ނުރައްކާތެރި ބައްޔެއް ފެތުރިގެންދާ ވަގުތު، ޢުމްރާ ވުން ވަގުތީ ގޮތުން ހުއްޓާލުން އިސްލާމީ ޝަރީޢަތް ހުއްދަކުރޭ

ނަފްހާ ހަމީދު

ހަލުވިކަމާއިއެކު ދުނިޔެއަށް ފެތުރެމުން އަންނަ ނޮވެލް ކޮރޯނާ ވައިރަސް (ކޮވިޑް 19) ގެ ސަބަބުން ޙަރަމްފުޅު ވަގުތީ ގޮތުން ބަންދު ކުރިކުރުމަށް ބައެއް ފަރާތްތަކުން ސައުދީ ސަރުކާރަށް ކިޔަމުންދާ ފާޑުކިޔުންތަކަށް މަސްޖިދުލް ހަރަމްފުޅުގެ އިމާމް ރައްދު ދެއްވައިފިއެވެ.

އިއްޔެ ހަރަމްފުޅުގައި އިއްވިގެން ދިޔަ ހުކުރު ޚުތުބާގައި، ޙަރަމްފުޅުގެ އިމާމް ޑރ. އަބްދުﷲ އަލް ޖިހާނީ ވިދާޅުވީ ނުރައްކާތެރި ބައްޔެއް ގައުމެއްގައި ފެތުރޭނަމަ އިންސާނުންގެ ރައްކާތެރިކަމަށް އިސްކަން ދީފައިވާކަން ކީރިތި ރަސޫލާ (ص)ގެ ޙަދީސުން ސާބިތުވާ ކަމަށެވެ. އަދި މިފަދަ ބޮޑެތި ނިންމުންތައް ނިންމުމުގެ ބާރު، ވެރިންނަށް ލިބިގެންވާކަމަށް ޢިލްމުވެރިންގެ ޢަމަލުފުޅުން ސާބިތުވާކަމަށްވެސް ވިދާޅުވެފައިވެއެވެ.

އިއްޔެގެ ހުތުބާގައި ތާރީހުން މިސާލު ދައްކަވަމުން އިމާމް ވިދާޅުވީ އުމަރު ބިން ހައްތާބްގެ ހަލީފާ ކަމުގައި ޝާމްއަށް ކުރެއްވި ދަތުރުފުޅެއްގައި ދަތުރުމަތިން މުސްލިމުންގެ ހަނގުރާމައިގެ ލަޝްކަރުގެ ކޮމާންޑަރު އަބޫ އުބައިދާ ބިން ޖައްރާހު އާއި ބައްދަލުވެވަޑައިގެން ކަމަށެވެ. އަދި ގިނަ އަދަދެއްގެ އަސްހާބުބޭކަލުން އެ ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވިއެވެ. ދަތުރުފުޅުގައި ޝާމްއަށް ވަޑައިނުގެންނެވިގެން އުޅެނިކޮށް މައުލޫމާތު ލިބިވަޑައިގެންނެވީ ނުރައްކާތެރި ބަލިމަޑުކަމެއް އެ ތަނުގައި އޮތް ކަމަށާއި އެ ރަށަށް ވަޑައިގެންނެވުން ރައްކާތެރި ނޫން ކަމަށެވެ. އެހެންވެ އުމަރުގެފާނު ނިންމެނީ އެ ލަޝްކަރުގައި ހިމެނޭ ސަހާބީންގެ ތެރެއިން އެންމެ ދުވަސްވީ ބޭފުޅަކު އެކަމާ ބެހޭގޮތުން ވިދާޅުވާ އެއްޗެއް އަޑު އައްސަވާށެވެ. އެވަގުތު އެ ލަޝްކަރުގައި ހުންނެވި ސަހާބީއެއް ކަމަށްވާ އަބްދުއްރަހްމާން ބިން އައުފް ވިދާޅުވީ ރަށެއްގައި ނުރައްކާތެރި ބަލިމަޑު ކަމެއް އުޅޭނަމަ އެ ރަށަކަށް ނުދާށެވެ. އަދި ބަލިމަޑުކަން ފެތުރިފައިވާ ރަށެއްގައި ތިބި މީހުން އެ ތަނަކުން ބޭރަށް ނުދަން ރަސޫލާ ހަދީސް ކުރެއްވި އަޑު އެއްސެވި ކަމަށެވެ. އެ ސަހާބީގެ އިރުޝާދާއި އެއްގޮތަށް އެ ދަތުރުފުޅުގައި އުމަރުގެފާނު ޝާމަށް ވަޑައިގެންފައެއް ނުވެއެވެ.

ހަރަމްފުޅު ބަންދުކޮށް ސާފު ކުރުމުގެ މަސައްކަތް ސައުދީ ސަރުކާރުން ވަނީ ކޮށްފައެވެ. އުމްރާވުން ވަގުތީ ގޮތުން ހުއްޓާލީ  ޙަރަމްފުޅުގެ ރައްކާތެރިކަމާއި ސަލާމަތަށް ކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.

މީގެ އިތުރުން މިސްކިތްތެރޭގައި، އިޙްރާމްގައި ނަމާދުކުރުންވެސް ސައުދީ ސަރުކާރުންވަނީ މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު