ބާއްޖަވެރި ދިރިއުޅުމެއް ބިނާކުރެވޭނީ، ތިމާ އެއާއިމެދު ދެކޭގޮތް ބަދަލުކޮށްގެން!

އާމިނަތު މުޙައްމަދު

ފަސް އިނގިލި އެއްވަރު ނުުވާފަދައިން، ކޮންމެ މީހަކީވެސް ތަފާތު މިޒާޖެއްގެ، ވަކި ތަފާތު ވިސްނުމަކާއި ފިކުރެއް ހުންނާނޭ މީހެކެވެ. އެއްބައި މީހުންނަށް ދިރި އުޅުމަކީ ފޮނި އެއްޗެއްގެ ގޮތުގައި ސިފަވެފައިވާއިރު، އަނެއްބަޔަކަށް ދިރި އުޅުމަކީ ކަށިބޯ އަދި އެހާމެ ވޭން ހުރި އެއްޗެެއްގެ ގޮތުގައި ވަނީ ސިފަވެފައެވެ. އެއްބައިމީހުންނީ ދިރިއުޅުމުގައި ދިމާވާ ކަންތައްތަކަށް މާކަ ބޮޑު ފަރުވާލެއް ނުބައްހަޓާ، އެެއިރެއްގެ އޮތް ހާލަތެއް، ކުރިޔަށް ވުރެ މާ ހިތްފަސޭހަގޮތަކަށް ބަދަލު ކޮށްލަން މާ އުނދަގޫ މީހުންނެއް ނޫނެވެ. އެއާއި ހިލާފަށް އަނެއްބައިމީހުންނީ، އެެއިރެއްގައި އޮތް ހާލަތަކާއި އެއްގޮތަށް، އެ މީހެއްގެ ދިރިއުޅުން ބައްޓަން ކުރާ މީހުންނެވެ. ހަގީގަތަކީ، ތިމާގެ ވަށައިގެން ހިނގާ ކަންތައްތަަކާއި، ފެންނަ މަންޒަރުތަކަކީ ތިމާގެ މޫނުބަލާ ލޯގަނޑުފަދަ އެއްޗެއްކަމެވެ. ދިރިއުޅުމާއި މެދު ތިމާ ވިސްނާގޮތް ގިނަފަހަރަށް ބަރޯސާވެފައި އޮންނަނީ ތިމާ އަމިއްލަ ނަފްސާއި ދޭތެރޭ ދެކޭގޮތުންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. 


އެއްބައިމީހުންނީ ދިރިއުޅުމަކީ އަމިއްލަ އަތްމަތީ އޮންނަ އެއްޗެއްކަމަށް ދެކިގެން ކަންތައްތަކާއި ފަސްޖެހުމެއްނެތި ކުރިމަތިލާ މީހުންނަށްވާއިރު، އަނެއްބަައިމީހުންނީ މިއާއި އިދުކޮޅެވެ. ހަނދާން ބަހައްޓާށެވެ.  ދިރިއުޅުމުގައި ދިމާވާ ކޮންމެ ކަމެއްވެސް ހިތްވަރާއިއެކު ކުރިމަތިލައިފިކަމުގައިވާނަމަ، އެއީ މާ އުނދަގޫކަމަކަށް ނުވާނެއެވެ. އަމިއްލަ ޒަމީރަށް ކުރާ އިތުބާރު ވަރުގަދަ ކުރަންވާނެއެވެ. 

އެހެންނަމަވެސް، ކިތަައްމެ ހިތްވަރުގަދަ މީހާވެސް ހާލަތު ނިޔާކުރާގޮތުން ހިތްްދެރަވެ، ތިމާގެ ނަފްސަށް ކުރާ އިތުބާރު ކުޑަ ކޮށްލެވޭތަން އާދެއެވެ. އިންސާނީ ތަބީއަތު ކަމަށްވެސް ވެދާނެއެވެ. ﷲ ތަޢާލާ އަހަރުމެންނަށް ނުއުފުލޭވަރުގެ ބުރައެއް ނުދެއްވާނޭކަން އަބަދުވެސް ޔަގީންކުރަންވާނެއެވެ. ދިރިއުޅުމަކީ އިމްތިހާނެއްގެ ގޮތުގައި ދެކިގެން، ހިތްވަރު އެލި ވެއްޓޭ ކޮންމެފަހަރަކު، ހަމަ އެބާރުމިނުގައި އާއަަޒުމަކާއި އެކު ތެދުވަންވާނެއެވެ. 

ހަަމައެހެންމެ، ދިރިއުޅުމުގައި ދަތިއުނދަގޫ ތަހައްމަލް ކުރަން ޖެހުމަކީ ބަދުނަސީބެއްކަމަށް ދެކުން އެއީ މުޅިން ރަނގަޅު ވިސްނުމެއްނޫނެވެ. އަބަދުވެސް އުންމީދު ކުރަންވާނީ، މިއަދަށްވުރެ ފެހި މާދަމާއެއް އަންނާނެކަމުގައެވެ. އަދި ކޮންމެ ކަމަކުންވެސް އިބްރަތެެއް ހާސިލް ކުރަމުންނެވެ. 

