށައިގަންނަން ފަސޭހަ ވުމުގެ އިތުރުން، ދަރިފުޅާއި މަންމައާއި ބައްޕައާއި އޮންނަ ގުޅުން ވަރުގަދަވެގެން ދެއެވެ. ތުއްތު ދަރިފުޅަށް ލޯތްބާއި މަޑުމައިތިރިކަމާއި އެކު ވާހަކަ ދެއްކުމުން އެ ދަރިފުޅަށް ރައްކާތެރިކަން އިޙްސާސް ކުރެވި، މައިންބަފައިންގެ މައްޗަށް އޮންނަ އިތުބާރު ބޮޑުވެގެންދެއެވެ.

ތަރުބިއްޔަތު ކުރުމުގައި ބެލިދާނެ ކަންތައް ތަކުގެ ތެރޭގައި ދަރިފުޅާ ގިނަގިނައިން ވާހަކަ ދައްކާ އަދި ތުއްތު ދަރިފުޅު އަޑުތައް ލައްވައި ހެދުމުން، އެއަށް އިޖާބަ ދިނުމުގެ ގޮތުން އެއަޑު ތަކުރާރުކުރުމާއެކު، ޖަވާބު ދޭށެވެ. މިކަމުގެ ސަބަބުން ދަރިފުޅަށް ބަސް ދަސްކުރަން ފަސޭހަވެއެވެ. ދަރިފުޅު ކުރާ ކަންތައް ކައިރިން ބަލަމުން ދަރިފުޅު ކުރާ ކަންކަމަށް އިޖާބަދޭށެވެ. ވާހަކަ ،މިއުޒިކް ،ޤުރުއާން ކިޔައިދޭށެވެ. މިއީ ދަރިފުޅަށް އަޑުތައް ނަގައިގަތުމާއި، ވާހަކަ ދެއްކުމަށް އެހީތެރިވެދޭނެ ކަމެކެވެ. އަދި ހަމައެހެންމެ މިކަމުން ދަރިފުޅުގެ ސިކުނޑި ހެދިބޮޑުވުމަށް އެހީތެރިވެދެއެވެ. ތުއްތު ދަރިފުޅަށް އަބަދުވެސް އޯގާތެރިވެ، ލޯތްބާއި ސަމާލުކަން ދޭށެވެ. ތުއްތު ދަރިފުޅު ކައިރީގައި ގިނަ ވަގުތު ހޭދަކުރާށެވެ. މިއީ ތުއްތު ދަރިފުޅަށް އަލާޅުމާއި، ރައްކާތެރިކަން ލިބޭކަން އިހުސާސް ކޮށްދޭ ކަންކަމެވެ.
ދަރިންނަށް ހަމައެކަނި އަގުބޮޑެތި ތަކެތި ހޯދައި ދިނުމަކީ އެ ދަރިންދެކެ ލޯބިވުން ކަމަށް ދެކޭ މައިންބަފައިންވެސް އަޅުގަނޑުމެންގެ ތެރޭގައި އުޅެޔޭ ބުނުމަކީ މުޅިޔަކުން ދޮގަކަށް ނުވެއެވެ. ނަމަވެސް އެ ދަރިންނަށް އިސްލާމްދީނުގެ ރަނގަޅު ތަރުބިއްޔަތުދީ، އެދަރިންނަކީ ހެޔޮލަފާ ޞާލިޙް ދަރިންތަކެއްގެ ގޮތުގައި ބޮޑުކުރެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރުމަކީ އެދަރިންގެ ދެދުނިޔެއަށްޓަކައިވެސް ކޮންމެ މަންމައަކާއި ބައްޕައެއްގެ އެދަރިންނަށް އަދާކޮށްދޭންޖެހޭ އެންމެ މުހިންމު ކަންތަކެވެ.
ކުޑަ ދަރިފުޅު ދުނިޔެއަށް އަންނަ ހިސާބުން އެ ދަރިފުޅަށް ރަނގަޅު ރިވެތި ވެގެންވާ ނަމެއް ކިޔުމާއި،  އެދަރިފުު ބަލިވުމުން ބޭސް ކުރުމާއި،  ރަނގަޅު ތަރުބިއްޔަތެއް ދިނުމާއި، އަޅާލުމާއި ލޯބި ދީގެން އެދަރިފުޅު ބޮޑުކުރުމަކީ އަޅުގަނޑުމެން އެކަންތައްތަކާއިމެދު އާޚިރަތް ދުވަހުން ޖަވާބުދާރީވާން ޖެހޭނޭ ކަންތައްތަކެވެ. ހެޔޮލަފާ ޞާލިހު ދަރިންތަކެއް ތަރުބިއްޔަތު ކުރުމަކީ އެކަމުން އެކަމުގެ ނަތީޖާ ފޮނިވެގެންދާނޭ ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު
ޙުސްނުހީނާ
މިއުޒިކޭ