ޑާކް ޗޮކްލެޓް: ޑިޕްރެޝަން އާއި އެންޒައިޓީން ސަލާމަތްވުމަށް އެހީއެއް!

ހުސައިން ނަޒީފް

ޑާކް ޗޮކްލެޓު ކެއުމަކީ މޫޑް ރަނގަޅުކޮށްދީ، ޑިޕްރެޝަންއިން ދުރުކޮށްދޭ ކަމެއް ކަމަށް ދާދި ފަހުން ކުރި ދިރާސާއަކުން ދައްކައިފިއެވެ.

ޔުނިވާސިޓީ ކޮލެޖު ލަންޑަންގައި ކުރިއަށްގެންގޮސް، ޑިޕްރެޝަން އެންޑް އެންޒައިޓީ ޖާނަލްގައި ޝާއިރުކޮށްފައިވާ މި ދިރާސާ އަކީ ކައި އުޅޭ ޗޮކްލެޓު ބާވަތާއި ޑިޕްރެޝަން އާއި ގުޅުމެއްވޭތޯ ތަހުލީލްކުރި ފުރަތަމަ ދިރާސާއެވެ. ދިރާސާވެރިން ވަނީ ޔޫއެސް ނޭޝަނަލް ހެލްތު އެންޑް ނިއުޓްރިޝަން އެގްޒެމިނޭޝަން ސާވޭ އިން 13،626 މީހެއްގެ މަޢުލޫމާތު ތަހުލީލްކޮށްފަ އެވެ.

އެގޮތުން މި ދިރާސާއިން ދައްކާފައިވާ ގޮތުގައި އެއްވެސް ވަރަކަށް ޗޮކްލެޓު ނުކައި މީހުންނާއި އަޅާބަލާއިރު، 48 ގަޑިއިރުގެ ތެރޭގައި އެއްވެސް ކަހަލަ ޑާކް ޗޮކްލެޓެއް ކެއި ފަރާތްތައް، ޑިޕްރެޝަންގެ އެއްވެސް އަލާމާތެއް ރިޕޯޓްކުރުމުގެ ފުރުސަތު 70 އިންސައްތަ ދަށްވެގެން ދިޔަ ކަމަށެވެ.

މީގެ އިތުރުން އެންމެ ގިނައިން ޗޮކްލެޓު (އެއްވެސް ވައްތަރެއްގެ) ކެއި 25 އިންސައްތަ ބައިވެރިންވެސް، އެއްވެސް ވަރަކަށް ޗޮކްލެޓު ނުކެއި ބައިވެރިންނާއި އަޅައިބަލާއިރު، ޑިޕްރެޝަންގެ އަލާމާތެއް ރިޕޯޓްކުރުމުގެ ފުރުސަތު ކުޑައެވެ. އެހެންނަމަވެސް ޑާކް ނޫން ޗޮކްލެޓު ކެއުމާއި، ޑިޕްރެޝަންގެ އަލާމާތްތަކާއި އެއްވެސް ގުޅުމެއްވާ ކަމަކަށް ހޯދިފައި ނުވާ ކަމަށް ދިރާސާވެރިން ބުނެއެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ބުނާގޮތުން ދުނިޔޭގެ އެކި ހިސާބުތަކުން 300 މިލިއަނަށްވުރެ ގިނަ މީހުންނަށް ޑިޕްރެޝަން ޖެހިފައިވާއިރު، ޑިޕްރެޝަން އަކީ ނުކުޅެދުންތެރިކަމަށް މަގުފަހިކޮށްދޭ އެންމެ ބޮޑު ސަބަބެވެ.

ޗޮކްލެޓަކީ މޫޑް ރަނގަޅުކޮށްދޭ މާއްދާތަކެއް އެކުލެވިގެންވާ ކަމަށް މަޝްހޫރުވެފައިވާ އެއްޗެކެވެ. އެގޮތުން އުފާވެރިކަމުގެ އިހުސާސްތައް އުފައްދައިދޭ ސައިކޯއެކްޓިވް މާއްދާތަކާއި، ނިއުރޯމޮޑިއުލޭޓަރެއް ކަމުގައިވާ ފީނައިލްއީތައިލްއެމައިންވެސް ޗޮކްލެޓުގައި ހިމެނެއެވެ.

ހުރިހާ ޗޮކްލެޓެއްގައިވެސް އެ މާއްދާތައް އެކުލެވިގެންވާއިރު، އެހެން ވައްތަރުތަކާއި އަޅާބަލާއިރު ޑާކް ޗޮކްލެޓުގައި ފްލެވޮނޮއިޑްސް ގިނައެވެ. ފްލެވޮނޮއިޑްސް އަކީ ޑިޕްރެޝަނަށް މަގުފަހިކޮށްދޭ އިންފްލެމޭޓަރީ ޕްރޮފައިލްތައް ރަނގަޅުކޮށްދޭ، އެންޓިއޮކްސިޑެންޓް ކެމިކަލްތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު