މުސްކުޅި އުމުރާއި ޖެހެންދެން ތައުބާވުން ލަސްކޮށްނުލާ ، މާދަމާވެސް މަރުވެދާނެ!

އައިމިނަތު ޔުމްނާ

ދުނިޔެއާއި އާޙިރަތުގައި ކާމިޔާބާއި ދިންނެވުން ލިބުން އޮތީ ކުރެވޭ ކުށްތަކާއި ފާފަތަކަށް ތައުބާވެގެންނެވެ. ތައުބާވާ މީހުން ދެކެ މާތް ﷲ ލޯބިވެވޮޑިގަންނަވަތެވެ. އަލް ބަޤަރާ ސޫރަތުގެ 222 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ”ހަމަކަށަވަރުން ﷲ އެކަލާނގެ ކިބައަށް ތައުބާވާ މީހުންދެކެ ލޯބިވެވޮޑިގަންނަވައެވެ. އަދި ޠާހިރުކަންމަތީ އުޅޭ މީހުންދެކެވެސް އެކަލާނގެ ލޯބިވެވޮޑިގަންނަވައެވެ.”

އެގޮތުން ތިމާއަށް ކުރެވޭ އެންމެހައި ފާފަތަކުން ދުރުހެލިވާންޖެހޭނެއެވެ. ހަމައެޔާއެކު ފާފަކުރެވޭފަދަ ހުރިހާ ދޮރުތަކެއް ބަންދުކޮށް އެކަންކަމުންވެސް ރައްކާތެރިވާން ޖެހޭނެއެވެ. އެހެނީ ފާފަކުރުން ހުއްޓާލުމުގެ ތެރޭގައި ފާފައަށް މަގުފައިވާ ހުރިހާ ދޮރުތަކެއް ބަންދުކުރުން ހިމެނެއެވެ.


އަބޫ މޫސާ ކީރިތި ރަސޫލާ އަރިއަހުން ރިވާކުރެއްވިއެވެ. ސަލާމާއި ޞަލަވާތް ލެއްވި ނަބިއްޔާ ޙަދީޘް ކުރެއްވިއެވެ." ދުވާލު ފާފަ ކުރާ މީހުން ތައުބާ ވުމަށް، ރޭގަނޑު ﷲ ޢައްޒަ ވަޖައްލަ އަތްޕުޅު ފަތުރާލައްވަވައެވެ. އަދި ރޭގަނޑު ފާފަ ކުރާ މީހުން ތައުބާވުމަށް، ދުވާލު ﷲ ޢައްޒަ ވަޖައްލަ އަތްޕުޅު ފަތުރާލައްވަވައެވެ. އެއީ ހުޅަނގު ފަރާތުން އިރު އަރައްޖައުމަށް ދާންދެނެވެ." (ޞަޙީޙް މުސްލިމްގެ ބާބުއް ތައުބާ)

ކުރެވިފައިވާ ފާފަތަކީ ކީރިތިވަންތަ ﷲގެ އަމުރުފުޅުތަކަށް ނުކިޔަމަންތެރިވުން ކަމުގައި ހަނދާންކުރާށެވެ. އެކަލާނގެ ދެއްވި ގިނަގުނަ ނިއުމަތްތަކެއްގެ ބަދަލުގައި އަދާކުރަންޖެހޭ ޝުކުރުވެސް ހަނދާންނައްތައިލުމަށްފަހު އެކަލާނގެ ނަހީކުރެއްވި ކަންކަމަށް އަރައިގަނެވިފައިވާނަމަ އެކަމުގެ މައްޗަށް ހިތާމަކުރުން ލާޒިމުވެގެންވެއެވެ. އަދި ފާއިތުވެގެން ދިޔަ ވަގުތުތައް އެފަދަ ގޮތެއްގައި ހޭދަކުރެވުނުކަމައްޓަކައި ދެރަވެ ތިމާގެ ދިރިއުޅުމާއިމެދު ވިސްނާލަން ޖެހެއެވެ.


އިންސާނުންގެ ތެރެއިން ފާފައިން މަޢްޞޫމީ ހަމަ އެކަނި ނަބީ ބޭކަލުންނެވެ. އެކި މީހުންނަށް އެކި މިންވަރަށް ފާފަ ކުރެވެއެވެ. ނަމަވެސް ދިންނެވޭ މީހުންނަކީ ފާފައިން ތައުބާ ވާ މީހުންނެވެ. މިކަމާ ބެހޭ ގޮތުން ކީރިތި ރަސޫލާ ޙަދީޘް ކުރައްވަވަވާފައިވާ ބަސްފުޅުގެ މާނައިގަ ވަނީ "ކޮންމެ އާދަމުގެ ދަރިއަކީ، ކުށްކުރެވޭ މީހެކެވެ. އަދި ކުށް ކުރެވޭ މީހުންގެ ތެރެއިން އެންމެ ހެޔޮ ބަޔަކީ، ތައުބާވާ މީހުންނެވެ." (ރިވާ ކުރެއްވީ އައްތިރްމިޛީ، އިބްނު މާޖާ، އަދި އަލްބާނީ ޞައްޙަ ކުރައްވާފައި)


ދޮށީއުމުރާޖެހެންދެން ތައުބާވުން ލަސްކޮށްލައި، ފާފައިގެ މަތީގައި ތިމާގެ އުމުރު ހޭދަކޮށްލުލުމަކީ އެދެވޭގޮތެއްނޫނެވެ. ޒުވާންކަން އެކަމެއްގެ މަތީގައި ހޭދަކޮށްލި އަމަލެއްގެ މަތީގައި މަރުއައިސް ބައްދަލުކުރުން ގާތެވެ. މަރު އައިސް ބައްދަލުކުރުމުން، ކޮންމެ ނަފްސެއްވެސް އެދޭނީ، ނުކޮށް ދޫކޮށްލެވުނު ހެޔޮ ޢަމަލުތައް ކުރުމަށް އިތުރު ފުރުސަޠެއް ލިބުމަށެވެ. ނަމަވެސް އަޖަލު ހަމަވުމަށްފަހު އެންމެ ހިނދުކޮޅަކަށްވެސް ލަސްކުރެއްވުމެއް ނެތެވެ. އަދި ފާފައިގެ މަތީގައި ދެމިހުރެއްޖެ މީހާއަށް ތައުބާވުމުގެ ފުރުސަތުވެސް އެހާ ހިސާބުން ގެއްލިގެން ދާނެއެވެ.

ވީމާ، ތައުބާގެ ދޮރު ބަންދުވުމުގެ ކުރީގައި ތައުބާވުމަށް ވަސިއްޔަތްކުރަމެވެ. ކޮންމެ އިންސާނަކީވެސް ކުށްފާފަތަކަށް އަރައިގަނެވޭނެ މީހެއްކަމުން ، ގިނަގިނައިން ތައުބާވެލައްވާށެވެ.

ކިޔުންތެރިންގެ ހިޔާލު