ޖަނަވަރީ 2021 ގައި ދުބާއީ

ކޯވިޑް-19 ގެ ސަބަބުން ބަންދު ކޮށްފައިވާ ގައުމުތަކުގެ ބޯޑަރުތައް ހުޅުވާލުމާއެކު އެންމެ ފަސޭހައިން އެތެރެވޭ އެއް ތަނަކީ ދުބާއީއެވެ. ވޭތުވެ ދިޔަ އަހަރުގެ ބޮޑު ބައެއް ފުރަބަންދުގައި އާއި ކަރަންޓީނު ނޫނީ ރަށުގައި ތިބެންޖެހުމުން ދިވެހިން މިހާރު ތިބީ ރަނގު ޗުއްޓީއެއް ހޭދަކޮއްލަން ދިޔުމަށް ކެތް މަދުވެފައެވެ. މިގޮތުން މިހާރު ދިވެހިންގެ ތެރޭގައި އެންމެ މަގުބޫލު މަންޒިލަކީ ޝައްކެއްވެސް ނެތް ގޮތުގައި ދުބާއީއެވެ. އެކުވެރި އަރަބި އިމާރާތުގެ އެންމެ މުއްސަނދި އެއް ސިޓީ އައް ވުމުގެ އިތުރުން ދުބާއީގައި ހުރިހާ ބާވަތެއްގެ މީހުން ޝައުގުވެރިވާނެ ކަންކަން ކުރެވެން އޮވެއެވެ. ވިޔަފާރި ކޮށްލައި ރީތި ބިނާތަކަށްގޮސް އިންސްޓަގްރާމްކޮށްލަން ސަޅި ފޮޓޯ ނަގާލަން ދުބާއީ ވަރެއް ނެތެވެ.

ދުބާއީއަށް އެތެރެވާ އިރު ދިވެހިން ބޭނުންވާނީ 96 ގަޑިއިރު ނުވާ ޕީ.ސީ.އާރު ޓެސްޓުގެ ޕްރިންޓް ކޮށްފައިވާ ނަތީޖާއެވެ.

މި ނަތީޖާ ކޯވިޑް-19 އަށް ނައްސިވުމުގެ އިތުރުން ހުންނަން ޖެހޭނީ އިނގެރޭސި ނުވަތަ އަރަބި ބަހުންނެވެ. އަދި އެންޓި ބޮޑީ ޓެސްޓުގެ ނަތީޖާ އާއި އެހެނިހެން ޓެސްޓުތަކުގެ ނަތީޖާއެއް ދުބާއީ އިން ބަލައެއްނުގަނެއެވެ.

މި ޖަނަވަރީ މަހު ދުބާއީގައި ގޮސްލަން ރަނގަޅުތަންތަން ވަރަށް ގިނައެވެ. އޭގެތެރެއިން ބައެއް ތަންތަނަކީ މިއީއެވެ.

ދުބާއީ މިރަކަލް ގާޑެން

މިހާރަކަށް އައިސް ދިވެހިން އެންމެ ލޯބިވާ އެކައްޗަކީ ރީތި ގަސްގަހެވެ. އެގޮތުން 150 އަށް ވުރެން ގިނަ މާމެލާމެލީގެ ބާވަތްތައް ހިމެނޭ ގޮތައް ބިނާކޮށްފައިވާ ދުބާއީ މިރަކަލް ގާޑެން އަކީ ކޮންމެހެން ދާންޖެހޭ ތަނެކެވެ. ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުން ފެށިގެން މެއި މަހުގެ ނިޔަލައް ހުޅުވާފައި ހުންނަ މި ބަގީޗާގެ ޑިޒައިން ކޮންމެ އަހަރަކުވެސް ބަދަލުވެއެވެ. އެކި ކުލަކުލައިގެ މާމެލާމެލިން ފުރިފައި އޮންނަ މި ބަގީޗާއަކީ އިންސްޓަގްރާމްގައި ފޮޓޯ ހިއްސާކުރަން ޝައުގުވެރިކަން ހުންނަ މީހުން ބޭނުންވާ ސަޅި ފޮޓޯ ނެގޭނެ ތަނެކެވ.ރީތި އާރޗްތަކާއި މާމެލާމެލީގެ ގަނޑުވަރުތައް ދައްކުވައިދޭ މި ރީތި ބަގީޗާއައް ކޮންމެހެންވެސް ދާންވާނެއެވެ.


ދުބާއީ ޝޮޕިން ފެސްޓިވަލް

ކޮންމެ އަހަރެއްގައިވެސް ޑިސެންބަރު މަހުން ފެށިގެން ޖަނަވަރީ މަހާ ހަމައަށް އޮންނަ ދުބާއީ ޝޮޕިންގ ފެސްޓިވަލް ގައި އަގުބޮޑު މޯލް ތަކުން ފެށިގެން މާކެޓުތަކާއި އެހެނިހެން ވިޔަފާރިތަކުން ބޮޑުތި ޑިސްކައުންޓްތައް ލިބިއެވެ. ލަކީ ޑްރޯތަކާއި ކޫޕަންތައްވެސް ލިބޭ މި ފެސްޓިވަލް ކުރިއައްދާ 6 ހަފްތާގެ ތެރޭގައި ދުނިޔޭގެ މައްޝޫރު ފަންނާނުން ދުބާއީގެ އެކި ތަންތާގައި ޝޯތައްވެސް ދެއެވެ. އަދި ކޮންމެ ރެއަކުހެން ހަވާއެރުވުން އޮންނަ އިރު މިއީ ހަމަ ފަތުރުވެރިންނަށާއި ވިޔަފާރިކުރާ މީހުންނަށް ބޮޑު އީދެކެވެ.


ދަ ގްލޯބަލް ވިލެޖް

90 އަށް ވުރެން ގިނަ ގައުމުގެ ސަގާފަތްތައް ދައްކުވައިދޭ ގްލޯބަލް ވިލެޖަކީ ދުބާއީއަށް ގޮސް މަޖާކޮށްލަން އެންމެ ކަމުދާނެ އެއްތަނެވެ. އެކި ގައުމުތަކުގެ ތަފާތު ކެއުންތަކާއި ލައިވް ޝޯ ތަކުގެ އިތުރުން ވިޔަފާރި ކޮށްލަންވެސް މިއީ ހަމަ މަރެކެވެ. ދަ ގްލޯބަލް ވިލެގަކީ އަހަރުގެ ކޮންމެ މަހެއްގައިވެސް ތަފާތެއް ނާއްނަ ހުރިހާ އުމުރެއްގެ މީހުންނަށްވެސް ކަމުދާނެ ތަނެކެވެ.


ދަ ދުބާއީ ގޯލްޑް ސޫކް

ދުނިޔޭގެ އެންމެ ބޮޑު ރަންރިހީގެ މާކެޓު ދުބާއީ ގޯލްޑް ސޫކް ގައި 300 އަށް ވުރެން ގިނަ ފިހާރަ ހުރެއެވެ. މިއީ މުޅި ދުނިޔޭގައިވެސް ރަނާއި ރިހި އެންމެ އަގުހޮޔޮކޮށް ލިބޭނެ އެއް ތަނެވެ. މާކެޓުތެރެއިން ކުޑަ ގޯޅިތަކުގައި ހުންނަ ފިހާރަތަކުން ބޮޑެތި ފިހާރަތަކަށް ވުރެން ރަނގަޅު އަގު ލިބޭނެއެވެ.މީގެ އިތުރުން ދުނިޔޭގެ އެންމެ ބޮޑު އަނގޮޓި ނަޖްމަތު ތައިބާ (ތައިބާގެ ތަރި) ވެސް މި މާކެޓުން ފެނިގެންދާނެއެވެ.


ޑެޒާޓް ސަފާރީ

ދުބާއީއަށް ގޮސް ކޮންމެހެން ކުރަންޖެހޭ އެއް ތަޖުރިބާއަކީ ހަނަފަސް ސަހަރާއަކަށް ގޮސްލުމެވެ. ޖަމަލެއްގައި ދަތުރުކޮށްލުމާއި ސޭންޑް ބޯޑުކުރުމުގެ އިތުރުން ކުއަޑް ބައިކިންގ އަކީ ދުބާއީ އަށް ގޮއްސިއްޔާ ކޮންމެހެންވެސް ކުރަންޖެހޭކަންކަމެވެ. އަހަރުގެ ބައެއް މަސްތަކުގައި ފިނިހޫނުމިން 60 ޑިގްރީ ސެލްސިއަސް އަށް އަރާއިރު ހަނަފަސް ސަހަރާއެއް ބަލާލަން ދާން އެންމެ ރަނގަޅީ ނޮވެންބަރު މަހާއި މާރިޗު މަހާ ދޭތެރޭގައެވެ. މީގެ އިތުރުން ހަނަފަސް ސަހަރާތަކުގައި ޖައްވު ސާފުވުމުންނާއި އިތުރު އަލިކަމެއް ނެތުމުން އެއީ ރޭގަނޑު އުޑުގެ ތަރިތައް އެންމެ ރީތިކޮށް ފެންނާނެ އެއްތަނެވެ. މީގެ އިތުރުން ސަހަރާގައި އުޅޭ ބަދަވިން ދިރިއުޅޭގޮތް ބަލާލަން ދިޔުމާއި އެ ހާއްސަ އަރަބި ނާސްތާގެ ރަހަބަލާލަން ކޮންމެހެން ވާނެއެވެ.


މީގެ އިތުރުންވެސް ދުނިޔޭގެ އެންމެ އުސް އިމާރާތް ބުރްޖް އަލް އަރަބް އާއީ ބްރްޖް ޚަލީފާ އަދި ދުބާއީ ކްރީކް އަކީ ކޮންމެހެން ބަލާލަންޖެހޭ ތަންތަނެވެ. ރީތި ފެންއަރުވާ ވަޑާންތަކާއި އަގުބޮޑުކާރުތައް ގިނަ މި މެދުއިރުމަތީގެ ސިޓީއަކީ މި ޖަނަވަރީ މަހުގައި ދެވެހިން ދަތުރުކުރަން އެންމެ ފަސޭހަ އެންމެ ހިތްގައިމު މަންޒިލް ކަން ޔަޖީނެވެ. 


ކިޔުންތެރިންގެ ހިޔާލު