ކެއުމެއް ނެތްތަ؟

އީމާ މުހައްމަދު ވަހީދު

ދެ އެކުވެރިން ޒަމާން ކޮށްފައި ދިމާވުމުން އެކަކު އަނެކަކުގެ ހާލު އަހައި ދިރިއުޅުމުގެ ކަންތައްތައް ހިނގަމުންދާ ގޮތް އެހި ދުވަސް މިއަދު މިވަނީ މާޒީ އާއި އެކުވެގެން ގޮސްފައެވެ. ޒަމާން މިވަނީ ބަދަލުވެފައެވެ. މިއަދު އެކުވެރިން ދިމާވެފައި އެންމެ ފުރަތަމަ ވެސް ޕްލޭން ކުރާނީ ކޮންމެވެސް ރެސްޓޯރެންޓަކަށް ގޮސް، ކާށެވެ. މިއަދު ދިވެހި ޒުވާނުންގެ ތެރޭގައި އެންމެ ހިނގާ އެއް ލައިނަކީ "ނެތްތަ ކެއުމަށް" މި ޖުމްލަ ކޮޅެވެ. ދުވަސް ނިމިގެން ދާއިރު މިހެން ނުބުނެ، ދުވަސް ނިންމާލާނީ ހަމަ ވަރަށް މަދު މީހެކެވެ.

ބައެއް ދިވެހި ޒުވާނުން ދެ ނޭވާ ދޭތެރެއިން ކެއުމެއް ނެތްހޭ ކިޔާއިރު އަޅުގަނޑު ބައެއް ފަހަރު ހިތަށް އަރަނީ އެހެން ކިޔައި އުޅޭ މީހުންގެ ގޭގައި ކައްކާފައި ނުހުންނަނީ ކަމަށް ވެދާނެއޭ އެވެ. ރައްޓެއްސަކު ފެންނައިރަށް ނުވަތަ ދަަންނަ މީހަކު ފެންނަ އިރަށް ވެސް އެންމެ ފުރަތަމަ އަހާނީ ކެއުމެއް ނެތްތޯއެވެ. ދަންނަ މީހަކު ފެންނަ އިރަށް އެހެން އާހައިރު ހީވަނީ ތިމާ އަކީ ކާނެ އެއްޗެއް ނުލިބި ދެތިން ހަތަރު މަސް ވަންދެން ބަނޑަށް ޖެހިފައި ހުންނަ މީހެއް ހެންނެވެ. 

މިހާރު މިއުޅޭ ބައެއް ދިވެހިން ހަމަ ހިސާބަށް ވުރެ މޮޔައީ އެވެ. ޒަމާން ކޮށްފައި ކުރިން އެކުގައި ކިޔަވަން އުޅުނު ނުވަތަ އެކުގައި ކުރިން މަސައްކަތް ކުރި ރަހުމަތްތެރި އަކާއި ދިިމާވާއިރަށް ކެއުމެއް ނެތް ހޭ އެހުމުގެ ކުރިން އެމީހެއްގެ ހާލު އަހައިލާ، ދިރިއުޅުމުގެ ކަންތައް ހިނގާ ގޮތް ބަލާލާފައި ދެން ކެއުމެއް ނެތްހޭ އަހައިލުމުން އެމީހަކު ކެއުމެއް ދޭ ހިތްވެސް ދޭނެއެވެ. ހަމަ ދިމާވާ ގޮތަށް "އޭ ބްރޯ ކެއުމެއް ނެތްހޭ" އަހައި ލުމުން އެމީހާވެސް ހައިރާން ވާނެތާއެވެ. އެމީހާ ތިބާ އާއި ދޭތެރޭ ހިތަށް އަރާނީ ކޯއްޗެއް ކަން އެނގޭ ހެއްޔެވެ؟ ހަމަ ދިމާވާ ގޮތަށް ކެއުމެއް ނެތް ހޭ އެހުމުން ފޫހިވެސް ވާނެ އެވެ.

ތިހާ ވަރަށް ކާން ބޭނުންވާނަމަ ގެޔަށް ގޮސް، ރަނގަޅަށް ބަރު ފުރޭ ވަރަށް ކެއުން މާ ބުއްދިވެރިއެވެ. ކޮންމެހެން ތަނަކުން ރައްޓެއްސެއް ފެންނަ އިރަށް އެ ރައްޓެއްސެއްގެ ބޮލަށް އެރި، އެމީހަކު ގޮވައިގެން ތަނަކަށް ކާން ދިއުމުގެ ބޭނުމެއް ނެތެވެ. ތިހާ ވަރަށް ރެސްޓޯރެންޓްތަކަށް ގޮސް މީރު ކާއެއްޗެހި ކާ ހިތްވާ ކަމުގައި ވަނީ ނަމަ އަމިއްލައަށް ވަޒީފާއަކަށް ގޮސް ބުރަ މަސައްކަތް ކޮށްގެން، އަމިއްލަ ލާރީގައި ކެއުމުން ހުރިހާ ކަމެއް ނިމުނީއެވެ.  

ކިޔުންތެރިންގެ ހިޔާލު