ހަކުރު މަތިވުމުން ޗިސްމޭގެ ކެންސަރު ޖެހުމުގެ ނުރައްކާ އިތުރުވޭ

ހުސައިން ނަޒީފް

ލޭގައި ހަކުރު ހުންނަ މިންވަރު އިތުރުވުމަކީ ޗިސްމޭގެ ކެންސަރު (ޕެންކްރިއެޓިކް ކެންސަރު) ޖެހުމުގެ ނުރައްކާ އިތުރުކޮށްދޭ ކަމެއް ކަމަށް ދިރާސާއަކުން ދައްކައިފި އެވެ. މި ބައްޔަކީ ޗިސްމޭގައި ހުންނަ ދުޅަހެޔޮ ސެލްތައް މަސައްކަތްކުރުން ހުއްޓުވައި، ކޮންޓްރޯލެއްނެތި ސެލްތައް ބޮޑުވުމުގައި އެހީވެދޭ ބައްޔެކެވެ.

ކޮރެއާގައި ކުރި މި ދިރާސާގެ ހޯދުންތައް ޝާއިރުކޮށްފައި ވަނީ "ޖާނަލް އޮފް ކްލިނިކަލް އެންޑޮކްރިނޮލޮޖީ އެންޑް މެޓަބޮލިޒަމް" ގައެވެ.

ޗިސްމޭގެ ކެންސަރު ޖެހިފައިވާ ފަރާތްތަކުގެ ފަސް އަހަރު ދުވަހުގެ ސަވައިވަލް ރޭޓަކީ އެންމެ 9 އިންސައްތަ އެވެ. އެއީ މި ބައްޔަކީ ޑައިގްނޯޒްކުރަން ދަތި، ކެންސަރުގެ ފަހު ސްޓޭޖްތަކުގައި މެނުވީ އާންމުކޮށް ނުހޯދޭ ބައްޔަކަށް ވާތީއެވެ. އަދި ފަހު ސްޓޭޖްތަކުގައި ބަލި ޖެހިފައިވާކަން އެނގޭއިރު، އާންމުކޮށް ކެންސަރު ވާނީ ހަށިގަނޑުގެ އެހެން ސަރަޙައްދުތަކަށްވެސް ފެތުރިފައި ކަމަށް ދިރާސާގައި ބުނެފައިވެއެވެ.

ދިރާސާގައި އިސްކޮށް ޙަރަކާތްތެރިވި ސޯލްގެ ކަންބުކް ސެމްސަންގް ހޮސްޕިޓަލްގެ ޗިއޯލް-ޔަންގް ޕާކް ވިދާޅުވީ ޗިސްމޭގެ ކެންސަރުގެ ނުރައްކާ ބޮޑުކޮށްދޭ މައިގަނޑު އެއް ކަމަކީ ހަކުރުބަލި ކަމަށެވެ.

ހެނދުނު ސައިގެ ކުރިން ހަކުރު ހުންނަ މިންވަރު ބޭނުންކޮށްގެން ޗިސްމޭގެ ކެންސަރު ތަހުލީލްކުރުމުން އެނގިގެންދިޔައީ، ސައި ބުއިމުގެ ކުރިން ލޭގައި ހަކުރު ހުންނަ މިންވަރު އިތުރުވާ ވަރަކަށް، ޗިސްމޭގެ ކެންސަރުގެ މައްސަލަތައްވެސް އިތުރުވެގެންދާ ކަމަށެވެ. އަދި މިކަން ހަކުރުބަލި ހުންނަ މީހުންގެ އިތުރުން ހަކުރުބަލި ނުހުންނަ ފަރާތްތަކުގައިވެސް ފާހަގަކުރެވިފައިވާ ކަމަށް ޕާކް ވިދާޅުވި އެވެ. މި ދިރާސާގައި ވަނީ 25 މިލިއަނަށްވުރެ ގިނަ ބަލިމީހުންގެ ޑޭޓާ ބޭނުންކޮށްފަ އެވެ.

ޕާކް ވިދާޅުވާ ގޮތުގައި ދިރާސާއިން ދައްކަނީ ހެލްތު ޗެކަޕްތަކުން ހައިޕާގްލައިސީމިއާ ޑިޓެކްޓްވެ، ގްލުކޯޒް ޕްރޮފައިލް ރަނގަޅުކުރުމަކީ ޗިސްމޭގެ ކެންސަރުގެ ނުރައްކާ ކުޑަކޮށްދޭނެ ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު