ފަތަން ދިއުމަށްފަހު އިސްތަށިގަނޑު ދޮންނަން ޖެހޭތަ؟

ހުސައިން ނަޒީފް

މިއީ ޤަވާއިދުން ފަތަންދާ މީހުން ވަރަށް ގިނައިން ކޮށް އުޅޭ ސުވާލެކެވެ. ފެނުގައި ކްލޮރިންގެ އިތުރުން އެހެނިހެން ކެމިކަލްތައްވެސް ހިމެނިގެންވާކަން އެންމެންނަށްވެސް އެނގެއެވެ. ފަތަންދާއިރު ބޮލުގައި އަޅާ މާސްކުންވެސް ޕޫލް ފެނުން އިސްތަށިގަނޑު މުޅިން އެއްކޮށް ރައްކާތެރި ނުކުރެވޭނެ އެވެ. 

ކަމާބެހޭ މާހިރުން ބުނާ ގޮތުގައި ފެތުމަށްފަހު އިސްތަށިގަނޑު ރަނގަޅަށް ދޮވުމަކީ އެންމެ އެދެވިގެންވާ ގޮތް ކަމަށެވެ. އެއީ ނުދޮވެ ބަހައްޓައިފިނަމަ، ޕޫލް ފެނުގައި ހުރި ކެމިކަލްތައް އިސްތަށީގައި ހަރުލައި، ގިނަ މައްސަލަތަކެއް ކުރިމަތިކުރުވާނެތީ އެވެ. އެހެންނަމަވެސް ކޮންމެ ފަހަރަކު ޝޭމްޕޫ އުނގުޅަން ބޭނުންނުވާނަމަ، ހުސް ފެނުން ބޯ ދޮންނާށެވެ. އެހެންނޫނީ އިސްތަށިގަނޑު މާބޮޑަށް ހިކޭނެއެވެ.

އެހެންނަމަވެސް، ކޮންމެ ދުވަހަކު އިސްތަށިގަނޑު ދޮވުމަކީވެސް އެހާ ރަނގަޅުކަމެއް ނޫނެވެ. އެއީ އޭގެ ސަބަބުން އިސްތަށީގެ މޮއިސްޗާ ގެއްލިގެންދާނެތީ އެވެ. އެންމެ ރަނގަޅު ގޮތަކީ އިސްތަށިން ކްލޮރިން ފިލުވައިދޭ، އަދި އިސްތަށީގެ އިތުރުން ބޮލުގެ ތަލަވެސް ރަނގަޅަށް ސާފުކޮށްދޭފަދަ ޝޭމްޕޫއެއް ބޭނުންކުރުމެވެ. ކޮންމެ ދުވަހަކު ފަތަންދާނަމަ އަދި އިސްތަށިގަނޑު ދޮންނަނަމަ، އިރުގެ ދޯދިތަކުގެ ސަބަބުން ރައްކާތެރިކޮށްދީ މޮއިސްޗުރައިޒްކުރާނެ ގޮތަކާމެދުވެސް ވިސްނަން ޖެހޭނެއެވެ.

އެގޮތުން އާދައިގެ ކޮންޑިޝަނާއެއް ބޭނުންކުރުމުގެ ބަދަލުގައި ރަނގަޅު ހެއާ މާސްކެއް ހޯދާށެވެ. އަދި ހެއާޑްރަޔާފަދަ ތަކެތި ބޭނުންކުރުމުގެ ބަދަލުގައި، ޤުދުރަތީކޮށް އަމިއްލައަށް އިސްތަށިގަނޑު ހިކެންދެން ބަހައްޓާށެވެ. އަދި އިސްތަށިގަނޑު ހިއްކުމަށްފަހު ލާފައި ބެހެއްޓޭނެފަދަ ކޮންޑިޝަނިންގް ސްޕްރޭއެއް ބޭނުންކުރުމަކީވެސް ރަނގަޅު ކަމެކެވެ. މީގެ އިތުރުން އިސްތަށިގަނޑު ރައްކާތެރިކުރުމަށްޓަކައި ފަތަން ދިއުމުގެ ކުރިން ހެއާ ކްރީމެއްވެސް ބޭނުންކުރެވިދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު