ހަނގާކުރުން ހުއްޓުވުމަށް އިންސްޓަގްރާމުން ފިޔަވަޅުތަކެއް އަޅަނީ

ހުސައިން ނަޒީފް

ހަނގާކުރުން ހުއްޓުވުމަށް ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ސޯޝަލް މީޑިޔާގެ މަޤްބޫލް ޕްލެޓްފޯމެއް ކަމުގައިވާ އިންސްޓަގްރާމުން ނިންމައިފިއެވެ.

އެގޮތުން ހޯމަދުވަހު އިންސްޓަގްރާމުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި އެ ޕްލެޓްފޯމް ބޭނުންކުރާ ފަރާތްތަކުން ކޮމެންޓް ކުރުމަށާއި ޕޯސްޓްތައް ކުރުމުގައި ބޭނުންކުރާ ބަހުރުވަ އާއި މެދު ސަމާލުވުމަށް ހަނދާންކޮށްދޭނެ ކަމަށެވެ. 

އަދި ހަނގާކުރުމަށް ބޭނުންކުރެވޭ ބަސްތަކެއް އެކުލެވޭ ކޮމެންޓެއް ކޮށްފި ނަމަ އެއާއި މެދު ވިސްނުމަށް އެ ކޮމެންޓް ކުރާ ފަރާތަށް ހަނދާން ކޮށްދޭނެއެވެ.

ދެވަނަ ފިޔަވަޅެއްގެ ގޮތުން އިންސްޓަގްރާމުން ތައާރަފް ކުރީ މީހަކު ޝާއިއުކުރާ ފޮޓޯ އަކަށް ހަނގާކުރުމުގެ ގޮތުން ކުރާ ކޮމެންޓް އެހެން މީހުންނަށް ނުފެނޭ ގޮތަށް ހެދުމުގެ ފުރުސަތެވެ. އެއާއި އެކު ހަނގާކުރާ މީހާ ކުރާ ކޮމެންޓެއް ފެންނާނީ ކޮމެންޓް ކުރި މީހާއަށް އެކަންޏެވެ.

ސޯޝަލް ނެޓްވޯކްތަކުގެ ތެރެއިން އިންސްޓަގްރާމަކީ މިއަދު ޢާއްމުންގެ ވަރަށްބޮޑު މަޤްބޫލްކަމެއް ހޯދާފައިވާ ނެޓްވޯކެކެވެ. އަދި ވަކިން ޚާއްޞަކޮށް ޒުވާނުން އެކި ފާޑުފާޑުގެ ރީތި ފޮޓޯތައް ސޭވް ކުރުމާއި، ޝެއަރ ކުރުމަށް ބޭނުންކުރަމުންދާ ޚާއްޞަ ޕްލެޓް ފޯމެއް ވެސް މެއެވެ.

އެހެން ނަމަވެސް ސޯޝަލް މީޑިޔާގެ އެހެން ޕްލެޓްފޯމްތަކެކޭ އެއްގޮތަށް އިންސްޓަގްރާމްގައި ވެސް ހަނގާކުރުމުގެ މައްސަލަ ބޮޑެވެ.

ކިޔުންތެރިންގެ ހިޔާލު