ކޮންމެ މީހަކީވެސް ތަފާތު މީހެކޭ ބުނާ ބީދައިން، ކޮންމެ މީހެއްގެ ވިސްނުންވެސް ތަފާތެވެ. އަދި ދިރިއުޅުމާއި މެދު ވިސްނާ ގޮތް ނުވަތަ ދެކޭ ގޮތް އެއްގޮނުވުމަކީ، ހަގީގަތުގައި އެކަކަކު އަނެކަކާއި ތަފާތުވާން ދިމާވާ އެއް މައިގަނޑު ސަބަބެވެ. ފަހަރުގައި ދެ މީހަކު އެއް ހާލަތެއްގައި، ދެ ވިސްނުމެއް ގެންގުޅެއްޖެނަމަ، އާހިރު ނަތީޖާވެސް ތަފާތުވާނެއެވެ.


ކަންކަމާއި މެދު ތިމާ ދެކޭގޮތް ވަރަށް މުހިންމުކަމެވެ. ކަންކަމާއި މެދު ތިމާ ދެކޭގޮތަކުން ބައެއްފަހަރު ދިރިއުޅުން ބާއްޖަވެރިވާއިރު، އަނެއްބައިފަހަރު ދިރިއުޅުން އެފުއްމިފުށަށް ޖެހޭތަންވެސް އާދެއެވެ. ކުރުކޮށް ބުނާކަމުގައިވަނީނަމަ، ތިމާގެ ދިރިއުޅުން ބައްޓަންކުރެވޭނީ، ތިމާގެ ވިސްނުން ބައްޓަން ކުރާގޮތަކުންނެވެ. ﷲ ތަޢާލާ އިންސާނާއަށް ބުއްދި ދެއްވާފައިވާއިރު، ތިމާއަށް ރަނގަޅުގޮތް އަދި ނުރަނގަޅުގޮތް އިހްތިޔާރުކުރާނޭ މަގުވެސް އެބުއްދީގެ ޒަރައްޔާއިން އެކަލާނގެ ވަނީ ތަނަވަސްކޮށްދެއްވާފައިވެއެވެ. 

އަހަރަމެންގެ ތެރެއިން ގިނަ ފަރާތްތަކަކީ ގިނަފަހަރަށް، ބޮޑު ޗުއްޓީއަށް ނުވަތަ ހަފްތާ ބަންދަށް އިންތިޒާރު ކުރާ ފަރާތްތަކެކެވެ. މުޅިހަފްތާގެ ނުވަތަ މުޅި އަހަރުގެ "ބިޒީ ޝެޑިއުލް"ގެ ވަރުބަލިކަން، ހިތްފަސޭހަކަމުގައި ހޭދަކޮށްލުމުގެ އުންމީދުުގައި ވަކި ދުވަސްވަރަކަށް ބަލަބަލާ ތިބޭފަރާތްތަށް ތީގެ ތެރެއިންވެސް މަދެއްނުވާނެއެެވެ. ނަމަވެސް، ވަގުތު އެއީ ހޯދީމަ ލިބެ އެއްޗެއްކޭ ބުނާ އަޑު އަހަމުނޫންހެއްޔެވެ. ކޮންމެދުވަހަކީވެސް ތިމާގެ ފަހުދުވަސްކަމަށް ދެކިގެން، ތިމާގެ ހިތްހަމަޖެހުމަށާއި ކުރިއެރުމަށް މަސައްކަތް ކުރަން މިއަދުން ފެށިގެން އަޒުމް ކަނޑައަޅަން ހިނގާށެވެ.

ދުވަސް ނިމިގެންގެންދާއިރު އަމިއްލަ ނަފްސާއި ސުވާލު ކޮށްލަަން ރަނގަޅު ސުވާލެއް ބުނެލަން ހެއްޔެވެ؟ ތިމާގެ ދިރިއުޅުން ބައްޓަން ކުރަމުން ތިޔަދަނީ ތިމާ އެންމެ ބޭނުންވާ ގޮތަށް ހެއްޔެވެ؟ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ވަރުގަދަހެއްޔެވެ؟ ތިމާ ދިރިއުޅުމާއި ދޭތެރޭ ދެކޭގޮތް ރަނގަޅުހެއްޔެވެ؟

މިކަންތައްތަކާއި މެދު ވިސްނާލަން އަމިއްލަނަފްސަށް ކުޑަ ވަގުތުކޮޅެއްނަމަވެސް ހުސްކޮށްލުން ރަނގަޅުވާނެއެވެ. ދުނިޔޭގައި އުޅެން ލިބޭ މި ކުޑަ ވަގުތު ކޮޅުގައި ތިމާ ބޭނުންވާ ގޮތަށް ހެޔޮގޮތުގައި އުޅެން މިހާރުން ފެށިގެންވެސް އަޒުމް ކަނޑައަޅަން ހިނގާށެވެ!.

ކިޔުންތެރިންގެ ހިޔާލު