ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކެއުމުގެ އާދަތަކަށް ގެންނަން ޖެހޭ ބަދަލުތައް

ސަދާ ސައީދު

ކޮންމެ ދުވަހަކީ އަހެރެމެން ތެރެއިން ކޮންމެ ބައެއްވެސް ތަފާތު އެކި ކާއެއްޗިއްސަށް އިންސާފު ކުރާ ދުވަހެކެވެ. އެ ގަޑިއެއްގެ މޫޑް ހުންނަ ގޮތަކުން އެކި ކާއެއްޗެހި ކާ ހިތް ވިޔަސް ކެއުމުގައި މައިގަނޑު ގޮތެއްގައި ބޭނުން ކުރެވެމުންދަނީ އެއްބާވަތެއްގެ ކާނާތަކެވެ.

އެހެންނަމަވެސް އެފަދައިން އެ ބޭނުން ކުރާ ކާނާއަކީ އޭގެއިން ހަށިގަނޑަށް ކިހާ ފައިދާއެއް ލިއްބައިދޭ ކާނާތަކެއްތޯ ވިސްނާލަނީ އަހަރެެމެންގެ ތެރެއިން ކިތަށް މީހުން ބާވައެވެ. ހަމަ ގައިމުވެސް އަތުން ގުނާލެވޭނެހާ މަދުވާނެކަން ޔަގީނެވެ. 

އަހަރެމެން ކެއުމުގައި އާންމު ގޮތެއްގައި ބޭނުން ކުރާ ބައެއް ކާނާ ތަކަކީ އޭގެ ސަބަބުން ނުރައްކާތެރި ބޮޑެތި ބަލިތަކަށް މަގުފަހި ކުރާ ކާނާއެވެ. 

ހަށިގަނޑަށް ފައިދާހުރި ކާނާތައް ކެއުމަށްޓަކާ ބައެއް ފަހަރު ދިރިއުޅުމުގެ ވައްޓަފާޅިއަށްވެސް ބަދަލުތައް ގެންނަން ޖެހިދެއެވެ. އެ ނޫނީ އުޅޭ މާހައުލުވެސް ބަދަލު ކުރަން ޖެހިދެއެވެ. 

މިހެން ބުނުމުން މިކިޔަނީ މުޅި ދިރިއުޅުން ބަދަލުކޮށްލާށޭ ކަމަށް ހީކުރެވިދާނެއެވެ. އެހެނަސް މިކިޔަނީ ގެންނަންޖެހޭ ވަަރަށް ކުޑަ ބަދަލެއްގެ ވާހަކައެވެ. 

ސިއްހަތު ރަނގަޅުކޮށް ހުރުމަށާއި އެކަމަށް އެކަށީގެންވާ ކާނާތައް ކެއުމަށް ދިރިއުޅުމުގެ ހުރިހާ ވަގުތަކަށް ބަދަލުތައް ގެންނާކަށް ނުޖެއެވެ. އެހެނަސް ރާވާލެވިފައިވާ ގޮތެއްގެ މަތިން މަސައްކަތް ކުރަންޖެހިދެއެވެ. 

އެގޮތަށް ބަދަލުތައް ގެނެވިދާނެ ބައެއް ކަންކަން:

* ކާ އެއްޗެހި ކާ މާހައުލު ބަދަލުކޮށްލުން. އޭގެ ސަބަބުން ސިއްހަތަށް ރަނގަޅު ކާނާ ކެއުމަށް ހިތްވަރު ލިބޭނެ.

* ދުވަސް ފެށުމުގެ ގޮތުން ބޭނުން ކާނާ ތަކަކީ ސިއްހަތަށް ފައިދާ ހުރި ކާނާއެއްގެ ގޮތުގައި ހެދުން. އެގޮތުންވެސް ލުއި ކާނާއަކުން ދުވަސް ފެށުން. 

* ވަކި ހައްދެއް ނެތި ކެއުމުގެ ބަދަލުގައި ކޮންމެ ދުވަހަަކުވެސް އެ ހާއްސަ ކުރެވިފައިވާ ގަނޑީގައި، ގަނޑިން ގަޑިއަށް ކެއުން ބައްޓަން ކުރުން.

ކެެއުން ސިއްހަތަށް ފައިދާ ހުރި ގޮތަކަށް ބަދަލުކުރާނީ ކިހިނެއް؟ 

* ކެއުމުގައި ވީހާވެސް ގިނައިން މޭވާ އާއި ތަރުކާރީ ހިމެނުން. އެގޮތުން ލޯ ފެޓްގެ ބުއިންތައް ބޭނުންކޮށް ކާބޯައިޑްރޭޓްސް އެކުލެވޭ ކާނާ ބޭނުން ކުރުން މަދުކޮށްލުން.

* ލުއި ކާނާގެ ބާވަތްތަކާއި އެއްކޮށް ދުރުވުން . ސަބަބަކީ ލުއި ކާނާތަކަކީ އޭގެ ސަބަބުން ހަކުރު ބައްޔަށް މަގުފަހިކުރާ އެއްޗަކަށް ވުން.

* އެކަނި ވެރިކަން ޙިޔާރު ނުކޮށް އާއިލާއާއި އެކު އެއްމޭޒެއްގެ ދޮށުގައި އިނދެ ކެއުން

* ބޭރުން ކެއުމުގެ ބަދަލުގައި ގޭގައި ކާނާ ތައްޔާރުކޮށްގެން ކެއުން. 

* ވަޒީފާ އަށް ދާއިރު ރަނގަޅު ސިއްހަތަަށް ފައިދާހުރި ލުއި ކާނާއެއް ތައްޔާރުކޮށްގެން ހިފައިން ދިޔުން. އޭގެ ސަބަބުން ގިނައިން ކެއުމާއި ދުރުވެވޭނެއެވެ.

* އެއްވެސް ގަޑިއެއްގެ ކެއުން ވައްޓާނުލުން. ސަބަބަކީ އެފަދައިން ކެއުމާއި ދުރުވެއްޖެނަމަ އެއްކަލަ ލުއި ކާނާއާއި ގާތް ވެވޭގޮތް ވާނެތީއެވެ.

*  ކަރުހިއްކުމުން ގިނައިން ހަކުރު އެކުލެވޭ ބާވަތްތައް ބޭނުން ކުރުމުގެ ބަދަލުގައި ވީހާވެސް ގިނައިން ފެންބުއިން.

* އަވަސް އަރުވާލައިގެން ނުކައި ވީހާވެސް ހަމަޖެހިލައިގެން ލަސްލަހުން ކެއުން

މިފަދައިން ކެއުމުގައި އަމަލުތައް ބަހައްޓައިފިނަމަ ދުޅަ ހެޔޮ ސިއްހަތެއްގައި ހުރުމަށް ފަސޭހަވެގެން ދާނެއެވެ. އަދި ނުރައްކާތެރި ބަލިތަކުން ދުރުވުމަށް މަގު ފަހިވެގެންދާނެއެވެ. 


ކިޔުންތެރިންގެ ހިޔާލު