ހިކަނދި ފަތުން ލިބޭ ސިއްޙީ ފައިދާތައް

ހުސައިން ނަޒީފް

ހިކަނދި ފަތް ނުވަތަ ރިހަފަތަކީ ރާއްޖޭގައި ތައްޔާރުކުރާ ގިނަ ކާއެއްޗެހީގައި ބޭނުންކޮށް އުޅޭ އެއްޗެކެވެ. މި ފަތަކީ ކޮންމެ އެއްޗަކަށްވެސް ވަރަށް މީރު ރަހައެއް ގެނެސްދޭ އެއްޗެކެވެ. އެހެންނަމަވެސް ރަހައިގެ އިތުރުންވެސް މި ފަތުން ވަރަށް ގިނަ ފައިދާތަކެއް ލިބެއެވެ. ކާބޯހައިޑްރޭޓްސް އާއި ފައިބާ އާއި ކެލްސިއަމް އާއި ފޮސްފަރަސް، އަޔަން އަދި ވިޓަމިން ސީ، އޭ، ބީ އަދި އީފަދަ ވިޓަމިންތައް އެކުލެވިގެންވާ ހިކަނދި ފަތަކީ ހިތުގެ ސިއްޙަތަށް ފައިދާހުރި، އިންފެކްޝަންތަކުން ރައްކާތެރިކޮށްދޭ އެއްޗެކެވެ. ތިރީގައި މިވަނީ ހިކަނދި ފަތުން ލިބިދޭ ބައެއް ސިއްޙީ ފައިދާތަކެވެ.

1. އެނީމިއާއިން ރައްކާތެރިކޮށްދޭ

ހިކަނދި ފަތަކީ ގިނަ އަދަދަކަށް އަޔަން އާއި ފޯލިކް އެސިޑް އެކުލެވިގެންވާ އެއްޗެކެވެ. ފޯލިކް އެސިޑަކީ ހަށިގަނޑުގައި އަޔަން ދައުރުކުރުމުގައި އެހީތެރިވެދޭ އެއްޗެކެވެ. ހިކަނދި ފަތުގައި މި ދެ މާއްދާވެސް ގިނަ އަދަކަށް ހިމެނޭއިރު، މިއީ އެނީމިއާއިން ރައްކާތެރިވުމަށް ކެއުން ވަރަށް ރަނގަޅު ފަތެކެވެ.

2. ހަކުރުބައްޔާއި ހަނގުރަމަކުރޭ

ހިކަނދި ފަތަކީ ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކޮށްދޭ އެއްޗެކެވެ. އެގޮތުން މި ފަތަކީ ހަށިގަނޑުގައި އިންސުލިން ހަރަކާތްތެރިވާ ގޮތަށް ބަދަލުތައް ގެނެސް، ހަކުރު ލެވެލްތައް ދަށްކޮށްދޭ އެއްޗެކެވެ. އެހެންކަމުން ހަކުރުބަލި ޖެހިފައިވާ ފަރާތްތަކަށް ހަކުރު ކޮންޓްރޯލް ކުރުމުގައި ބޮޑު އެހީއަކަށް ހިކަނދި ފަތް ވެގެންދާނެ އެވެ.

3. ހަޖަމުގެ ނިޒާމު ރަނގަޅުކޮށްދޭ

ހިކަނދި ފަތަކީ ހަޖަމުކުރުން ރަނގަޅުކޮށްދީ، ހަށިގަނޑުގެ ތެރެއަށް ފެޓްސް އެބްޒޯބްކުރާ ގޮތް ބަދަލުކޮށްދީ، ބަރުދަން ލުއިކުރުމުގައި އެހީތެރިވެދޭ އެއްޗެކެވެ. ބަރުދަން އިތުރުވުމަކީ ހަކުރުބައްޔަށް މަގުފަހިވާ އެންމެ ބޮޑު އެއް ސަބަބު ކަމުގައިވާއިރު، ހިކަނދި ފަތަކީ އެ މައްސަލަ ފެންމަތިވުމުގެ ކުރިން ރަނގަޅުކޮށްދޭ އެއްޗެކެވެ.

4. ކޮލެސްޓްރޯލް ދަށްކޮށްދޭ

ގިނަ ދިރާސާތަކުން ދައްކާފައިވާ ގޮތުގައި ލޭގައި ކޮލެސްޓްރޯލް ހުންނަ މިންވަރު ދަށްކޮށްދޭ މާއްދާތަކެއް ހިކަނދި ފަތުގައި ހުރެއެވެ. އެންޓިއޮކްސިޑެންޓްތަކުން ފުރިގެންވާ ހިކަނދި ފަތަކީ ނުބައި ކޮލެސްޓްރޯލް (އެލްޑީއެލް ކޮލެސްޓްރޯލް) އުފެދޭ ނިޒާމް ކަމަށްވާ އޮކްސިޑޭޝަން ހުއްޓުވައިދޭ އެއްޗެކެވެ. އޭގެ ސަބަބުން ހަށިގަނޑުގައި ރަނގަޅު ކޮލެސްޓްރޯލްގެ މިންވަރު އިތުރުވެ، ހިތުގެ ބައްޔާއި އެތެރޯސްކްލީރޯސިސް ފަދަ ބަލިތަކުން ހަށިގަނޑު ރައްކާތެރިވެގެން ދެއެވެ.

5. ނުރަފެޅުން ހުއްޓުވައިދޭ

ހިކަނދި ފަތަކީ ބޮލުގައި ނުރަފެޅުން ހުއްޓުވައިދިނުމަށް އަބަދުވެސް މަޝްހޫރު އެއްޗެކެވެ. މީގެ އިތުރުން އެއީ ހަލާކުވެފައިވާ އިސްތަށިގަނޑަށް ފަރުވާ ކުރުމަށާއި، ތުނި އިސްތަށި ވަރުގަދަ ކޮށްދީ، އިސްތަށި ފޭބުމާއި ބޮލުގައި ހަންފެޅުންފަދަ މައްސަލަތަކަށްވެސް އޮތް ރަނގަޅު ފަރުވާއެކެވެ.

ކިޔުންތެރިންގެ ހިޔާލު