ދުނިޔޭގައި ވެސް އޭލިއަން ދުނިޔެ އެއް އެބައޮތް

ޝަރޫނާ އަބްދުﷲ
Flowers

ދުވަހަކުވެސް ހިތައް އެރިތަ އޭލިއަން ދުނިޔެއެއް އޮންނާނީ ކިހިނެތް ބާއޭ؟ އެހެންވިއްޔާ ވާނެ ޔަމަނުގެ ސުގުތްރާއަށް ދާން. އެ ތަނަކީ މި ދުނިޔޭގައި އޭލިއަނުންގެ ތަނަކާއި އެންމެ ވައްތަރު ވާނެ އެއް ތަނެވެ.

"ސުގުތްރާ އާޗިޕެލަގޯ" ގެ ތެރޭގައި ހަތަރު ރަށް ހިމެނޭ އިރު އެއިން އެންމެ ބޮޑު ރަށަކީ ސުގުތްރާއެވެ. އަދި އެންމެ ތަފާތު ރަށަކީ ވެސް ހަމަ އެއީއެވެ.

ެސުގުތްރާ އަކީ ދުނިޔޭގެ އެހެން ހިސާބުތަކާ މުޅިން ތަފާތު ތަނެކޭ ބުނެވެނީ ސަބަބެއް ނެތިއެއް ނޫނެވެ. އެ ތަނުގައިވާ ގަސްގަހާގެއްސަކީ އެހެން ސަރަހައްދަކުން ފެންނަން ނުހުންނާނެ އަދި އެހާމެ ފުރިހަމައަށް ހެދި ބޮޑު ވެފައިވާ ދިރުންތަކެކެވެ.

އެތަނުގައި ޑެޒާޓް ރޯސް ކިޔާ ގަސްތަކެއް ހެދިފައި ވެއެވެ. އެ ގަސްތަކަކީ ހަނަފަސް ހިސާބުގައި ހެދޭ، ފިޔާތޮށި ކުލައިގެ މަލެއް އަޅާ ގަސްތަކެކެވެ. މި ގަސްތަކުގެ އެންމެ ހާއްސަ ކަމަކީ އެ ގަސްތަކުގެ ފަލަ ގަސްގަނޑުގައި ފެން ރައްކާ ކުރެވިފައި ހުންނަ ކަމެވެ.

"އެންޑޭންޖާޑް" ނުވަތަ ނެތެމުންދާ ޖަނަވާރުތަކާއި ގަސްގަހާގެހި ގިނަ އަދަދަކަށް އެތަނުގައި ވާއިރު، ދުނިޔޭގެ އެހެން ދިމާލެއްގައި ނޫޅޭ ދޫނި ވެސް ސުގުތްރާ އިން ވަނީ ފެނިފައެވެ.

"ޑްރަކޭނާ ސިނަބާރ" ނުވަތަ "ޑްރެގަން ބްލަޑް ޓްރީ" ކިޔާ ނަން މަޝްހޫރު ގަހެއް ސުގަތްރާގެ ހުރިހާ ދިމާލަކުންވެސް ފެންނަން ހުރެއެވެ. މި ގަހުގެ ހާއްސަ ކަމަކީ މީގައި އަޅާ "ޑްރެގަން ބްލަޑް" ކިޔާ އޮށެވެ. މި އޮށަކީ ބޭހާއި ކުލަ ފަދަ އެއްޗެހި ހަދަން ބޭނުންކުރާ، ރަތް ކުލައިގައި ހުންނަ އޮށެކެވެ.

ސުގަތްރާގައި އޮންނަ ސާފު ރީތި މޫދަކީ އެތަނަށް އެރި ފަތާލައިފިނަމަ ދެވަނަ ފަހަރަށް ނުގޮސް ނުހުރެވޭހާ ފުރިހަމަ ކަމެއް ލިބިފައިވާ މޫދެކެވެ. އަދި މީހަކު ދުވަހަކުވެސް އެތަނެއްގެ އެތެރެއަށް ވަދެފައިނުވާ ހޮހޮޅަ ތަކެއް ވެސް ސުގަތްރާގައި ވެއެވެ. ބައެއް މީހުން ގަބޫލު ކުރާ ގޮތުގައި އެތަނުގައި އޭލިއަނުން އުޅޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު