"ގޮތްދޫނުކޮށް" އުޅެން ހަދައިގެން ދިރިއުޅުމުގައި ލިބޭނެ ކުރިއެރުމެއް ނޯންނާނެ

އީމާ މުހައްމަދު ވަހީދު

ދުނިޔޭގައި އަޅުގަނޑުމެން ހަޔާތުގެ ދުވަސްތައް ގުނަމުންދާއިރު، ބޭނުންވާ އެތަކެއް ކަމެއް ފުރިހަމަ ނުވެ ހުންނާނެއެވެ. ހާސިލުކުރަން ބޭނުންވާ އެތަކެއް ލަނޑުދަނޑިތަކެއް ހާސިލުނުވެހުރެދާނެއެވެ. ނުވަތަ އެންމެ ލޯބިވާ މީހާ ނުވަތަ އެންމެ ބޭނުންވާ އެއްޗެއްވެސް ނުލިބިދާނެއެވެ. ތިބާ ބޭނުންވާ އެއްޗެއް ނުލިބުމުން ނުވަތަ ތިބާ ބޭނުންވާ ގޮތަށް ކަމެއް ނުވުމުން، ބުއްދުވެރި ގޮތަކީ އެއެއްޗެއް ނުވަތަ އެކަމެއް ދޫކޮށްފައި ދިރިއުޅުމައިގެން ކުރިއަށް ދިއުމެވެ. ސަބަބަކީ އަޅުގަނޑުމެން އިންސާނުން ދުނިޔެއަށް ފޮނުވީ ހަމައެކަނި ދުނިޔޭގެ އަރާމާއި ލައްޒަތު ހޯދާކަށް ނޫނެވެ. އޭގެބަދަލުގައި، އަޅުގަނޑުމެން ދުނިޔެއަށް ފޮނުވީ ގަދަކީރިތިވަންތަ ﷲއަށް އަޅުކަންކޮށް ހެޔޮ އަމަލުކުރުމުގައި، އަޅުގަނޑުމެންގެ އަޖަލު ޖެހެންދެން ދެމިހުރުމަށެވެ.

"ގޮތްދޫނުކުރުން" މިއީ އެއްވެސް މީހަކަށް އާ ބަހަކަށް ނުވާނެއެވެ. ޝައްކެއްނެތެވެ. ރަނގަޅުކަމެއް ނުވަތަ އެކަމަކުން ބަޔަކު ނުވަތަ ގައުމަށްވެސް ފައިދާ ވާކަމެއްގައި، ގޮތްދޫނުކޮށް ގޮތުގައި ހިފަހައްޓައިގެން ހުރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ރަނގަޅުކަމެއްގައިވެސް، ގޮތްދޫނުކޮށް އެކަމުގައި ހިފައިގެން ހުރުމަށް ވަކި އިމެއް އޮންނާނެއެވެ. ބުނަން މިއުޅޭ ވާހަކައަކީ ހިސާބަށްވުރެ ކަންތައް ބޮޑުވެ، ގޮތްދޫނުކޮށް އުޅެން ފަށައިފިއްޔާ މަޑު މަޑުން އެމީހަކު މުޖުތަމައުގެ މީހުންގެ ތެރޭގައި އެކެހެރިކޮށްލަން ފަށާނެއެވެ. އެހެނީ ޒަމާނުއްސުރެވެސް، ގޮތްދޫނުކުރުމުގެ އާދައަކީ މީހުން އެހާ ބަލައިގަންނަ އާދައަކަށް ނުވާތީއެވެ.

ދިރިއުޅުމުގައި ކުރިއަށް ދާން ބޭނުންވާނަމަ، ނުވަތަ ކާމިޔާބީތައް ހާސިލުކުރަން ބޭނުންވާނަމަ ވެސް ގޮތްދޫކޮށް އެހެން މީހުން ބުނާ ބަސް އެހުމަކީ މުހިންމު ކަމެކެވެ. ބައެއް ފަހަރުގައި ތިބާ ދެކޭގޮތް ނުވަތަ ތިބާގެ ވިސްނުމަކީ އެންްމެ ރަނގަޅު ވިސްނުމަށް ނުވެދާނެއެވެ. އެހެންކަމުން، ތިބާއަށް ރަނގަޅު ކަމަކަށް ވާ ކަމަކީ ދެން ތިބި މީހުންނަށް ނުރަނގަޅު ގޯސް ކަމަކަށް ވެދާނެއެވެ. ބުއްދިވެރިގޮތަކީ ތިބާ ކަމެއް ކުރަން އުޅޭ އިރު، އެއީ ގޯސްކަމެއް ކަމަށް ބުނެ، އެކަން ނުކުރުމަށް ބުނާ މީހާގެ ބަހުގައި ބަރުދަނެއް ނުވަތަ ހަގީގަތެއް އެކުލެވޭކަމަށް ކިރިޔާވެސް ގަބޫލުކުރެވެންޏާ ގޮތްދޫކޮށް އެކަމެއް ނުކުރުމެވެ. ކާމިޔާބީ ލިބޭނީ އެހެން މީހުންވެސް ދައްކާ ވާހަކައާއި ބަސް އަޑުއަހަން މަސައްކަތް ކުރާ މީހުންނަށެވެ.

އާއްމުކޮށް ގޮތްދޫނުކުރުމުގެ އާދަ ގިނައިން ފެންނާނީ ކުޑަކުދިންގެ ކިބައިންނެވެ،. ބޮޑު ވާވަރަކަށް ބައެއް ކުދިންގެ ގައިން ގޮތްދޫނުކުރުމުގެ އާދަ ކެޑެން ފަށައެވެ. ނަމަވެސް، ގަބޫލުކުރަންޖެހޭ ހަގީގަތަކީ ދަރިފުޅަކީ ގޮތްދޫނުކުރާ ކުއްޖަކަށް ގިނައިން ވަނީ ބެލެނިވެެރިންގެ އިހްމާލުން ކަމެވެ.  ބައެއް ފަހަރު ދަރިން ދެކެ މާ ބޮޑަށް ލޯބިވެވި، ވާ ލޯތްބެއްގެ ސަބަބުން، ދަރިފުޅު ބޭނުންވާ ހުރިހާ އެއްޗެއް ހޯދަ ދޭން ހަދައިގެން މަޑުމަޑުން ކުއްޖާގެ ގައިގައި، ބޭނުންވާ ހިނދަކު ބޭނުން ކަމެއް ކުރުމުގެ ނުވަތަ ގޮތްދޫނުކުރުމުގެ އާދަ  ހަރުލައެވެ. ނަމަވެސް ހަގީގަތުގައި، ކުއްޖާ ކުޑައިރު، ގޮތްދޫނުކުރުމުގެ އާދަ ނުފިލުވައިފިނަމަ ބޮޑުވެގެން ދިރިއުޅުމެއް ފެށުމުން އެކުއްޖާއަށް ވަރަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭނެއެވެ.

އަބަދުވެސް މަސައްކަތް ކުރަންވީ، އަމިއްލައަށް ކުރެވޭ ކުށް ގަބޫލުކޮށް، ގޮތްދޫކޮށްގެން ރަނގަޅު ރީތި ދިރިއުޅުމެއް އުޅުމަށެެވެ. ޝައްކެއްނެތް ކަމަކީ، ގޮތްދޫނުކޮށް އުޅެގެން ވާނެ ފައިދާއެއް ނެތް ކަމެވެ. އޭގެ ބަދަލުގައި ލިބޭނީ މީހުންގެ ނަފްރަތާއި ނުރުހުމެވެ. ވަޒީފާ އަދާކުރާ މާހައުލުގައި ވިޔަސް، ދިރިއުޅޭ ގޭގައި ވިޔަސް، ނުވަތަ ސުކޫލުގައި އުޅޭ އިރު ވިއަސް ގޮތް ދޫކޮށްގެން ވިސްނައިގެން އުޅުމަކީ މުހިންމުކެމެވެ. 

ކިޔުންތެރިންގެ ހިޔާލު