ސަމާލުކަން ހޯދަން އުޅޭ ބޮޓުން ދޫކޮށް، އަޅުކަމައިގެން ކުރިއަށް!

އީމާ މުހައްމަދު ވަހީދު

އަޅުގަނޑުމެން ކަޑައްތު ކުރަމުން މިދަނީ، ބަރަކާތްތެރިވެގެންވާ ރަމަޟާން މަހުގެ ފުރަތަމަ ދިހައިގެ ދުވަސްތަކެވެ. ރަމަޟާން މަހަކީ ކޮންމެ މުސްލިމުއަޅެއްގެ ހަަޔާތަށްވެސް އަހަރުގައި އަންނާނެ އެންމެ މާތް މަހެވެ. ކޮންމެ މުސްލިމަކުވެސް ރަމަޟާން މަހުގައި އަވަސްވެގަންނާނީ އަޅުކަން ކުރުމުގައި އަވަދިވުމަށެވެ. ގިނަ ވަގުތު ހޭދަކުރާނީ ހެޔޮއަމަލުކޮށް އަޅުކަން ކުރުމުގައެވެ. ރަމަޟާން މަހަކީ ބަރަކާތާއި މާތްކަމުން ފުރިފައިވާ މަހެކެވެ. ހަމަގައިމުވެސް ރަމަޟާން މަހުގެ މާތްކަމާއި މަތިވެރިކަން ބޭކާރު ކަންތައްކުރުމުގައި ނަގައިލާނީ މޮޔައިންނެވެ.

މިއަދަކީ ރަމަޟާން މަހުގެ ހަވަނަ ދުވަހެވެ. ނަމަވެސް ރަމަޟާން މަސް ފެށިގެން ފުރަތަމަ ދިހައެއް ނިމެން ކައިރިވެފައިވަނިކޮށް ބައެއް ދިވެހިންގެ ތެރެއިން ފެންނަނީ އަޅުކަން ކުރުމުގައި ވަގުތުތައް ހޭދަކުރުމުގެ ބަދަލުގައި މީސްމީޑިއާގައި ޝައުގުވެރިކަމާއި މީހުންގެ ސަމާލުކަން ހޯދަން އުޅޭ މީހުން ފަހަތުން ދުވާ ތަނެވެ. ބައެއް ދިވެހިންނަށް ރޯދަ މަސް ފެށިގެން ދިޔައީ މީސްމީޑިއާގައި ސަމާލުކަން ހޯދަން އުޅޭ ބޮޓުންނަށް ބުލީކުރުމުގައެވެ. އެމީހުން ކުރާ ކަންކަމަށް ފާރަވެރިވުމުގައި ހޭބޯނާރައި އުޅެނިކޮށެވެ. ހެޔޮއަމަލު ކުރުމާއި އަޅުކަން ކުރުމުގައި ވަގުތުތައް ހޭދަކުރުމުގެ ބަދަލުގައި ބައެއް ޒުވާނުން އަވަދިނެތި އުޅެނީ މީސްމީޑިއާގައި ބޭކާރު ކަންތައްތައް ކުރުމުގައެވެ.

ދިވެހިންނަށް ރޯދަ މަސް ފެށިގެން ދިޔައީ، މީހަކު މާލޭ މީހުންނޭ ރާއްޖެތެރޭ މީހުންނޭ ކިޔައި، މީސްމީޑިއާގައި ތަފާތު ވާހަކަތައް ކިޔަނިކޮށެވެ. މާލޭގައި ދިރިއުޅޭ މީހުންނަށްވުރެ ރަށްތަކުގައި ދިރިއުޅޭ މީހުން ދަށްކޮށް، އެމީހުން ދިމާލަށް ބަދުބަސްބުނެ ވާހަކަތައް ފަތުރަނިކޮށެވެ. އެހިސާބުން މުޅި ގައުމު ކަހަލަ ގޮތަކަށް އެރީ ރަތަށެވެ. ވަގުތުން މީސްމީޑިއާގައި އެމީހާއާއި ދެކޮޅަށް އަދި އެމީހާ ދިމާލަށް އެއްޗެހި ކިޔައި އެތައް ބަޔަކު އަޑު އުފުލަން ފެށިއެވެ. އެމީހާއަށް ޖޯކް ޖަހަން ފެށިއެވެ. ފަހަރެއްގައިވެސް އަޅުގަނޑު ބުނަން މިއުޅެނީ އެމީހާ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގައި އުޅޭ މީހުންނަށް ބަދުބަސްބުނެ ދަށްކޮށްލުމަކީ ރަނގަޅުކަމެކޭ ނޫނެވެ. އެއީ ވަރަށް ގޯސްކަމެކެވެ. ދިވެއްސަކަށްވެ ހުރެ ކުރުން ހެޔޮ ވާވަރުގެ ކަމެއްވެސް ނޫނެވެ. 

އަޅުގަނޑު ދަންނަވަން މިއުޅެނީ އެގޮތަށް މީހުންގެ ސަމާލުކަން ހޯދަން އުޅޭ ބޮޓުން އަޅާނުލައި ދޫކޮށްލަމާއި ހިނގާށެވެ. އެކަހަލަ ބޭކާރު މީހުން ދައްކާ ތާކުންތާކުން ނުޖެހޭ ވާހަކަތައް އަޑު އަހައިގެން އަޅުގަނޑުމެންގެ އަގުހުރި ވަގުތައް ބޭކާރު ކޮށްލަންވީ ކީއްކުރަންހެއްޔެވެ؟ އެފަދަ މީހުން ބޭނުންވަނީ މީހުންގެ ސަމާލުކަމެވެ. އެމީހުން ދައްކާ ކޮންމެ ވާހަކައަކަށް އަދި މީސްމީޑިއާގައި ލިޔެލާ ކޮންމެ ސްޓޭޓަސް އަކަށް އަޅުގަނޑުމެން ރައްދު ދިނުމުން އެމީހުންނަށް އެކަހަލަ އިތުރު ވާހަކަތައް ދެއްކުމަށް ލިބޭނީ ހިތްވަރެކެވެ. އޭގެ ބަދަލުގައި ބޮޓުން ދައްކާ ބޭކާރު ވާހަކަތަކަށް ބީރުކަންފަތެއް ދީގެން ތިބޭނަމަ އެމީހުންވެސް މީހެއްގެ ޝައުގެއް ނުލިބުމުން އެކަންތައް ހުއްޓާލާނެއެވެ.

ރަމަޟާން މަހުގެ ދުވަސްތައް ސަމާލުކަން ހޯދަން އުޅޭ ބޮޓުންނަށް ރައްދުދީ އެމީހުން ކުރާ ކަންތައްތަކަށް ފާރަވެރިވުމުގެ ބަދަލުގައި ހެޔޮއަމަލުތައް ކުރުމުގައި ވަގުތު ހޭދަކުރާށެވެ. ހަމަޔަގީނުންވެސް ހިސާބުބަލައްވާ ދުވަހަކުން އެމީހަކު ދުނިޔެ މަތީގައި އުޅުނު ގޮތާއި، ވަގުތު ހޭދަކުރިގޮތާއި ދެއްކި ވާހަކަތަކާއި ބެހޭގޮތުން ސުވާލު ކުރާނެއެވެ. އެމީހަކު ދެއްކި ވާހަކައެއް އެމީހަކަށެވެ. އެހެންމީހުން އުޅޭ ގޮތް ނުބަލާ، އަޅުގަނޑުމެން އަވަސްވެގަންނަންވީ، އަޅުގަނޑުމެންގެ އަޖަލު ޖެހުމުގެ ކުރިން ހެޔޮއަމަލު ކުރާށެވެ. ސަމާލުކަން ހޯދަން އުޅޭ ބޮޓުން، އެމީހުންގެ ހާލާއިގެން ދޫކޮށްލާށެވެ. އަޅުގަނޑުމެން މަަސައްކަތް ކުރަންވީ ރަމަޟާން މަހުގެ ދަރުމައާއި ކާމިޔާބު ހާސިލުކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު
ފުރިހަމަނަން
މީމް ޕޭޖްތަކާ އެފަދަ ބޭކާރު ހުރިހާ ޕޭޖެއް ބުލޮކް ކުރޭ!