ހެޔޮލަފާ އާއިލާއެއްގެ މައިބަދައަކީ މަންމަ އާއި ބައްޕަ : ހުތުބާ

އައިމިނަތު ޔުމްނާ
ރަނގަޅު ހެޔޮލަފާ އާއިލާ އެއް ބިނާކުރުން ރަނގަޅު ހެޔޮލަފާ އާއިލާ އެއް ބިނާކުރުން

އިންސާނީ މުޖުތަމައު ކުދިކުދި އާއިލާ ތަކަކުން އުފެދިފައިވާއިރު، އެއާއިލާތައް ހަރުދަނާ ކުރެވިގެން މެނުވީ، ހަރުދަނާ މުޖުތަމައުއެއް ބިނާ ނުކުރެވޭނެއެވެ.

ހަރުދަނާ ގޮތެއްގައި ޒަވާޖީ ހަޔާތެއް ބިނާކުރުމަށް އިހްތިޔާރް ކުރަންޖެހެނީ ރަނގަޅު ބައިވެރިއެކެވެ. ހަޔާތުގެ ބައިވެރިއަކު އިޚްތިޔާރު ކުރުމުގައި ބަލަންވީ ކަންތައްތަކުގެ އިރުޝާދު ކީރިތި ރަސޫލާ ވަނީ މިއުއްމަތަށް ދެއްވާފައެވެ. 

އިތުރު އެކަލޭގެފާނު ހަދީސް ކުރައްވާފައިވާ ބަސްފުޅުގެ މާނާގައިވަނީ “ ކައިވެނި ކުރާއިރު އަންހެނާގެ ކިބައިގައިވާ ހަތަރު ކަމަކަށް އާންމުކޮށް މީހުން ބަލައި އުޅެއެވެ. އެއީ، އޭނާގެ ފައިސާވެރިކަމަށާއި، އޭނާގެ ޙަސަބާއި ނަސަބަށާއި، އޭނާގެ ރީތިކަމަށާއި، އޭނާގެ ދީންވެރިކަމަށެވެ. ފަހެ ދީންވެރި އަންހެނަކު ލިބިގަތުމުގެ ނަސީބު ހޯދާށެވެ! ހުރިިހާ ހެވެއް އޮތީ އެގޮތުގައެވެ.”ހަމަ އެފަދައިން އަންހެނަކު ކައިވެނި ކުރާއިރުވެސް އިސްކަންދޭންވާނީ ދީންވެރި ޞާލިޙު ފިރިހެނަކު އިޚްތިޔާރު ކުރުމަށެވެ. އެއީ އަންހެންމީހާގެ ޒަވާޖީހަޔާތް ދެމިއޮތުމަށް ބާރުއަޅާ ސަބަބެކެވެ. ޞާލިހު ފިރިއެއްލިބުމަކީ، ދުނިޔެމަތީގައި އަންހެނަކަށް ލިބޭނެ އެންމެބޮޑު ހިތްހަމަޖެހުމެވެ. 

މިއަދުގެ ހުތުބާގައި ބުނެފައިވަނީ އާއިލީ ލޯތްބާއި ކުލުނާއި އޯގާތެރިކަން ދެމިއޮތުމަކީ ހަރުދަނާ އާއިލާއެއްގެ އެންމެ މުހިއްމު އެއްރުކުން ކަމުގައެވެ. 

އަނބިދަރީންނަށް ހެޔޮކޮށްހިތުމަކީ ހެޔޮކަންބޮޑުވެގެންވާ އަޅުކަމެއްފަދަ ކަމެކެވެ. ކީރިތި ރަސޫލާގެ އަނބިއަނބިކަނބަލުންގެ އަރިހުގައި ވަގުތު ހޭދަކުރައްވާފައި ވާގޮތާ ބެހޭ ގޮތުން އަޢިޝަތުގެފާން ވިދާޅުވެފައިވަނީ “އެކަލޭގެފާނު، އެކަލޭގެފާނުގެ ފައިވާން ޖޯޑުކޮޅު އަމިއްލަފުޅަށް މަރާމާތުކުރައްވާ ކަމަށާއި ފޭރާންކޮޅުގައި ވީދިފައިވާ ތަންތަން އަމިއްލަފުޅަށް ފައްސަވާކަމަށާއި، އަނބިއަނބިކަނބަލުން ކަމެއްކުރައްވާނަމަ އެކަމުގައި ބައިވެރިވެ ވަޑައިގެން އެހީތެރިވެދެއްވާކަމަށެވެ. މިގޮތަށް މަސައްކަތުގައި އުޅުއްވަނިކޮށް ނަމާދަށް ބަންގި ގޮވައިފިނަމަ މަސައްކަތްޕުޅު ހުއްޓަވާލައްވާފައި މިސްކިތައް ވަޑައިގަންނަވާކަމަށެވެ. 

މިފަދަ އާއިލާއެއްގެ ތެރޭގައި އުފެދޭނީ ރަނގަޅު ހެޔޮލަފާ ޞާލިހު ދަރިފަަސްކޮޅެކެވެ. ކޮންމެ އާއިލާއަކުން ނިކުންނާނީ މިފަދަ ހެޔޮލަފާ ދަރިން ކަމުގައިވެއްޖެނަމަ މުޖުތަމައު އޮންނާނީ ޞާލިހު މުއުމިނު ފަރުދުންތަކެއްގެ މައްޗަށް އެކުލެވޭ ހެޔޮ މުޖުތަމައުއެއްގެ ގޮތުގައެވެ. މުޖުތަމައުގެ އަމާންކަމާއި ހަމަޖެހުމަށް ބުރޫއަރާފާނެ އެއްވެސް ކަމެއް ނުހިނގާނެއެވެ.  

ހެޔޮލަފާ އާއިލާއެއްގެ މައިބަދައަކީ މަންމަ އާއި ބައްޕަކަމަށާއި ހަރުދަނާ ޖީލެއްގެ އަސާސަކީ މައިންބަފައިން ކަމުގައި މިއަދުގެ ހުތުބާގައި ވަނީ ފާހަގަ ކޮށްފައެވެ. މައިންބަފައިން ރަނގަޅުވެގެން މެނުވީ ދަރިންް ރަނގަޅެއްނުވާނެއެވެ. ދަރިން ހެޔޮގޮތުގައި އުޅުމުގެ ސިއްރަކީ އެދަރިންގެ މައިންބަފައިން އުޅެމުންއަންނަ ގޮތުގެ ހެޔޮލަފާކަމެވެ.

މައިންބަފައިން ކުރާ ހެޔޮއަމަލުތަކުގެ ހެޔޮއަސަރު ދަރިންނަށްކުރާ ފަދައިން ނުބައި އަމަލުތަކުގެ ނުބައި އަސަރުވެސް ދަރިންނަށް ކުރެއެވެ. ކިތަންމެ ސިއްރުން ކުރި ނަމަވެސް މައިންބަފައިންނަށް ކުރެވޭ ފާފަތަކަކީ ވެސް އޭގެ ސުންޕާކަން ދަރިންނަށް ފޯރަފާނެކަމެކެވެ. އެހެންކަމުން ހެޔޮލަފާ ދަރިފަސްކޮޅެއް ބިނާކުރުމަށްޓަކައި އެންމެހައި ފާފަތަކުން ދުރުވާންޖެހެއެވެ. އެގޮތުން މައިންބަފައިން ދަރިން ބޮޑުކުރުމަށްޓަކައި ހޯދާ މުދަލާއިމެދުވެސް ސަމާލުވާންޖެހެއެވެ. އެމުދަލަކީ ހަރާމް މުދާކަމުގައިވާނަމަ އޭގެ ނުބައި އަސަރު ދަރިންނަށް ކުރެއެވެ. ކީރިތި ރަސޫލާ ހަދީސް ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވަނީ “އެއްވެސް މަސްގަނޑެއް ޙަރާމް މުދަލުން ހެދިބޮޑުވެއްޖެނަމަ، އެމަސްގަނޑަކަށް ނަރަކަ އައުލާކަން ބޮޑުވެގެންވެއެވެ”.

ދަރިންނަކީ ހެޔޮލަފާ ކިޔަމަންތެރި ދަރިންތަކަކަށް ވާނީ މައިންބަފައިން ރިވެތި ނަމޫނާދައްކައިގެންނެވެ. މަންމައާއި ބައްޕަ ފަސްނަމާދުކޮށް، ދީނީ އެހެނިހެން ވާޖިބުތަކަށް ރައްކާތެރިވާނަމަ، އެދެމީހުންގެ ކިބައިން ދަރިން ލިބިގަންނާނީ އެފަދަ ނަމޫނާއެކެވެ. 

މިއަދުގެ ހުތުބާގައި ފާހަގަ ކޮށްފައިވާ ގޮތުން މައިންބަފައިން ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށްޓަކައި ބުރަ މަސައްކަތް ކޮށް ބޮޑެތި ހޭދަތައް ކުރިނަމަވެސް މައިންބަފައިންގެ އުޅުމާއި ގުޅުން އިސްލާޙު ނުކުރާނަމަ އޭގެ ނުބައި އަސަރު ދަރިންނަށް ކުރާކަމީ ފެންނަން އޮތް ބޮޑު ހަޤީޤަތެއްކަމަށެވެ. މައިން ބަފައިން ދީނާ ދުރުވުމުން ދީނީ ކަންކަމާމެދު ފަރުވާތެރިކަން ނުބަހައްޓާ ކިތައްއާއިލާ ވޭހެއްޔެވެ؟ މައިން ބަފައިން މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވަނީ ކިތައްކިތައް އާއިލާހެއްޔެވެ؟ މައިންބަފައިން ހަޑިހުތުރު ބަހުން ދަރިން ކުރިމަތީގައި ވާހަކަ ދައްކާނަމަ އެދަރިންގެ ބަހުރުވަ ހުންނާނީ ކޮން ގޮތަކަށްހެއްޔެވެ؟ މައިންބަފައިން ގޭތެރޭގައި ޒުވާބުކޮށް ތަޅާފޮޅާނަމަ، ދަރިން މުޖުތަމައު ތެރޭގައި އުޅޭނީ އެފަދަ ގޮތަކަށް ނޫންހެއްޔެވެ؟

ދެމަފިރިންގެ އެންމެ އިސް މަސްއޫލިއްޔަތަކީ ދަރިންގެ ހައްޤުތަކަށް ރައްކާތެރިވެ އެދަރިން ރަނގަޅުގޮތުގައި ތަރުބިއްޔަތު ކުރުމެވެ. 




މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު