ދުވާލަކު ފަސްގަޑިއިރު ފޯނު ބޭނުން ކުރާނަމަ ފަލަވުމުގެ ފުރުސަތު ވަރަށް ބޮޑު

ހުސައިން ނަޒީފް

ދުވާލަކު ފަސް ގަޑިއިރު ނުވަތަ އެއަށްވުރެ ގިނައިރު ސްމާޓްފޯން ބޭނުންކުރާ ދަރިވަރުން، ހިތުގެ ބަލިތަކުގެ ނުރައްކާ ބޮޑުކޮށްދޭ ދިރިއުޅުމުގެ އާދަތައް ގެންގުޅުމުގެ ފުރުސަތު ބޮޑުވާ ކަމަށް ދިރާސާވެރިން ހޯދައިފި އެވެ.

ކޮލަމްބިއާގައި ކުރި ދިރާސާއެއްގައި ވަނީ 1،060 ދަރިވަރުން (700 އަންހެން އަދި 360 ފިރިހެން)ގެ މަޢުލޫމާތުތައް ތަހުލީލްކޮށްފަ އެވެ. އަންހެން ކުދިންގެ އެވަރެޖު އުމުރަކީ 19 އަހަރު ކަމުގައިވާއިރު، ދިރާސާގައި ބައިވެރިވި ފިރިހެން ދަރިވަރުންގެ އެވަރެޖު އުމުރަކީ 20 އަހަރެވެ.

ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ކޮލަމްބިއާގެ ސައިމަން ބޮލިވާރް ޔުނިވާސިޓީގެ މިރާރީ މަންތިލާ-މޮރަން ވިދާޅުވީ މޮބައިލް ޓެކްނޮލޮޖީ އަކީ ގިނަ މަޢުލޫމާތާއި މުނިފޫހިފިލުވުންފަދަ ގިނަ ބޭނުންތަކެއް ލިބޭ އެއްޗަކަށް ވީނަމަވެސް، އެއީ އާދަކާދަތައް ރަނގަޅުކޮށް އަޚްލާޤްތައް ދުޅަހެޔޮ ކުރުމަށް ބޭނުންކުރަންޖެހޭ އެއްޗެއް ކަމަށެވެ.

މި ދިރާސާއިން ދެއްކި ގޮތުގައި ދުވާލަކު ފަސް ގަޑިއިރު، ނުވަތަ އެއަށްވުރެ ގިނައިރު މޮބައިލް ފޯން ބޭނުންކުރުމުން އޮބޭސިޓީ (މާބޮޑަށް ފަލަވުން) ޖެހުމުގެ ފުރުސަތު %43 އިތުރުވެއެވެ. މީގެ އިތުރުން އެފަދަ ދަރިވަރުން ގިނައިން ހަކުރުހުރި ބުއިންތަކާއި، ފާސްޓް ފުޑާއި، މެޓާ އަދި ލުއިކާނާ ކައިބޮއެ އުޅޭ މިންވަރު ދެގުނަ އިތުރުވެ، ޖިސްމާނީ ޙަރަކާތްތަކުގައި ބައިވެރިވާ މިންވަރުވެސް ދެގުނަ ދަށްވެގެންދާ ކަމަށެވެ.

ދިރާސާވެރިން ބުނާގޮތުގައި އޯވާވެއިޓް ކުދިންގެ ތެރެއިން %26 ދަރިވަރުންނާއި، އޮބީސް ކުދިންގެ ތެރެއިން %4.6 ދަރިވަރުންނަކީ މޯބައިލް ފޯން ބޭނުންކުރުމުގައި ދުވާލަކު ފަސް ގަޑިއިރަށްވުރެ ގިނައިރު ހޭދަކުރާ ކުދިން ކަމަށެވެ.

ދިރާސާގައި ބުނެފައިވާ ގޮތުން ސްމާޓްފޯން ބޭނުންކުރުމުގައި މާގިނައިރު ހޭދަކުރުމަކީ ޖިސްމާނީ ހަރަކާތްތަކުގައި ބައިވެރިވާ މިންވަރު މަދުކޮށް، ކަންނެއް ކުރުވައި، ހަކުރު ބައްޔާއި ހިތުގެ ބަލިތަކުގެ އިތުރުން އެކި ވައްތަރުގެ ކެންސަރުތައް ޖެހުމުގެ ނުރައްކާ އިތުރުކޮށްދޭ ކަމެއް ކަމަށެވެ.

ނޮއިޑާގެ ޖޭޕީ ހޮސްޕިޓަލްގެ ސާޖިކަލް ގޭސްޓްރޮއެންޓެރޮލޮޖީ، ރާޖޭޝް ކަޕޫރް ވިދާޅުވާ ގޮތުގައި ސްމާޓްފޯނަކީ މިޒަމާނުގައި ޒަރޫރީ ބޭނުމެއް ކަމަށާއި، ނަަމަވެސް މާގައިން ބޭނުންކުރުމަކީ ދުޅަހެޔޮ ދިރިއުޅުމަށް ނުރައްކާކުރާ ކަމެއް ކަމަށެވެ.

މިކަމުން ސަލާމަތްވުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ފޯން ބޭނުންކުރާ ވަގުތު މަދުކޮށް، ޔޯގާ އާއި އެހެނިހެން ކުޅިވަރުތައްފަދަ ކަސްރަތުގެ ޙަރަކާތްތަކުގައި ބައިވެރިވުން ކަމުގައިވެސް އޭނާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު