ގާތުން ކިރުދޭ މައިން ވެކްސިން ޖެހުމަކީ ރައްކާތެރިކަމެއްތަ؟

ހުސައިން ނަޒީފް

ކުޑަދަރިފުޅަށް ގާތުން ކިރުދޭ މައިންގެ ގަޔަށް ވެކްސިން ޖެހުމުގައި އެއްވެސް ނުރައްކަލެއް ނެތް ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ބްރެސްޓްފީޑިންގް މެޑިސިން ޖާނަލްގައި ޝާއިރުކޮށްފައިވާ އެ ދިރާސާގައި ބުނެފައި ވަނީ ކުޑަކުދިންނަށް ގެއްލުމެއް ލިބުމުގެ ފުރުސަތު ވަނީ ހަމައެކަނި ކަށިވިދުރި (ސްމޯލްޕޮކްސް) ވެކްސިން އާއި ބައެއް ހާލަތްތަކުގައި ރީނދޫ ހުން ވެކްސިން ޖެހުމުން ކަމަށެވެ. "މެޓާނަލް ވެކްސިނޭޝަން އެންޑް ބްރެސްޓްފީޑިންގް" ނަމަކަށް ކިޔާ ލިޔުމެއްގައި ފިލިޕް އެންޑާސަން ވަނީ އެންމެ އާންމު ވައްތަރުތަކުގެ ވެކްސިންތައް ރިވިއުކޮށްފަ އެވެ. އޭގެ ތެރޭގައި އިންފްލުއެންޒާ، ޑިފްތީރިއާ، ޕާޓުސިސް އަދި ޓެޓްނަސް (ޑީޕީޓީ)، ވެރިސެލާ އަދި މީސަލްސް އާއި މަމްޕްސްގެ އިތުރުން ރުބެއްލާ (އެމްއެމްއާރް) ވެސް ހިމެނެއެވެ.

އެ ލިޔުމުގައި ހެޕަޓައިޓިސް އޭ ނުވަތަ ހެޕަޓައިޓިސް ބީފަދަ ނުރައްކާތެރި ބަލިތަކާއި ގުޅުންހުރި ވެކްސިންތަކަށާއި، ކޮލެރާ، ރޭބީސް އަދި ޓައިފޮއިޑްފަދަ ޚާއްސަ ވެކްސިންތަކުގެ މައްޗަށްވެސް ވަނީ އަލިއަޅުވާލައިފައެވެ. އެ ލިޔުމުގައި ޑރ. އެންޑާސަން ވިދާޅުވެފައިވާ ގޮތުގައި އާދައިގެ އަދި ޤަވާއިދުން ދޭ ވެކްސިންތައް ގާތުން ކިރުދޭ މައިންނަށް ދިނުމަކުން އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ. އަދި އެފަދަ ވެކްސިންތައް ދިނުމަކީ މައިމީހާ އާއި ކުޑަދަރިފުޅަށް ގިނަ ފައިދާތަކެއް ލިއްބައިދޭ ކަމެއް ކަމަށްވެސް ބްރެސްޓްފީޑިންގް މެޑިސިންގެ ޗީފް އެޑިޓަރު، އާތަރ އައި. އައިޑެލްމޭން ވިދާޅުވި އެވެ.

އެގޮތުން މައިމީހާގެ ގައިގައި ހުންނަ އެންޓިބޮޑީސްތައް ދަރިފުޅަށް ލިބުމާއި، އެންޓިބޮޑީތައް މަސައްކަތްކުރާ މިންވަރު ރަނގަޅުވުމާއި، ކުޑަދަރިފުޅަށް ވެކްސިން ދިނުމާއި ގުޅިގެން ހުންއައުންފަދަ ކަންކަމުން ރައްކާތެރިވާނެ ކަމަށްވެސް ޑރ. އައިޑެލްމޭން ވިދާޅުވި އެވެ. ގާތުން ކިރުދޭ މައިންނަށް ވެކްސިން ދިނުމަކުން ގެއްލުމެއް ނެތް ކަމަށާއި، އިމާޖެންސީ ވެކްސިން ކެމްޕެއިންތަކުގައި ގާތުން ކިރުދޭ މައިން ހިމަނަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު