ފޮށޭއިރު ތިބާގެ އާއިލާގައިވެސް އަންހެނުން ތިބޭކަން ހަނދާން ނެތުނީތަ؟

އީމާ މުހައްމަދު ވަހީދު

އެކާވީސް ވަނަ ގަރުނުގެ ދުވަސްތައް އަޅުގަނޑުމެން ގުނަމުންދާއިރު، މިއަދު މިވަނީ ޒަމާނަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ކާބަފައިން ދިރިއުޅުނު ދުވަސްވަރާއި މިއަދާއި ވަރަށް ބޮޑެތި ތަފާތުތަކެއް އެބަހުއްޓެވެ. ހަމައެކަނި މިއަދުވެސް އިއްޔެވެސް ދިވެހިންގެ ބަދަލުނުވި ނުވަތަ ތަރައްގީ ނުވި، އެއްޗަކީ ވިސްނުމެވެ. ކިތަންމެ ވަރަށް ޒަމާނާއި އެއްވަރަށް މީހާ ބަދަލުވިއަސް މިއަދުވެސް، ހުންނަނީ އެންމެ ކުރީ ޒަމާނުގެ ބޯދާ ވިސްނުމެވެ. 

އަންހެންވެރިން ގޭތެރޭ މަސައްކަތްތައް ކުރުމުގައި ވަގުތުތައް ހޭދަކޮށް، ދަރިން ބެލި ދުވަސް މިއަދު މިވަނީ މާޒީއާއި އެކުވެގެން ގޮސްފައެވެ. މިއަދު ދިވެހި ގައުމުންވެސް ފެނިގެން މިދަނީ މަސައްކަތުގެ މާހައުލުގައި ފިރިހެނުންނާއި އެއްވަރަށް އަންހެންވެރިންވެސް ފައި ހަމަކުރަމުން ދާ މަންޒަރެވެ. މިއީ ވަރަށް އުފާ ކުރަންވީ ކަމެކެވެ. މިއަދު ބައެއް ދާއިރާތަކުގައި ފިރިހެނުންނަށްވުރެ އަންހެނުން އުޅެނީ ކުރީގައޭ ބުނެފިނަމަ އެވާހަކައަކީ މުޅިން ދޮގު ވާހަކައަކަށް ނުވާނެއެވެ. ގައުމުގައި ދިރިއުޅޭ އަފްރާދުންގެ ވިސްނުން ތަރައްގީ ނުވި ކަމުގައި ވިޔަސް، އަޅުގަނޑުމެންގެ ގައުމު މިއަދު މިވަނީ ކިތަންމެހާވެސް ތަރައްގީވެ ތަހްޒީބު ވެފައެވެ.

މިއަދުވެސް އަދި އިއްޔެވެސް، ދިވެހި މުޖުތަމައުން ފެންނަ އަދި ފެންނަމުންދާ އެންމެ ހިތާމަކުރަންޖެހޭ އެއްކަމަކީ އަންހެންވެރިންނަށް މަގުމަތިންނާއި އަދި އެހެނިހެން މީސްމީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން ފުރައްސާރަކޮށް ފޮށެމުންދާ މަަންޒަރެވެ. ގައުމަށް ކިތަންމެ ތަރައްގީއެއް ގެނައި ކަމުގައިވީނަމަވެސް، މި ގޯސް އާދަ ދިވެހި ބައެއް ފިރިހެނުންގެ ތެރެއިން ފިލައިގެންދާ ގޮތެއް ނުވިއެވެ. މިހާރު ކުރިއަށްވުރެ އެކަންތައްގަނޑު ވަނީ އިތުރުވެފައެވެ.

އަންހެން ކުއްޖަކަށް ނުވަތަ ދެބައި އުމުރުގެ އަންހެނަކަށްވެސް މަގުމަތީގައި މީހެއްގެ ފުރައްސާރައާއި ނުލައި ހަމަޖެހިގެން ހިނގާލާފައި ދާން ބޭނުންވާ މަންޒިލަށް ދިއުމުގެ ފުރުސަތު ވަރަށް ނުލިބޭނެއެވެ. ހާއްސަކޮށް ވެރިރަށް މާލޭގެ މަގުމަތީގައި ފޮށުމާއި ފުރައްސާރަ ކުރުމާއި ޖެއްސުން ކުރުމުގައި އޮތީ ހުރިހާ ހައްދުތަކެއް ފަހަަނަ އަޅައި، ގޮސްފައެވެ. މާލޭ މަގުމަތީގައި އަންހެންވެރިންނަށް ފުރައްސާރަކޮށް ފޮށުމުގައި، ޒުވާންކުދިންނަށް ވުރެ ދެބައި އުމުރުގެ ފިރިހެނުން އުޅޭ ކަމަކީ ހަގީގަތުގައި ހުރިހާ ދިވެހިންވެސް ލަދުގަންނަ ޖެހޭ ކަމެކެވެ. މިކަމުންވެސް ދޭހަވަނީ ދިވެހި މުޖުތަމައުގެ އިޖުތިމާއީ ފޭރާން އެއްކޮށް ވީދި ހަލާކުވެފައިވާ ކަމެވެ. 

ގަބޫލު ކުރަންޖެހޭ ހަގީގަތަކީ އަންހެން ކުއްޖާ ބޭރަށް ނުކުންނަ އިރު، ކޮންމެ ކަހަލަ ހެދުމެއް ލިޔަސް އެ ކުއްޖަކަށް ފުރައްސާރަކޮށް ފޮށެން ނުޖެހޭނެ ކަމަށެވެ. އަދި އަންހެނަކަށް ދިމާވާ އެފަދަ ޖިންސީ ފުރައްސާރައެއްގެ ސަބަބަކީ އެމީހަކު ލައި އުޅޭ ހެދުމޭ ބުނުމަކީވެސް ހަގީގަތުގައި ރަނގަޅު ގޮތެއް ނޫނެވެ. ދިވެހިންގެ ފަރާތުން މިފަދަ ތާކުންތާކުން ނުޖެހޭ ކަންކަން ފެންނަމުންދާތީ، އަޅުގަނޑު ދަންނަވާނީ ހަމަ، ދިވެހިންގެ ވިސްނުން އަދި ވެސް ތަރައްގީނުވަނީއޭ އެވެ. 

ތިބޭފުޅުން، މަގުމަތީގައި އަންހެނުންނަށް ފުރައްސާކޮށް ފޮށި ހަދާއިރު، ތިބާގެ ވެސް އަންހެން ކޮއްކޮ އެއް ނުވަތަ ދައްތައެއް އެބަ ހުރިކަން ހަނދާން ނެތުނީތޯއެވެ. ތިބާގެ އަންހެން ކޮއްކޮއަކާއި، ނުވަތަ ދައްތައަކާއި މީހަކު ބެހުމުން ނުވަތަ ފޮށުމުން އަންނަ ރުޅީގައި އެކަމެއް ކުރާ މީހަކު މަރައިލާ ހިސާބަށް ދާއިރު، ތިބާއަށް ތި ފޮށެވެނީ ވެސް ކޮންމެވެސް މީހެއްގެ ކޮއްކޮއެއް ނުވަތަ ދައްތައަކާއިި ކަން ހަނދާން ނެތުނީތޯއެވެ. އަޅުގަނޑުމެންގެ އަމިއްލަ ކޮއްކޮއާއި ދައްތައަށް ދޭން ބޭނުންވާ ރައްކާތެރިކަން އެހެން މީހުންގެ އަންހެން ކޮއްކޮއަށާއި ދައްތައަށް ދޭން ބޭނުންނުވަނީ ކީއްވެތޯއެވެ؟ ދެން ވެސް މަގުމަތިން ދާ އަންހެން ކުއްޖަކާއި ނުވަތަ އަންހެނަކާއި ފޮށުމުގެ ކުރިން، ތިބާގެވެސް އަންހެން ކޮއްކޮއިންނާއި ދައްތައިން އެބަ ތިބިކަން ހަނދާން ކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު