ހިތަށް ކެތްވޭތޯ! ޙަރަމްފުޅުގައި އަޅުކަންކުރުން ވަގުތީގޮތުން ބަންދުކޮށްފި

ނަފްހާ ހަމީދު
ޙަރަމްފުޅު ޙަރަމްފުޅު

މުސްލިމުންގެ ޤިބްލަ ކަމުގައިވާ ކަޢުބަތުﷲ ގެފުޅުގައި ނަމާދުކުރުމާއި ޠަވާފުކުރުން ވަގުތީގޮތުން ހުއްޓާލައިފިއެވެ.

ކަޢުބަތުﷲ ގެފުޅުގެ ދިގު ޙަޔާތުގައިވެސް މިފަދަ ގޮތަކަށް، ބަންދުކުރެވުނު މިއީ ފުރަތަމަ ފަހަރެވެ. 

މުސްލިމަކު ދުނިޔޭގެ ކޮންމެ ތަނެއްގައި ހުއްޓަސް އެމީހެއްގެ ހިތް އެތަނަކާއި ގުޅިފައިވާ މި މާތް ބިނާ، މިފަދަ ގޮތަކަށް ބަންދު ކުރެވިގެން މި ދިޔައީ ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ސަބަބުން ޙަރަމްފުޅުގެ އިމާރާތް ސާފުކުރުމަށެވެ. މީގެ ކުރިން ދުވާލަކު އެތައް ފަހަރަކު ޙަރަމްްފުޅު ސާފުކުރަމުން އައި ނަމަވެސް ދުވަހަކުވެސް މިފަދަ ގޮތަކަށް ޙަރަމްފުޅު ސާފުކުރުމަށް ބަންދުކުރެވިފައެއް ނުވެއެވެ.

ދުނިޔެއަށް މިވަގުތު ކުރިމަތިވެފައިވާ މުސީބާތުގެ ސަބަބުން ރެއާއި ދުވާލު ގެފުޅު ވަށައިގެން ތޮވާފު ކުރާ މަންޒަރަކީ މަދުން ނޫނީ މެދުނުކެނޑޭ ކަމެކެވެ. ވަރުބަލިކަމެއް, މާޔޫސްވުމެއްނެތި މާތް ﷲ އަށް ދުޢާ ދެންނެވުމުގައި، ޤާއިމްވެ ތިބި އެތައް ބަޔަކު އުޅެއެވެ.

ނަމަވެސް މިއަދު މެންދުރު ފަހުން ފެށިގެން ކަޢުބާ ހިމެނޭ ސަރަޙައްދު މުޅިން ބަންދު ކޮށްފައެވެ. ތޮވާފް ކުރަން ވަދެވޭނެ ހުރިހާ ދޮރުތައްވެސް ބަންދުކޮށް ދޮރުތައް ކައިރީ ގިނަ އަދަދެއްގެ ސިފައިން ދަނީ ފޯރިމަރަމުންދާއިރު ދެން ޙަރަމްފުޅު ހުޅުވާނެ ވަކި ވަގުތެއްވެސް ސައުދީގެ ކަމާބެހޭ ފަރާތްތަކުން ނުބުނެއެވެ. ނަމަވެސް އަދި ކައުބާގެ މަތީ ފްލޯތަކުގައި މިހާރުވެސް ތޮވާފް ކުރެވޭނެ ކަމަަށް ކަމާއިބެހޭ ފަރާތްތަކުން ހާމަކުރެއެވެ.

އެނގިފައިވާ ގޮތުގައި ސައުދީގައި ކޮރޯނާއަށް މިއަދު ވެސް އިތުރު ތިން މީހަކު މިހާރު ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި މުޅި ޖުމްލަ ފަސް މީހަކު އެގައުމުން މިހާރު ވައިރަސްއަށް ވަނީ ޕޮޒިޓިވްވެފައިވާ ކަމަށްވެސް އެގައުމުގެ ސަރުކާރުން ހާމަކުރެއެވެ.

ކޮވިޑް-19 ގެ ސަބަބުން ސައުދީ އަރަބިއްޔާގެ ސަރުކާރުން އުމްރާއަށް މީހުން އައުން މަނާ ކުރުމާއި ގުޅިގެން ރާއްޖެއިން އުމްރާއަށް ދިއުމަށް ނިންމާފައިވާ ފަރާތްތަކުގެ ވިސާ ދިނުންވެސް ވަނީ ހުއްޓާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު