ކޮންމެ ހަފްތާއަކު އެއްފަހަރު ސާފުކުރަން ޖެހޭ ތަކެތި

ސާފުތާހިރުކަމަކީ އިސްލާމްދީނުގައިވެސް ބާރުއަޅުއްވާފައިވާ ސިފައަކަށްވާއިރު ހާއްސަކޮށް މިހާރުގެ ދުނިޔެއަށް ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ފަދަ ނުރައްކާތެރި ބަލިތަކުން ސަލާމަތްވުމަށްވެސް އަޅަންޖެހޭ ފިޔަވަޅެކެވެ. މިގޮތުން ގޭގައި ގެންގުޅޭ ތަކެތި ސާފުކޮށް ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ. ސާފުތާހިރުކަމުގެ ތަޖުރިބާކާރުން އިރުޝާދު ދެއްވާ ގޮތުގައި ބައެއް ތަކެއްޗަކީ ކޮންމެ ހަފުތާއެކު މަދުވެގެން އެއްފަހަރަށް ސާފުކުރަންޖެހޭ ތަކެއްޗެވެ.
ކޮމްޕިއުޓަރުގެ ކީބޯޑު
ޖަރާސީމު ފެތުރުން ހުއްޓުވުމަށްޓަކައި ހަފުތާއަކު އެއްފަހަރު ކޮމްޕިއުޓަރުގެ ކީބޯޑު ސާފުކުރަންވާނެއެވެ. ސާފުކުރުމަށްޓަކައި ކޮމްޕްރެސްޑް އެއަރ ދަޅަކުން ފިތްތަކުގެ ދޭތެރެއަށް ސްޕްރޭކޮށް ސެނިޓައިޒިން ވައިޕެއް ބޭނުންކޮށްގެން ފުހެލާށެވެ.
ސޯފާ
ގިނަފަހަރަށް މީހުން ހިތްހަމަޖައްސާލައި އަރާމު ކުރުމަށާއި ޓީވީ ކުރިމަތީގައި މުނިފޫހިފިލުވާލަން ކާއެއްޗެއް ހިފައިގެން އިށޭނދެވެނީ ސޯފާގައެވެ. ހަފުތާއަކު އެއްފަހަރު ވެކިއުމްއާއި ފެބްރިކް ބުރުހެއް ބޭނުންކޮށްގެން ސޯފާގައި ހުންނަ ހިރަފުހާއި ކުންޏާއި އިސްތައްޓާއި ކާއެތިކޮޅު ނައްތާލެވިދާނެއެވެ. ޖަރާސީމު ނައްތާލުމަށްޓަކައި ފެބްރިކް ސެނިޓައިޒަރ އެއް ނުވަތަ ޑިސްއިންފެކްޓަންޓް ސްޕްރޭ ބޭނުންކުރެވިދާނެއެވެ.
ކުޑަކުދިންގެ ކުޅޭ ސާމާނު
ކުޑަކުދިން ގެންގުޅޭ ކުޅޭ ސާމާނުވެސް ހަފުތާއަކު އެއްފަހަރު ދޮންނަން ވާނެއެވެ. ހޫނު ސައިބޯނި ފެންގަނޑަކަށް ލައި ދޮވެވިދާނެ އަދި ޓެޑީ ބެއާ އެއް ފަދަ މަޑު އެއްޗެއް ނަމަ ދޮންނަ މެޝިނަށް ލައިގެންވެސް ދޮވެވިދާނެއެވެ.
ލައިޓް ސުވިޗް
ކޮންމެ ދުވަހަކު އަތް ހަކާލެވޭ ލައިޓް ސުވިޗްތަކަކީ ގިނަމީހުން ސާފުކުރަން ހަނދާންނެތޭ އެއްޗެކެވެ. ކޮންމެ ހަފުތާއަކު އެއްފަހަރު އެންޓައިބެކްޓީރިއަލް ވައިޕަކުން ލައިޓް ސުވިޗް ފޮހެލަން އާދަކުރާށެވެ. ހަމަ މިގޮތަށް ޓީވީ ރިމޯޓުތަކާއި ދޮރުގައި ހުންނަ ތަޅުތަކާއި އާންމު ގޮތެއްގައި ބޭނުންކުރާ އެހެން ވަސީލަތްތައްވެސް ސާފުކަރަން ހަނދާންކުރާށެވެ.
މޭކަޕް ބުރަޝް
މޭކަޕް ބުރަޝްއަކީ ހަފުތާއަކު އެއްފަހަރު ދޮންނަންޖެހޭ އެއްޗެކޭ ބުނުމުން ގިނަ ބަޔަކަށް ހައިރާން ކަމެއް ލިބިގެންދަނީ އެއީ އަހަރަކު އެއްފަހަރުވެސް ނުދޮވޭ އެއްޗަކަށްވޭތީއެވެ. ސާފުނުކުރާނަމަ މޭކަޕް ބުރަޝް ތެރޭގައި އުފެދޭ ބެކްޓީރިއާއެއް ކަމަށްވާ ސްޓެޕްޓޯކޯކަސްގެ ސަބަބުން ސްކާލެޓް ފީވާރ، އިމްޕެޓިގޯ އަދި ފަދަ ބައްޔެއް ޖެހުން ހިމެނެއެވެ.
ތުވާލި
ބޭނުން ކުރުމަށްފަހު ކޮންމެ ދުވަހަކުވެސް ތުވާލި ހިތްކަން އަޅަންވާނެ އަދި ކޮންމެ ހަފުތާއަކު އެއްދުވަހު ދޮންނަންވާނެއެވެ.
ބެޑްޝީޓް
ކޮންމެ ދުވަހަކު ނިދާ ހޭލާ ތަންމަތީގައި އަޅާ ބެޑްޝީޓް ނުދޮވުމަކީ ހަންގަނޑަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމެކެވެ. އެހެންވީއިރު ހަފުތާއަކު އެއްފަހަރު ގޮނދަޑީގައި އަޅާ ބެޑްޝީޓާއި ބްލޭންކެޓް ދޮންނަން ވާނެއެވެ. މާހިރުން ލަފާދެއްވަނީ ދެދުހުން ކުރެ އެއްދުވަހު ބާލިހުގެ އުރަ ބަދަލުކުރުމަށެވެ.