ރަމަޟާންމަހުގައި މި ކާނާތަކުން ދުރުވުން މުހިންމު

އާމިނަތު އަޙުމާ

ރަމަޟާން މަހަކީ ކެއިންބުއިމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ މައްސަރެއްކަން އެންމެންނަށްވެސް އެނގޭނެއެވެ. މިގޮތުން ދުވާލުދާ ހަތަރު ދަމުގައި ނުކައި ހުރެ، ރޭގަނޑުގެ ވަގުތުތަކުގައި ކާން ޖެހޭއިރު، ކާން ބޭނުންކުރާ ކާނާއަށްވެސް ބަދަލުތަކެއް ގެންނަން އެބަ ޖެހެއެވެ.

ދިވެހިންނަކީ ރަމަޟާންމަހުގައި ކެއުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މަސައްކަތްކޮށް، އެ ރޮނގުން އެކަށީގެންވާ ކާމިޔާބީއެއް ހާސިލްކުރަން ކުޅަދާނަވެފައިނުވާ ބައެކެވެ. މިގޮތުން ކޮންމެ މީހަކުވެސް ބަލަނީ ރޯދަ ވީއްލާ ގަޑީގައި އަދި އޭގެ ފަހުން ރޭގަނޑުގައި ކާ ވަގުތުތަކުގައި ބޭނުންކުރާ ކާނާއަކީ ރަހައިގެ ގޮތުން ފުރިހަމަ ކާނާއެއް ކަމަށް ހެދުމަށެވެ. ޞިއްޙީގޮތުން އެ ކާނާއަކުން ލިބިދާނެ ގެއްލުމަކަށް ނުވަތަ ނުރައްކަލަކަށް ވިސްނައި ނުލައެވެ.

ރަމަޟާންމަހު ކެއުމުން ދުރުހެލިވާން ޖެހޭ ބައެއް ކާނާ

ތެލުލި ކާނާ


ގިނައިން ތެޔޮ އެކުލެވޭ ކާނާއަކީ ދިވެހިން ރަމަޟާންމަހުގައި ވަރަށް ގިނައިން ބޭނުންކުރާ ކާނާތަކަކަށް ވިނަމަވެސް އެއީ އެއްވެސް ޙާލެއްގައި ރަނގަޅުކަމެއް ނޫނެވެ. ދުވާލު އެއްކޮށް ނުކައި ހުރުމުގެ ސަބަބުން ބަނޑުގައި ގޭސްޓްރިކް ވުމަށް މެދުވެރިކުރުވާ ކަމަކަށް ތެޔޮ އެއްޗެހި ކެއުން ވެގެންދެއެވެ. އެ ވަގުތުގައި ކަމެއް ނުވެދާނެއެވެ. ނަމަވެސް އެތަކެއް އަހަރެއް ފަހުންވެސް މީގެ ނޭދެވޭ އަސަރު ފެންނަން ފަށައިފާނެއެވެ. ފަހުން ގޭހުގެ ކަންތައް ވެގެންދާނީ ޢާންމު އުނދަގުލަކަށެވެ. ހިތުގެ ބަލިތައް ޖެހުމާއި ހަކުރު މަތިވެ ލޭ މައްޗަށް ދިޔުން ފަދަ ކަންކަން ވުން ވަރަށް ގާތެވެ. އެހެންކަމުން މުސްތަޤުބަލާއި މެދު ވިސްނުމަށްފަހު، ރަމަޟާންމަހުގައި ތެޔޮ ކާނާ ބޭނުންކުރާ މިންވަރު މަދު ކުރަން އެބަޖެހެއެވެ.

ގިނައިން ހަކުރު އެކުލެވޭ ބުއިންތައް


ފައިދާ އެކުލެވޭ ބުއިންތަކާއި ކާނާތަކަށް ވެސް ހަކުރު އަޅައިގެން ނޫނީ ދިވެހިންނަށް ނުވެއް ބޮވެއެވެ. މީގެ އެންމެ ރަނގަޅު މިސާލަކީ، ފައިދާހުރި މޭވާތަކުގެ ޖޫހަށްވެސް ގިނައިން ހަކުރު އަޅައިގެން ރަމަޟާން މަހު އެ ބޯން ކޮންމެހެންވެސް ޖެހެއެވެ. މިއީ ކަންކުރުން އެންމެ ރަނގަޅުގޮތް ނޫންކަން ކޮންމެ މީހަކުވެސް ހެކިވާނެއެވެ. ނަމަވެސް ސިއްހީގޮތުން ދުޅަހެޔޮ ކެއުމުގެ އާދައަަކަށް ބަދަލުކުރުމަށް އަޒުމް ކަނޑައަޅައިގެން މަސައްކަތްކުރަނީ މަދު މީހުންކަން ކޮންމެ މީހަކުވެސް ހެކިވާނެއެވެ. މަތީ މިންވަރަކަށް ހަކުރު އެކުލެވޭ ކާނާއިން ދުރުވާން ޖެހޭ ސަބަބުތައް ބައިވަރެވެ. އެ ގޮތުން ބައެއް ސަބަބަކީ ހަކުރަކީ ގިނައިރު ނުކައިހުރެފައި ހަށިގަނޑަށް އެ އެތެރެކުރުމުން ބަރުދަން އިތުރުކުރުވުމުގެ އިތުރުން ހިތުގެ ބަލިތަކަށް މަގުފަހި ކުރުވާ ކަމެކެވެ.

ކެފެއިން އެކުލެވޭ ބުއިންތައް


ކެފެއިން އެކުލެވޭ ބުއިންތަކުގެ ތެރެއިން އެންމެ މަޝްހޫރުވެފައިވަނީ ކޮފީއެވެ. ކޮފީއަކީ ދިވެހިންގެ ލޭ ނާރުތަކުގައި ދައުރުވާ އެއްޗެކޭ ގިނަ މީހުން ބުނަން މެދުވެރިވާ ސަަބަބަކީ، ބުއިމެއްގެ ގޮތުގައި ދިވެހިން ކޮފީ ބޭނުންކުރާ މިންވަރު ގިނަވުުމެވެ. ނަމަވެސް ރަމަޟާން މަހަކީ ކެއިންބުއިމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ މައްސަރެއްކަމަށް ވުމުން އެ ނޫން ދުވަސްވަރުތަކުގައި ގަވާއިދުން ބުއިމަށް ބޭނުންކުރާ ބައެއް ބުއިންތައް ބޭނުންކުމުން ގެއްލުން ލިބޭ ހާލަތްތައްވެސް އާދެއެވެ. އޭގެ ތެރެއިން އެއް ބުއިމަކީ ކެފެއިން އެކުލެވޭ ބުއިމެއްކަމަށްވާ ކޮފީއެވެ. ކޮފީ ބުއިމުގެ ސަބަބުން ނިދި ގެއްލޭ ގޮތްވެސް މެދުވެރިވެއެވެ. ހަމައެއާއެކު ގޭސްޓްރިކް ވުމުގެ ފުރުސަތުވެސް ބޮޑުވެއެވެ.

ކިޔުންތެރިންގެ ހިޔާލު