ރޮށި, ރޮއްޓަކަށްވަނީ ހަމަ ވަށްވީމަތަ؟

ސަދާ ސައީދު

ރޯދަ ވީއްލަން ސުފުރާ މަތީ ކެއުމަށް އިންސާފު ކުރަން ތިބޭއިރު އެކި މައުޟޫތަކަށް ވާހަކަތައް ދެކެވިގެން ދެއެވެ. ހާއްސަކޮށް ކެއުމަށް ތައްޔާރުކޮށްފައި ހުންނަ ތަކެއްޗަށް ވާހަކަދައްކައި ފާޑުކިޔުމަކީވެސް އާންމު ކަމެކެވެ. 

އެގޮތުންވެސް ފިހެފައި ހުންނަ ރޮށީގެ ބައްޓަމަށް ފާޑު ކިޔުމަކީ ފިރިހެނުން ވަރަށް ގަޔާވެ، ކުރަމުންދާ ކަމެކެވެ. ގޭގެ ހުރިހާ ކަމެއް ކުރަމުން ކައްކަމުން ދެންވެސް ޖެހޭ ކަމެއް ކުރަމުން ނުހަނު ލޮތްބާއެކު ފިރިމީހާ ނޫނީ ބޭބެމެންނަށް ރޮށި ފިހެފައި ދިނުމުން ވަގުތުން އެ ހަދާލަނީ އިންޑިއާ އަށެވެ. ނޫނީ ކޮކާ ފަތަކަށެވެ. ރޮށީގެ ބައްޓަމާއި ބެހޭ ގޮތުން މިފަދަ އެތައް ގޮތަކަށް ވާހަަކަ ދައްކައެވެ.

ސުވާލަކީ ވަށްކޮށް ރޮށި ފިހަން އެނގުން އެއީ ކޮންމެހެން މަޖުބޫރު ކަމަކީ ހެއްޔެވެ؟ އިނގޭ އެއްޗަކީ އެ ރޮށި ވަށްކޮށް ހުއްޓަސް ކޮންމެ ގޮތަކަށް ހުއްޓަސް އެ ރޮށި ކަނީ ކުދިކުދިކޮށް ކޮށައިން ކަމެވެ. އެހެން ކަަމުން ކޮންމެހެން އެ ރޮށި ވަށްކޮށް ހުރެގެން ވާނެ ފައިދާއެއްވެސް ނޯންނާނެއެވެ. 

ހިތާމައަކީ ރޮށި ވަށްކޮށްހުރުން ލާޒިމް ނުވިޔަކަސް ޒަމާނުއްސުރެން އަހަރެމެން ދިވެހިންގެ ތެރޭގައިވެސް ގަބޫލުކުރާ ގޮތުގައި ރޮށި ރޮއްޓަކަށްވަނީ ވަށްވީމައިކަމެވެ. އެހެނަސް އެއީ މުޅިން ކުއްހީއެކެވެ. ބޯދާ ގަބޫލުކުރުންތަކެކެވެ. އެ ރޮށި ކިތަންމެ ކުޑަ ވެފައި ނޫނީ ބޮޑުވެފައި ދުނިޔޭގެ ޗާޓުހެން އޮތަސް އޭގައި މީރު ރަހައެއް ދޭނަމަ އެ ނިމުނީއެއް ނޫން ހެއްޔެވެ. 

މިސާލަކަށް އެ ރޮށި ވަށްކަމުން ބޯޅައެއްހެން އޮތަސް އޭގައި މީރު ރަހައެއް ނުދޭނަމަ ފައިދާއެއް ވާނެހެއްޔެވެ. ކާއެއްޗެހި މީރުވަނީ އޭގައި މީރު ރަހަ ދިނީމައެވެ. އެ ހުންނަ ގޮތަކުންނެއް ނޫނެވެ. މިސާލަކަށް ސައްކޭލަަކީ އޭގެ ޒާތުގައި އެހާ ވަސް މީރު އެއްޗެއް ނޫނެވެ. އެހެންނަމަވެސް ސައްކޭލަކީ ގިނަ ބަޔަކަށް ވަރަށް ކަމުދާ އެއްޗެކެވެ. 

ދެން އޮތް ކަމަކީ އެހެން ފާޑުކިޔާ ގިނަ ފިރިހެނުންނަކީ ރޮށި ނޫން އެހެން އެއްޗެއް ނުކުވޭ މީހުންނަށް ވުމެވެ. އެއްފަހަރުވެސް ތިމަންނަގެ އަންހެނުން ނޫނީ މަންމަ ނޫނީ ކޮށްކޮ ވަގުތު ތަކެއް ހޭދަކޮށްގެން ރޮށި ފިހެފައި ދިނުމުން އަފަދައިން ފާޑުކިޔުމުން ވާނެ ދެރަ އިހުސާސް ކުރަން މަސައްކަތް ކުރިން ހެއްޔެވެ؟

ކުރިންވެސް ބުނިހެން ޒަމާނުއްސުރެން ގިނަ ބަޔަކު ދެކޭ ގޮތުގައި ރޮށި ހުންނަން ޖެހޭނީ ވަށްކޮށެވެ. އެހެން ނަމަވެސް އަހަރެމެންނަށް އަދިވެސް އެ ވިސްނުން ބަދަލު ކުރެވިދާނެއެވެ. މުޖުތަމައުން އެ ބޯދާ ގަބޫލުކުރުންތައް ނައްތާލެވިދާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު