މަތިންދާ ބޯޓު ސާފުކުރާ މީހެއްގެ ވަޒީފާއިން ޕައިލެޓަކަށް ވުމަށް މުހައްމަދު އަބޫބަކަރު ކުރި ދަތުރު

ޢަލީ ޔާމީން

ކާމިޔާބީއަކީ މަސައްކަތްތެރީންގެ ހައްޤެކޭ ބުނާތީ އަޑުއިވެއެވެ. ތެދެކެވެ. އެއީ ހަމަ މަސައްކަތްތެރީންގެ ހައްޤެކެވެ. އެކަން އެފްރިކާ ބައްރުގެ ޤައުމެއް ކަމުގައިވާ ނައިޖީރިއާއަށް އުފަން މުހައްމަދު އަބޫބަކަރު މިވަނީ މުޅި ދުނިޔެއަށް ސާބިތުކޮށްދީފައެވެ.

މުހައްމަދު އަބޫބަކަރުގެ ހުވަފެނަކީ ޕައިލެޓަކަށް (މަތިންދާ ބޯޓު ދުއްވާ މީހަކަށް) ވުމެވެ. ނަމަވެސް އޭނާއަކީ އެވަރުގެ މާލީ ތަނަވަސްކަމެއް ހުރި މީހެއް ނޫނެވެ. އެހެންކަމުން މުހައްމަދު އަބޫބަކަރަށް ޖެހުނީ އެންމެ ފުރަތަމަ ހަރުފަތުން ފެށިގެން ފަށައިގަންނާށެވެ.

ސްކޫލު ނިންމުމަށް ފަހު ކަޑޫނާ ޕޮލިޓެކްނިކުން ޖާގައެއް ހޯދުމަށް އެ ސްޓޭޓަށް ދިޔަ ނަމަވެސް އަބޫބަކަރަށް އެ ފުރުސަތު ލިބިފައެއް ނުވެއެވެ. ތައުލީމު ހޯދުމުގެ ފުރުސަތު އޭނާއަށް ގެއްލުނު ނަމަވެސް އަބޫބަކަރުގެ އުންމީދުގެ ހުޅުކޮޅެއް ނުނިވެއެވެ. ވަޒީފާއަކަށް ނުގޮސް ހުރުމުގެ ބަދަލުގައި މަތިންދާ ބޯޓު ސާފުކުރާ މީހެއްގެ ވަޒީފާ އޭނާ އަދާކުރަން ފެށިއެވެ. އެ ވަޒީފާއިން އަބޫބަކަރަށް ލިބެނީ ކުޑަ މުސާރައެކެވެ. ދުވަސްކޮޅަކަށް ފަހު އަބޫބަކަރުގެ މަގާމު މަތިވެ އޭނާއަށް ގްރައުޑް މުވައްޒަފެއްގެ މަގާމު ލިބުނެއެވެ. އެ މަޤާމުގައި ހުރެ އޭވިއޭޝަން އާއި ބެހޭ ގިނަ މައުލޫމާތު އަބޫބަކަރު ދަސްކުރިއެވެ.

ގްރައުންޑް ސްޓާފެއްގެ ގޮތުގައި ހުރެ އަބޫބަކަރު ދެއްކި މޮޅު ހުނަރުގެ ސަބަބުން އޭނާއަށް ރަނގަޅު މުސާރައެއްގައި ކެބިން ކުރޫއަކަށް ވުމުގެ ފުރުސަތު ލިބުނެވެ. އެ ފުރުސަތުގެ ބޭނުން ހިފައި، މަޑު މަޑުން ކުރި އަރަމުން އަބޫބަކަރު އެއަރޯ ކޮންޓްރެކްޓަރ އަށް ފްލައިޓް އެޓެންޑެއްގެ މަޤާމަށް ބަދަލުވިއެވެ. އެ ކުންފުނީގެ ވަޒީފާގައި ހުރެ އަބޫބަކަރު ކުރިއަރަމުން ދިޔުމުން އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އޭނާއަށް ބޮޑު މުސާރައެއް ދިނެވެ.

އަދި އެ މުސާރަ ބޭކާރު ގޮތުގައި ހޭދަނުކޮށް، އަބޫބަކަރު ނިންމީ ޕައިލެޓަކަށް ވުމުގެ އުންމީދު ހަޤީޤަތަކަށް ހެދުމަށެވެ. އެހެންކަމުން ކުންފުނީގެ އިސްވެރީންނާއި ވާހަކަ ދެއްކުމަށް ފަހު ޕައިލެޓުކަން ކިޔެވުމަށް އޭނާ ދިޔައެވެ. އަދި ޕައިލެޓް ކޯސް ފުރިހަމަ ކޮށް، މިއަދު އޭނާއަކީ ކުޅަދާނަ ޕައިލެޓެކެވެ. ސައުވީސް އަހަރުގެ މަސައްކަތުން އަބޫބަކަރު މިވަނީ އޭނާގެ ހުވަފެން ހަޤީޤަތަކަށް ހަދާފައެވެ.

ކިޔުންތެރިންގެ ހިޔާލު