ސެމްސަންގްގެ އެންމެ އަގުބޮޑު ސްމާޓްފޯން އަންނަ ބުދަ ދުވަހު ލޯންޗް ކުރަނީ

ހުސައިން ނަޒީފް

ސެމްސަންގް އިން އެކުންފުނީގެ ގެލެކްސީ ނޯޓް 10ގެ ސްމާޓްފޯންތައް ތަޢާރަފްކުރުމަށް ތައްޔާރުވެއްޖެ އެވެ. ސޯޝަލް މީޑިއާގައި އެ ސްމާޓްފޯންތައް އިޝްތިހާރުކުރަމުން އަންނަތާ ދުވަސްތަކެއް ވެފައިވާއިރު، ސެމްސަންގް ގެލެކްސީ ނޯޓް 10 ސީރީސް ދައްކާލާނީ މި ހިނގާ އޮގަސްޓް މަހުގެ ހަތްވަނަ ދުވަހު ނިއު ޔޯކްގައި ބާއްވާ ޚާއްސަ އިވެންޓެއްގަ އެވެ. އެ އިވެންޓް ސެމްސަންގްގެ ވެބްސައިޓުންނާއި ޔޫޓިއުބް އިން ލައިވް-ސްޓްރީމްކުރާނެ އެވެ.

މިފަހަރު ސެމްސަންގް އިން ދެ ފޯނެއް ނެރޭނެއެވެ. މިއީ އެ ކުންފުނިން ގެލެކްސީ ނޯޓްގެ ދެ ސްމާޓްފޯން އެއްފަހަރާ ނެރޭ ފުރަތަމަ ފަހަރެވެ. ލަފާކުރެވޭ ގޮތުގައި އެ ފޯންތަކަށް ކިޔާނީ ގެލެކްސީ ނޯޓް 10 އަދި ގެލެކްސީ ނޯޓް 10 ޕްލަސް އެވެ.

މީގެ އިތުރުން އަލަށް ނެރޭ ގެލެކްސީ ނޯޓް 10ގެ ސްމާޓްފޯންތަކުގެ ބެޓަރީވެސް ކުރީގެ ފޯންތަކަށްވުރެ ބޮޑުވާނެ އެވެ. މިދިޔަ އަހަރު ނެރުނު ގެލެކްސީ ނޯޓް 9ގައި ހުންނަނީ 4000އެމްއޭއެޗްގެ ބެޓަރީއެކެވެ. މި ފޯންތަކުގައި މުޅިން އާ ފީޗާތައް ހިމެނުމުގެ އިތުރުން ކުރީގެ ފޯންތަކަށްވުރެ ސްޕެސިފިކޭޝަންސްވެސް ރަނގަޅުވާނެ އެވެ. އެހެންކަމުން ކުރީގެ ފޯންތަކަށްވުރެ އަލަށް ނެރޭ ފޯންތަކުގެ އަގުވެސް ބޮޑުވާނެ ކަމަށް ބެލެވެއެވެ. މަޝްހޫރު ޓެކް މާހިރެއް ކަމުގައިވާ އިޝާން އަގަރްވާލް ލަފާކުރާ ގޮތުގައި ނޯޓް 10ގެ 256ޖީބީ މޮޑެލްގެ އަގު ފެށޭނީ ގާތްގަނޑަކަށް 949 ޔޫރޯއިންނެވެ. އަދި ނޯޓް 10 ޕްލަސްގެ 256ޖީބީ މޮޑެލްގެ އަގު 1099 ޔޫރޯ އަށް އަރާނެ ކަމަށާއި، އެ ފޯންގެ 512ޖީބީ މޮޑެލްގެ އަގު ފެށޭނީ ގާތްގަނޑަކަށް 1199 ޔޫރޯއިން ކަމަށްވެސް އޭނާ ލަފާކުރެއެވެ.

ގެލެކްސީ ނޯޓް 10ގެ ދެ ސްމާޓްފޯންގައިވެސް ބޭނުންކުރާނީ ކުއަލްކޮމް ސްނެޕްޑްރެގަން 855 ނުވަތަ އެކްސިނޮސް 9825 ޕްރޮސެސަރ އެވެ. އަދި އެކްސިނޮސް ބޭނުންކުރާ ގެލެކްސީ ނޯޓް 10 އެމެރިކާގެ ބާޒާރަށް ނެރޭނެކަމުގެ އަޑުތައްވެސް ވަނީ ފެތުރިފައެވެ. ގެލެކްސީ އެސް10 ސީރީސްގެ ފޯންތަކުގެ 12ޖީބީ ރެމެއް ހުންނައިރު، އަލަށް ނެރޭ ނޯޓް 10 ޕްލަސްގެ ފޯންތަކުގައިވެސް 12ޖީބީގެ ރެމެއް ހުންނާނެ ކަމަށް ބެލެވެއެވެ.

ސެމްސަންގް އިން ވަނީ ގެލެކްސީ ނޯޓް 10 ސީރީސްގެ ފޯންތަކުގައި 1ޓީބީގެ އިންބިލްޓް ސްޓޯރޭޖް އާއެކު 512ޖީބީގެ މައިކްރޯއެސްޑީ ކާޑެއްވެސް ބޭނުންކުރެވޭނެ ކަމަށް ލަފާކުރެއެވެ. އެހެންކަމުން ޖުމްލަކޮށް މި ސީރީސްގެ ކޮންމެ ފޯނެއްގައިވެސް 1.5ޓީބީ އާއި ހަމައަށް ސްޓޯރޭޖް ސްޕޭސް ސަޕޯޓްކުރާނެ އެވެ. އެހެންނަމަވެސް، ގެލެކްސީ ނޯޓް 10 ޕްލަސްގައި 3.5މިލިމީޓަރުގެ ހެޑްފޯނެއް ޖެކެއް ނެތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އަގުހެޔޮ ގެލެކްސީ ނޯޓް 10ގައި ހެޑްފޯން ޖެކެއް ހުންނާނެ ކަމަށް ލަފާކުރެވެއެވެ.

ޓްވިޓާގައި ލީކުކޮށްލާފައިވާ ގެލެކްސީ ނޯޓް 10 ސީރީސްގެ ސްމާޓްފޯންތަކުގެ ފޮޓޯތަކަށް ބަލާއިރު، ދެ ފޯންގައިވެސް ތިން ފަހަތު ކެމެރާ ހުންނާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން ރަނގަޅު ޕޯޓްރެއިޓް ނެގުމަށްޓަކައި އިތުރު ސެންސަރެއްވެސް ނޯޓް 10 ޕްލަސްގައި ހިމެނޭނެ ކަމަށް ލަފާކުރެވެއެވެ.

އަދި ގެލެކްސީ ނޯޓް 10 ސީރީސްގެ ފޯންތަކުގެ ސްކްރީންވެސް ކުރީގެ ފޯންތަކަށްވުރެ ބޮޑުވާނެ އެވެ. ލީކްކޮށްލާފައިވާ ފޮޓޯތަކަށް ބަލާއިރު، އެ ފޯންތަކުގައި 'އިންފިނިޓީ-އޯ' ސްކްރީންތައް ހުރުމަކީ އެކަށީގެންވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު