އަހަރު ފެށުނުއިރު ހެދި ނިއު އިޔަރ ރިޒޮލިއުޝަންތައް ހާސިލްވެއްޖެތަ؟

އާމިނަތު މުޙައްމަދު

އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް ނޭނގި ހުއްޓާ ދުވަސްތައް ހުސްވެ ނިމި ދަނީއެވެ. ކޮންމެ އަހަރެއް ނިމި ކުރިއަށްއޮތް އަހަރަށް ކުރާނޭ ކަންތަކާއި، ހާސިލް ކުރަން ބެނުންވާ ލަނޑުދަޑިތައް އެހާމެ ފޯރިއާއި އެކު ނުގުޑާފަދަ އަޒުމެއްގައި ރާވާ ނިންމާލާނެއެވެ. ނަމަވެސް އެއަހަރު ފެށި ކުރިޔަށް އޮތް ކޮންމެ މަހެއް ނިމިގެންދާއިރު ނަންވެ ކަންނުވެ އޮތްވާހަކަ ތީގެ ތެރެއިން ކިތަން ފަރާތްތަށް ފޭސްބުކް ސްޓޭޓަސްތަކުގައި ޖަހަމުހެއްޔެވެ؟ ނުވަތަ ރައްޓެހިން ކައިރީގައި މަޖާ ވާހަކަގަނޑެއްގެ ތެރެއިންވެސް ބުނެލަމުހެއްޔެވެ؟ ކޮންމެގޮތަކަށް އަހަރު ނިމުނުކަމުގައިވީނަމަވެސް ލައްކަ ގިނަ އިބްރަތްތަކަކާއި ތަޖްރިބާއެއް ކުރެވޭނެތާއެވެ.

ކަމެއްވުމަށް ތިމާ ކިތައްމެވަރަކަށް ބޭނުންވީކަމުގައިވީނަމަވެސް، ހުރިހާ ފަހަރަކު ހުރިހާ މޮޅެއް އެންމެންނަކަށް ނުލިބޭނެއެވެ. އަދި އެއްވެސް ކަމެއްގައި މަޖުބޫރުކަމެއް އޮވެގެންނުވާނެއެވެ. އެއީ ވަކި ރައްޓެހި،ރަހުމަތްތެރިކަމުގައިވީނަމަވެސް، ނުވަތަ ދެމަފިރިންގެ ދެމެދުގައިވީނަމަވެސް، ނުވަތަ އާއިލާތެރޭގައިކަމުގައިވީނަމަވެސްއެވެ. މީހަކު ތިމާއަށް ދޭންޖެހޭ ވަގުތާއި، އަހަންމިޔަތުކަން ނުދިންކަމުގައި ވީނަމަވެސް ހިތްދެރަ ކުރުމަކީ މުޅިން މޮޔަކަމެކެވެ. އެކަމަކަށް އެދި އާދޭސްވެސް ކުރާކަށް ނުވާނެއެވެ. ސަބަބަކީ ފުރަތަމަ އެކަމަކަށް އާދޭސްކުރަންޖެހިއްޖެނަމަ އެ ގުޅުމަކީ އެއްވެސް އަގެއްހުރި ގުޅުމެއްނޫނެވެ. އަދި އެގުޅުން ގާއިމު ކުރުމަށް ކުރެވޭ މަސައްކަތަކީ ބޭކާރު މަސައްކަތެކެވެ.

ޒަމާނުއްސުރެއް މިއަދާއި ހަމަޔަށް އައިސްފައިވާ ވާހަކައެެއް ބުނެލަން ހެއްޔެވެ؟ "ތިމާގެ ދިރިއުޅުމުގައި ކަން ނިންމުމުގައި އެހެން މީހުންނާއި މެދުވެސް ވިސްނާލަންޖެހޭނެއެވެ". މީގެ މާނަ ގިނަފަހަރަށް އޮޅިފައި އޮތުމަކީ ދެރަކަމެކެވެ. ތިމާގެ ދިރިއުޅުމުގެ ކަންތައްތަކުގައި ގޮތް ނިންމާނީ ތިމާއެވެ. އެހެނަސް، އެހެންމީހުންގެ ލަފާ ހޯދުމަކީ އޮތްކަމެކެވެ. ތިމާ، ތިމާއާއި މެދު ނުވިސްނާ ވަރަކަށް އެހެން އެހެންމީހަކު ނުވިސްނާނޭކަން ހަނދާންކުރާށެވެ. އަދިހަމައެހެންމެ ތިމާގެ ދިރިއުޅުމުގެ ލިބޭ އުފަލާއި ދެރަ އެހެންމީހުންނާއި ހިއްސާ ކުރެވިދާނެއެވެ. ނަމަވެސް ދެން ކަންތައް ކުރަންވީ ގޮތް އިނގޭނީ ތިމާއަށެވެ.   

ކޮންމެކަމެއްގެ ނިމުން ފޮނިނުވެދާނެއެވެ. ހަމަ އެހެންމެ އަހަރު ނިމިގެންދާއިރު ކަމެއް ނުވެ ހުރުމަކީ މައްސަލައެއްނޫނެވެ. ޒުވާން އުމުރުގެ އެންމެ ފަހު ދުވަސްތަކުގައިވެސް މޮޅު ޑިގްރީއެއް ހޯދިދާނެއެވެ. އުމުރުން ތިރީހުގައި މީހަކާއި އިނުމަކީ މައްސަލައެއް ނޫނެވެ. އިންނަތާ އަހަރެއްވުމުން ދަރިޔަކު ހޯދާ، އާއިލާއެއް ބިނާކުރުމަކީ މަޖުބޫރުކަމެއް ނޫނެވެ. މިހެންގޮސް ކިޔާނެކަމެއްނެތެވެ. މި ދުނިޔެއަކީ ވަގުތީ ތަނެކެވެ. ހަނދުމަ ބަހައްޓަންވީ ކަމަކީ، ހާސިލް ކުރަން ބެނުންވާ ލަނޑުދަޑިތައް އަހަރެއް ތެރޭގައި ހާސިލް ނުވިކަމުގައިވީނަމަވެސް އެއީ މައްސަލައެއްނޫން ކަމެވެ.

 

ކިޔުންތެރިންގެ ހިޔާލު