މާ ގިނައިން ހަކުރު ބޭނުންކުރާ ނަމަ ފެންނާނެ އަލާމާތްތައް!

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ލަފާކުރާގޮތުގައި ހަކުރުގެ ބާވަތްތައް ކެއުމުގެ މިންވަރު މަދުކުރުމަށް ސަމާލުވާންޖެހެއެވެ. 2019 ގައި އެކަނިވެސް ދުނިޔޭގެ އާބާދީއިން 9.3 އިންސައްތަ މީހުންވަނީ ހަކުރު ބަލި (ޑައިބެޓީސް) ތަހައްމަލު ކޮށްފައެވެ. ގިނަ މީހުންނަށް ހީވެފައި އޮންނަނީ ޑައިޓުގައި ހަކުރު ކެއުން މަދުކޮށްލުމުން ފުދޭނެކަމަށެވެ. ނަމަވެސް ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދުވާލަކު ކެއުން އެކަށީގެންވަނީ އެންމެ 6 ސައިސަމުސާ ހަކުރެވެ. މިގޮތުން ގިނައިން ހަކުރު ކެއުމުގެ ސަބަބުން ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އައިސް އޭގެ ނޭދެވެ އަސަރު އަޅުގަނޑުމެންގެ އާންމު ދިރިއުޅުމަށްވެސް ކުރެއެވެ.

ހަމުގެ މައްސަލަތައް


މޫނުމަތީގައި އޮށާޅަ ނެގުމަކީ ހަކުރުގެ މިންވަރު ހަށިގަނޑުގައި ގިނަވުމުން މަގުފަހިވާ އެއްކަމެކެވެ. އެމެރިކާގެ "ޖަރނަލް އޮފް ދަ އެކެޑަމީ އޮފް ނިއުޓްރިޝަން އެންޑް ޑައިޓެޓިކްސް" އިން ކޮށްފައިވާ ދިރާސާއެއްގައި ގިނައިން ހަކުރު ބޭނުންކުރާ މީހުންގެ މޫނުމަތީގައި އޮށާޅަ ނަގާފައިވާ މިންވަރު މަދުން ހަކުރު ބޭނުންކުރާ މީހުންނާއި އަޅާ ކިޔާއިރު ގިނަކަން ފާހަގަ ކުރެވިގެންދިޔައެވެ. ދާއިމީގޮތެއްގައި ހަންގަނޑުގެ ޕްރޮޓީންސްއާއި, އިލާސްޓިން އަދި ކޮލާޖެންއަށް ގެއްލުން ލިބި މޫނުމަތީގައި ރޫޖެހި އުމުރަށްވުރެ މީހާ މުސްކުޅި ކަމަށް ދަށްކައެވެ.

އަބަދު ވަރުބަލިކަން އިހްސާސްކުރުން


ކެއުމަކަށްފަހު މީހާ ލޮޑުވެ ނިދިވެރިކަން އިހްސާސް ކުރުމަކީ އާންމު ކަމެކެވެ. ނަމަވެސް އަބަދު މަސައްކަތެއް ކުރުމަށް މީހާގެ ކިބައިގައި ހަކަތަ ނެތި ވަރުބަލިވުމަކީ ގިނައިން ހަށިގަނޑުގައި ހަކުރު ހުރުމުގެ އަލާމާތެކެވެ. ނަމަވެސް މިއީ ހިނދުކޮޅެއްގެ ކަމެކެވެ. އެއީ ހަށިގަނޑުގައިވާ އެނާރޖީ ލެވެލްސް ތިރިވުމުން ދެން އިހްސާސް ކުރެވެނީ ވަރުބަލިކަމެކެވެ.

ދަތްފައިކެއުން

ގިނައިން ހަކުރު އެކުލެވޭ ވައްތަރުތައް ކެއުމުން އަނގައިގައިވާ ބެކްޓީރިއާތަކުން ހަކުރު ނަގައިގަނެ އެސިޑް އުފެއްދުމަށް މަގުފަހިކުރުވައެވެ. މި އެސިޑަކީ ހަށިގަނޑުގައިވާ އެންމެ ބާރުގަދަ އެއް މާއްދާ އެކުލެވޭ ދަތްތަށް ރައްކާތެރި ކުރާ ފަށަލަ (އެނަމެލް) ހަލާކު ކޮށްލާ އެއްޗެކެވެ. ހަކުރުގެ ނޭދެވޭ އަސަރުތަކުން ދަތްތަށް ސަލާމަތް ކުރުމަށް ދުވާލަކު ދެފަހަރު ދަތް އުނގުޅުމަށް އާދަކުރާށެވެ.

ލޭމައްޗަށް ދިޔުން


އާންމު ގޮތެއްގައި ލޭ މައްޗަށް ދާ މީހުންނަށް ޑޮކްޓަރުން ލަފާދެއްވަނީ ލޮނުގެ މިންވަރު ކެއުމުގައި މަދުކުރުމަށެވެ. ނަމަވެސް ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި ލޮނަށްވުރެ ބޮޑަށް ހަކުރުގެ މިންވަރު ހަށިގަނޑުގައި ގިނަވުމުން ލޭމައްޗަށް ދިޔުން މަގުފަހިވެއެވެ.

ބަރުދަން އިތުރުވުން

މިއީ ހަކުރު އެކުލެވޭ މާއްދާތަށް ގިނައިން ބޭނުންކުރެވޭނަމަ އެންމެ ފަސޭހައިން ފާހަގަކުރެވޭނެ އެއް އަލާމާތެކެވެ. ހަކުރު (ގްލޫކޯޒް) އަކީ ހަށިގަނޑަށް ހަކަތަ ލިއްބައިދޭ މައިގަނޑު އެއް މާއްދާކަމަށް ވާއިރު ހަށިގަނޑަށް ބޭނުންވާ ވަރަށް ވުރެ ގިނައިން ހަކުރު ބޭނުން ކުރާނަމަ ބާކީވަ ގުލޫކޯޒް ރައްކާ ކުރެވެނީ ފުރަމޭ އަދި ހަށިގަނޑުގައި ސަރުބީ ރައްކާ ކޮށްދޭ ތަންތަނުގައެވެ. ހަށިގަނޑު ބޭނުންވާ ވަރަށްވުރެ އިތުރަށް ކާނަމަ އިތުރުވާ ހަކުރު (ގްލުކޯޒް) ސަރުބީއަށް ބަދަލުވެ މީހާ ފަލަވެއެވެ. 

ކިޔުންތެރިންގެ ހިޔާލު