ހުކުރުވިލޭރޭއާއި ހުކުރު ދުވަހުގެ މާތްކަން

އައިޝަތު ނިއުޝާ

ހުކުރު ދުވަކީ މި ބިންމަތީގައި އަންނަ ދުވަސްތަކުގެ ތެެެއިން އެންމެ މާތް އެއް ދުވަހެވެ. އެ ދުވަހަކީ އާދަމް ގެފާނު ދުނިޔެއަށް ފޮނުއްވުނު ދުވަހެވެ. ހަމަ އެހެންމެ ދުނިޔެ ޤިޔާމަތް ވާނެ ކަމަށްވެސް އޮންނަނީ ހަމަ ހުކުރު ދުވަހެއްގައެވެ. 

ޙަދީސުން ސާބިތުވާ ގޮތުގައި ހުކުރު ދުވަހަކީ، މުސްލިމުންގެ ޢީދު ދުވަހެކެވެ. އެހެން ކަމުން ޢާއިލާގެ އެންމެން އެއްތަންވެ، ބަރަކާތް އިތުރުވާނޭހެން ކެއުމެއް ރަަވާލުން މުހިންމު ދުވަހެކެވެ. 

ހުކުރު ދުވަސް މުހިންމުވަނީ ހަމަ އެކަނި މި ސަބަބުތަކަށްޓަކައެއް ނޫނެވެ. ހުކުރު ދުވަހުގެ ވަގުތެއްގައި ދުޢާ އިޖާބަ ކުރައްވާ ވަޤުތެއްވެސް އޮތް ކަމަށް ވަނީ އަންގަވާފައެވެ. އަދި ހުކުރަށް ދިޔުމުގައިވެސް ނުހަނު ޘަވާބު ލިބޭ، ސުންނަތް ގޮތްތަކެއްވެސް ވަނީ އަހަރެމެންނަށް  އަންގަވާފައެެވެ. 

 މި ހުރިހާ ކަންތައްތަކުގެ ތެރެއިންވެސް އެންމެ މުހިންމު އެއް ކަމަކީ، ހުކުރު ވިލޭރޭ ނުވަތަ ހުކުރު ދުވަހު ކަހަފް ސޫރަތް ކިޔެވުމެވެ. 

ހުކުރު ދުވަހު ނުވަތަ ހުކުރުވިލޭރޭ ކަހްފު ސޫރަތް ކިޔެވުމަކީ މަތިވެރި ސުންނަތެކެވެ. މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވެއެވެ. ((مَنْ قَرَأَ سُورَةَ الْكَهْفِ يَوْمِ الْجُمُعَةِ أَضَاءَ لَهُ مِنَ النُّورِ مَا بَيْنَ الْجُمُعَتَيْنِ))(1) 

މާނައީ: “ހުކުރު ދުވަހުގެ ކަހްފު ސޫރަތް ކިޔަވައިފި މީހާއަށް ދެން ޖެހިގެން އަންނަ ހުކުރާއި ހަމައަށް އަލިކޮށްދެނިވި ނޫރެއް ލެއްވިގެންވެއެވެ.”

 އަދިވެސް އެހެން ޙަދީޘްފުޅެއްގައި ވެއެވެ.

((من قرأ سورة الكهف يوم الجمعة أضاء له من النور ما بينه وبين البيت العتيق)) (2) 

 މާނައީ: “ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔަވައިފި މީހަކަށް، ﷲ ތަޢާލާ އެމީހަކާއި ކަޢުބަތުﷲ ގެފުޅާ ދެމެދު ނޫރަކުން އަލިކޮށްދެއްވާނެއެވެ.”

އެހެންކަމުން މި މަތިވެރިކަމާއި ހެޔޮކަން ޙާޞިލުކުރުމަށް،  ހުކުރުވިލޭރޭ ނުވަތަ ހުކުރު ދުވަހުގައި، ކަހަފް ސޫރަތް ކިޔެވުމަށް އާދަކުރަމާތޯ؟ އަދި ހުކުރުދުވަހު ދުޢާކުރުން ގިނަކޮށް އެދުވަހުގެ ހެޔޮކަން ފުރިހަމަ ގޮތުގައި ލިބިގަންނަ ބައެއްކަމުގައި ވުމަށް ގަދައަޅާ  އަޅުގަނޑުމެން މަސައްކަތް ކުރަމާ ހިނގާށެވެ. 

ކިޔުންތެރިންގެ ހިޔާލު