މާ ގިނައިން ނިދާނަމަ މި ގެއްލުންތައް ލިބުން އެކަށީގެންވޭ!
ބައެއް މީހުންނަކީ މުޅި ރޭ އެނދުގައި ފުރޮޅި ފުރޮޅި އޮވެ ވެސް ހަމަ ނިދި ނުލިބޭ ބަޔަކަށް ވާއިރު އަނެއްބައި މީހުންނަކީ ނިދަން އެކަށިގެންވާ ވަރަށް ވުރެ މާ ގިނައިން ނިދާ ބައެކެވެ. މީހާއަށް ރަނގަޅަށް ނިދި ނުލިބުމުން ހަށިގަނޑަށް ނޭދެވޭ އަސަރު ކުރާހެން ދިރާސާތަކުން ދައްކާގޮތުގައި މާ ގިނައިން ނިދުމަކީވެސް ސިއްޙަތަށް ނޭދެވޭ އަސަރުތަކެއް ކުރާކަމެކެވެ. ނިދި ހަމައަށް ނުލިބުމުގެ ސަބަބުން ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތަކާއި ބެހޭ ގޮތުން ގިނަ މައުލޫމާތު ލިބިފައިވިޔަސް ގިނައިން ނިދުމުން ސަބަބުން ލިބޭ ގެއްލުންތަކަކީ އެހާ ވާހަކަ ދެކެވޭ މައުޞޫއަކައް ނުވެއެވެ.
ނަފްސާނީ ބަލި(ޑިޕްރެޝަން)
ނަފްސާނީ ބަލި ނުވަތަ ޑިޕްރެޝަން އާ ކުރިމަތިލާ މީހުން ދިރިއުޅުމުގައި ދިމާވާ ގޮންޖެހުން ތަކާ ކުރިމަތި ލުމުގެ ހިތްވަރު ނެތުމުން ގިނަ ވަގުތު ނިދުމަށް އިޙްތިޔާރުކުރެއެވެ. ހަމައެއާއެކު ބޮޑަށް ހަރަކާތްތެރިވެ އުޅުމުން ސިކުނޑީގައި އުފާވެރިކަން ފޯރުކޮށްދޭ ހޯރމޯރންސް އުފެދެއެވެ. ނަމަވެސް އެނދުގައި ނިދުމަށް ގިނަ ވަގުތު ހޭދަކުރުމުން ހަރަކާތްތެރިވެ ހެލިފެލިވުމަށް ޖާގަ ނުލިބި މަޔޫސްކަން އިތުރުވުމަށް ފަހިވެގެންދެއެވެ.
ހަމަ ނިދި ނުލިބުން
ގިނައިން ނިދި ލިބުނު ކަމުގައިވިޔަސް ހަށިގަނޑަށް ލިބެންޖެހޭ ހިތްހަމަޖެހުމާއި އަރާމުކަން ނުލިބި ހިނގައިދާނެއެވެ. ކްލިނިކަލް ސައިކޮލޮޖިސްޓެއް ކަމަށްވާ މައިކަލް ޖޭ ބުރޫސް ވިދާޅުވާ ގޮތުގައި ސްލީޕް އެޕްނިއާ(ނިދާއިރު ނޭވާ ހާސްވުން) ހުންނަ މީހުންނަކީ ގިނަ ވަގުތުތަކަށް ނިދާ ބަޔަކަށްވީއިރު މި ބައްޔަށް ފަރުވާ ނުކޮށްފިނަމަ ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމަށް މަގުފަހިވެއެވެ. ހަމައެއާއެކު ނިދާ މާހައުލު އަލިގަދަ ވުމުންނާއި އަޑުގަދަ ވުމުގެ ސަބަބުންވެސް ގިނައިން ނިދި ކަމުގައިވިޔަސް ރަނގަޅަށް ނިދި ނުލިބިދާނެއެވެ.
ބޮލުގައި ރިއްސުން
ނިދާ ހޭލާއިރު ބޮލަށް ބަރުވެ ބޮލުގައި ރިއްސާހެން ހީވޭތޯ؟ މިއީ ރަނގަޅަށް ނިދި ނުލިބުމުންވެސް ކުރިމަތިވެދާނެ ކަމެކޭ އެއްފަދައިން ގިނައިން ނިދުމުގެ ސަބަބުންވެސް ދިމާވެދާނެ ކަމެކެވެ. ކޮންމެ ރެއަކު އެއް ވަގުތަކު ނިދަން އާދަކޮށް އަދި ހެނދުނު އެއް ވަގުތަކު ހޭލުމަށް ނަފްސު ހާނުވައި ފަރިތަކޮށްފިނަމަ ބޮލުގައި ރިއްސުމުން ސަލާމަތްވެވިދާނެއެވެ.
ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވުން
ދުވާލަކު 7 އަކާއި 9 ގަޑިއީރާއި ދެމެދުގެ ނިދި މީހާއަށް ލިބެންޖެހެއެވެ. 2015 ގައި ޖަރނަލް ނިއުރޮލޮޖީއިން ކޮށްފައިވާ ދިރާސައެއްގައި 8 ގަޑިއިރަށްވުރެ ގިނައިން ނިދާ މީހުންނަށް ސްޓްރޯކް ޖެހުމުގެ ފުރުސަތު 46 އިންސައްތަ އާއި ގާތްކުރެއެވެ.
ބަރުދަން އިތުރުވުން
2018 ގައި ސްލީޕް މެޑިސިން ރިވިއުސް އިން ކޮށްފައިވާ ދިރާސާގައި ގިނައިން ނިދުމާއި ފަލަވުމާއި އާއި ޓައިޕް 2 ޑައިބެޓިސް އާ ގުޅުމެއް އޮންނަ ކަމަށް ދައްކައެވެ. ގިނަ ވަގުތު އެނދުގައި ނިދަން ހޭދަކުރުމުން މީހާ ހަރަކާތް ކުރުމަށާއި ހެލިފެލިވުމަށް ހުރަސްތަކެއް އެޅިގެންދެއެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގައިވާ ސަރުބީތައް ވިރުމުގެ މިންވަރު ދަށްވުމުން މިހާގެ ބަރުދަން އިތުރުވުމަށް މަގުފަހިވެގެންދެއެވެ.
ޓައިޕް 2 ޑައިބެޓިސް ޖެހުމުގެ ފުރުސަތު ބޮޑުވުން
2015 ވަނަ އަހަރު ޑައިބެޓިސް ކެއާރ އިން ޝާއިއު ކޮށްފައިވާ ދިރާސާއެއްގައި ހާމަކުރައްވަނީ 7 ގަޑީރަށްވުރެ އިތުރަށް ނިދި ލިބޭ ކޮންމެ ގަޑީރަކަށް ޓައިޕް 2 ޑައިބެޓިސް ޖެހުމުގެ ފުރުސަތު 14 އިންސައްތަ އަށް އިތުރުވެގެންދެއެވެ.
ގައިގެ ތަންތަނަށް ތަދުވުން
ހާއްސަކޮށް ބުރަކަށީގެ ތަދު ތަހައްމަލު ކުރާ މީހެއްނަމަ ގިނަ ވަގުތު ނިދަން ހޭދަކުރުމުން ގައިގެ ތަންތަނަށް ރިއްސާ ބުރަކަށްޓަށް ތަދުވުމަކީ އެކަށީގެންވާ ކަމެކެވެ. އެއީ ގިނަ ވަގުތު ވަންދެން އެއްގޮތަކަށް އޮށޯވެގެން ހޭދަކުރުމާއި, ނިދާއިރު ހަރަކާތް ކުރުމުގެ މިންވަރު މަދުވުމާއި ނުވަތަ ހަރު ތަންމައްޗެއްގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ.