އަވަށްޓެރިންނަށް ހެޔޮކޮށްހިތުން (ފަހުބައި)

އައިޝަތު ނިއުޝާ

އެހެން ކަމުން ކޮންމެ މުސްލިމަކުވެސް އަނެއް މުސްލިމަކަށް އަދާކޮށްދޭންޖެހޭ ޙައްޤުތަކެއް ވާއިރުގައި އަވަށްޓެރިންނަށް ކަމޭހިތުމަށް މިވަނީ ނުހަނު ބާރުއަޅުއްވާފައެވެ. އެއީ މުސްލިމުންގެ މިސާލަކީ އެއްބަނޑު އެއްބަފާ ބައެއްގެ މިސާލު ކަމުގައިވާތީއެވެ. ކީރިތި ޤުރުޢާނުގައި، ޙުޖުރާތު ސޫރަތުގެ 10 ވަނަ އާޔަތުގައި، ﷲ ތަޢާލަ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ.

މާނައީ: "މުޢުމިނުންނަކީ އެއްބަނޑު އެއްބަފާ ބަޔަކު ކަމުގައި މެނުވީ ނުވެއެވެ."

ހަމަ އެހެންމެ މިކަން ބަޔާން ކުރައްވައި، މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. ("މުޢުމިނުން އެއްބަޔަކު އަނެއްބަޔަކަށް ލޯބިވުމުގައްޔާއި، ރަޙުމުކުރުމުގައްޠާއި، އޯގާތެރިވުމުގައި، އެމީހުންގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލެވެ. އެ ހަށިގަނޑުން ގުނަވަނެއްގައި ވޭން އަޅާއިފިނަމަ، މުޅި ހަށިގަނޑު އެގުނަވަނާއި ހޭލާހުރުމުންނާއި ހުންއައުމުން ބައިވެރިވެއެވެ.")

ހަމަ އެހެންމެ މުސްލިމުން އެއްބަޔަކު އަނެއްބަޔަކު ދެކެ ލޯބިވާން ޖެހޭނެކަމާއި އަދި އަދި އަޚުންތަކެއް ކަމުގައި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަޔާން ކުރައްވައި ޙަދީޘްކުރައްވާފައިވެއެވެ.

("لَا يُؤْمِنُ أَحَدُكُمْ حَتَّى يُحِبَّ لِأَخِيهِ مَا يُحِبُّ لِنَفْسِهِ". )

މާނައީ: "ތިބާގެ އަމިއްލަ ނަފްސައް ލޯބިކުރާ ގޮތް ތިބާގެ އަޚާއަށްޓަކައި ލޯބި ކޮށްފުމަށް ދާންދެން ތިޔަބައިމީހުން ކުރެ އެކަކުވެސް އީމާންވީ ކަމުގައި ނުވެއެވެ." رَوَاهُ الْبُخَارِيُّ [رقم:13]، وَمُسْلِمٌ [رقم:45]

އަވަށްޓެރިޔާ ބޭނުންޖެހިފައިވާ ކަންތައްތައް ބަލައި އެކަންތައްތައް ބަލައި އެކަންތައްތައް ކޮށްދެވޭތޯ މަސައްކަތް ކުރުމަކީ ކައިރީގައި ދިރިއުޅޭ އަވަށްޓެރިން ކުރަންޖެހޭ ކަމެކެވެ. މީސްތަކުންނަށް ހެޔޮކޮށްހިތުމަށް އަންގަވައި މާﷲ ވަޙީ ކުރައްވާފައިވެއެވެ.

(مَّنْ عَمِلَ صَٰلِحًا فَلِنَفْسِهِۦۖ وَمَنْ أَسَآءَ فَعَلَيْهَاۗ وَمَا رَبُّكَ بِظَلَّٰمٍ لِّلْعَبِيدِ) 

މާނައީ: "صالح عمل އެއްކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެކަމުގެ ދަރުމަހުރީ އެމީހާގެ އަމިއްލަ نفس އަށެވެ. އަދި ނުބައި عمل އެއްކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެކަމުގެ ހަލާކުހުރީ، ހަމަ އެ نفس ގެ މައްޗަށެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އަޅުތަކުންނަށް އަނިޔާވެރިވެވޮޑިގެންވާ ކަލަކުކަމުގައެއް ނުވެއެވެ." (فصلت 41:46)

ތިމާ ދިރިއުޅޭ ގެ ވަށައިގެން ދިރިއުޅޭ އަވަށްޓެރިއަކަށް، ތިމާ ހިތް ނޭދޭ ކަމެއް ކުރެވިގެން އެކަމަކަށް މަޢާފަށް އެދިއްޖެނަމަ މަޢާފު ކުރަންވާނެއެވެ. މަޢާފުކުރުމުގެ މާތްކަން ބަޔާންކުރައްވައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

وَلَمَن صَبَرَ وَغَفَرَ إِنَّ ذَٰلِكَ لَمِنْ عَزْمِ ٱلْأُمُورِ

މާނައީ: "އަދި ހަމަކަށަވަރުން، ކެތްތެރިވެ، عفو ކުރިމީހާ (ދަންނާށެވެ!) ހަމަކަށަވަރުން، އެކަންކަންވަނީ، عزم ކަނޑައަޅަންޖެހޭ ކަންތައްތަކުގެ ތެރެއިންކަން ކަށަވަރެވެ." (الشورى 42:43)

މާތް ނަބިއްޔާ ގެ ބަސްފުޅެއްގައި ވެއެވެ. ("މާތް ﷲ އާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ، ފަހެ އެމީހަކު އަވަށްޓެރިންނަށް އުނދަގޫ ނުކުރާހުށިކަމެވެ.") (ސަޙީހް ބުޚާރީ، ޙަދީޘް ނަންބަރު، 6018)

އިސްލާމްދީނުގައި އަވަށްޓެރިއާމެދުގައި ކަންތައް ކުރައްވާފައިވާގޮތް

ރަސޫލާ صلى الله عليه و سلم ގެ ޙަޔާތްޕުޅުގައި، އެކަލޭގެފާނު ވީހާވެސް ރަނގަޅަށް އަވަށްޓެރިޔައާ މެދުގައި ޢަމަލުކުރުމަށް ޞަޙާބީ ބޭކަލުންނަށް އަންގަވާފައެވެ. އެގޮތުން އެކަލޭގެފާނު ޙަދީޡްކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ.

މާނައީ: ("ﷲ އާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ އޭނާގެ އަވަށްޓެރިޔާ އަށް ހެޔޮކޮށް ހިތާހުށި ކަމެވެ.")

ހަމަ އެހެންމެ، އަވަށްޓެރިޔާގެ ޙާލުބަލާ އޭނާގެ ކަންކަމުގައި އެހީތެރިކަން ފޯރުކޮށް ދިނުމާ ބެހޭގޮތުން، ރަސޫލުﷲ صلى الله عليه و سلم ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ.

މާނައީ: ("އޭނާގެ އަވަށްޓެރިޔާ ބަނޑުހައި ހޫނު ކަންމަތީގައި ހުރިކަން އެނގިހުރެ، ބަނޑު ފުރައިގެން ހުރެއްޖެ މީހާ އަކީ އީމާން ވެގެންވާ މީހެއް ނޫނެވެ." ) (ސުނަން ތިރްމިޒީ، ޙަދީޘް ނަންބަރު، 1943)

ސަލަފުއް ޞާލިޙުން އަވަށްޓެރިންގެ ގެތަކަށް ޒިޔާރަތްކޮށް ހެދިއެވެ. އަދި އެމީހުންނަށް ކަމެއް ބޭނުންވެފައިވޭތޯ ބަލައި، އޮޅުން ފިލުވައި ހެއްދެވިއެވެ. ހަމަ އެހެންމެ އެޒަމާނުގައި، ބައެއް ޞަޙާބީންނަށް ހަދިޔާއެއް ލިބުމުން، އަވަށްޓެރިންނަށް އޭގެން ބައެއްފޮނުއްވައެވެ. ދެން އެ އަވަށްޓެރިޔާ އެހެން އަވަށްޓެރިޔަކަށް ބައި އަޅައި، މިގޮތަށް އެތަށް ގެޔަކަށް ބައިއެޅެމުން ދެއެވެ.

އަވަށްޓެރިޔާ އަށް ގޯނާ ކުރުމަކީވެސް އަހަރެމެން ފާފަވެރިވާނެ ކަމެކެވެ. މިކަމުން ދުރުހެލިވުމަށް އަމުރު ކުރައްވާ ކީރިތި ރަސޫލާ صلى الله عليه و سلم ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ.

މާނައީ: ("ﷲ ގަންދީ ބުނަމެވެ. އެމީހަކު އީމާނެއް ނުވެއެވެ. ﷲ ގަންދީ ބުނަމެވެ. އެމީހަކު އީމާނެއް ނުވެއެވެ. ﷲ ގަންދީ ބުނަމެވެ. އެމީހަކު އީމާނެއް ނުވެއެވެ." ދެންނެވުނެވެ. "ﷲ ގެ ރަސޫލާ އެވެ. ކާކުތޯ އެވެ؟" ޙަދީޘް ކުރެއްވިއެވެ. "އެމީހެއްގެ ތުރާތަކުން އޭނާގެ އަވަށްޓެރިޔާ ސަލާމަތް ނުވާ މީހާ އެވެ." ) (ޞަޙީހް ބުޚާރީ، ޙަދީޘް ނަންބަރު، 6016)

ރަސޫލާ صلى الله عليه و سلم އަވަށްޓެރިންނަށް ހެޔޮކޮށްހިތާނެގޮތް އަހަރެމެންނަށް އަންގަވާދެއްވާފައިވެއެވެ.

އެގޮތުން
ﷲއަށާއި އާޚިރަތްދުވަހަށް އީމާންވާމީހާ އަވަށްޓެރިންނަށް ހެޔޮކޮށްހިތުމަށް
އަންގަވާފައިވެއެވެ. ހަމަ އެހެންމެ ﷲ އަށާއި އާޚިރަތްދުވަހަށް އީމާންވާމީހާ މެހެމާނުންނަށް
މެހުމާންދާރީ އަދާކުރުމަށް ވަނީ އަންގަވާފައެވެ. އަދި ﷲ އަށާއި އާޚިރަތްދުވަހަށް
އީމާންވާމީހާ، ރަނގަޅު ހެޔޮ ވާހަކަ ދެއްކުމަށާއި އެހެންނޫން ނަމަ އެއްވެސް
ވާހަކައެއްނުދައްކައި ހަނުހުރުމަށްވެސް ވަނީ އަންގަވާފައެވެ.

އަވަށްޓެރިންގެ ޙައްޤުތަށް

ދީނީ ތަފާތު އެކިއެކި ލިޔުންތަކުގައި، އަވަށްޓެރިންގެ ޙައްޤުތަކުގެ ގޮތުގައި ބަޔާންކުރައްވާފައިވާ ބައެއް ކަންތައްތައް ތިރީގައި މިވަނީއެވެ.

  • އިސްނަގާ އަވަށްޓެރިންނަށް ސަލާމްކުރުން
  • އެމީހުންގެ ފަރާތުން ކުރިމަތިވާ އުނދަގޫތަކަށް ކެތްތެރިވުން
  • ރުޅިވެރިކަމުގައި ގިނަދުވަސްތަކެއް ވަންދެން ނުތިބުން
  • އެމީހުން ބަލިވެއްޖެނަމަ ގޮވާލަން ދިޔުން
  • ހިތާމައިގެ ވަގުތުތަކުގައި ހިތްވަރުދީ އަދި އުފާވެރިކަމުގެ ވަގުތުތަކުގައި މަރުހަބާކިޔުން
  • އެމީހުންގެ ޒާތީ ކަންތައްތަކުގެ ތެރެއިން އިޚްތިޔާރަކާނުލާ ހާމަވާ ކަންތައްތައް ފޮރުވައިދިނުން
  • ދީނީ އަދި ދުނިޔަވީ ކަންތައްތަކުގެ ތެރެއިން އެކަމެއްގެ ޢިލްމު އެމީހުންނަށް ފުރިހަމައަށް ލިބިގެން ނުވާ ކަންކަމުގައި އެމީހުންނަށް މަގުދައްކައިދިނުން
  • އަވަށްޓެރިޔާއަށް އިޙްތިރާމްކުރުން
  • އަވަށްޓެރިޔާ ދުރުގައިވާހިނދު އަވަށްޓެރިޔާގެ ގެދޮރާއި މުދާ ބަލަހައްޓައިދިނުން
  • ކާބޯތަކެއްޗާއި އަދިވެސް އެހެނިހެންތަކެތި އަވަށްޓެރިޔާއަށް ދިނުން
  • އަވަށްޓެރިޔާގެ ސިއްރުތަކަށް ރައްކާތެރިވުން
  • އަވަށްޓެރިޔާއަށް ގޯނާނުކުރުން
  • އަވަށްޓެރިޔާ ބަލިވާ ހިނދު، ގެއްލުމެއް ލިބޭ ހިނދު، އަދި ގެއްލުމެއް ކުރިމަތިވާ ހިނދު އެހީތެރިކަން ފޯރުކޮށްދިނުން

ޢަރަބި އަދަބީ ބަހެއްގައި ވެއެވެ. "ގެއެއް ހޯދުމުގެކުރިން އަވަށްޓެރިއެއް ހޯދާށެވެ." މިޒަމާނުގައި އެންމެންވެސް ދިރިއުޅުމެއް ފެށުމުން، ދިރިއުޅެން ދަނީ ތިމާގެ ޢާއިލާއާ ދުރުގައި ވަކިންނެވެ. މިހެން އުޅޭ ހިނދު ރަނގަޅު ހެޔޮލަފާ އަވަށްޓެރިއެއް ލިބިފައިވާނަމަ، އޭނާގެފުށުން ރައްކާތެރިކަމާއި ފަސޭހަތަށް ލިބިގެންދާނެއެވެ. ގިނަ ފަހަރަށް އަވަށްޓެރިންނަކީ ވެސް، ޢާއިލާގެ ބައެއްގެ ގޮތުގައި ބެލެވެއެވެ. އެހެން ކަމުން ބޮޑުކަމެއް މެދުވެރިވާ ހިނދު އެމީހުންގެ އެހީތެރިކަމަށް އެދެވެއެވެ. އަވަށްޓެރިޔާއާއި އޮންނަ ގުޅުން ބަދަހިކޮށް، އޭނާއަށް އިޙްތިރާމްކުރުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެކެވެ.


ކިޔުންތެރިންގެ ހިޔާލު