ހަގީގީ ހާދިސާ - ސިހުރު ޕުޑިން

ޙުސެއިން ޝާހް

އެއިރު އަހަރެންގެ އުމުރުން އެންމެ 18 އަހަރެވެ. އަލަތު ކައިވެންޔަކަށް ތައްޔާރުވަމުން ދިޔައީ އެހެން އަންހެނުންނެކޭ އެއްގޮތަށް ފޮނި ހުވަފެން ތަކެއް ދެކެމުންނެވެ. ދުނިޔެ އަހަރެންނަށް ދައްކަމުން ދިޔަ ކުލަވަރުތަކަށް ރުހޭ ހާލު ކައިވެނި ކޮށްފީމެވެ. އުފާވެރި ދުވަސްތަކެކެވެ. ހިތާމަޔާއި ހިތްދަތިކަމުގެ ފެށުމެއްކަމުގައި އެއުފާވެރިކަން ވާނެއެކޭ ހިތަށްވެސް ނާރައެވެ.

ފިރިމީހާގެ އުފަން ރަށަށް ދިރި ދުނިޔެ އުޅެން ނިޔަތްގަނެ ފެށި ދަތުރުގެ ނިމުން ގެނުވަން މާގިނަ ދުވަސްތަކެއް ނުނެގިއެވެ. ވަޒީފާގެ ގޮތުން ފިރިމީހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރަށުން ފުރަން ޖެހުނެވެ. ބީރަށްޓެހި ރަށަކަށް އަހަރެން އެކަނިވި ކަހަލަ އިހްސާސް ކުރެވެން ފެށިއެވެ. މައިދާތައިން ފެށިގެން އެއާއިލާގެ އެންމެންގެ ނުރުހުން އަހަރެންނަށް ލިބެން ފަށައިފިއެވެ. ހެއްދެވި ސިފައިން ފެށިގެން އަހަރެންގެ ކޮންމެ ކަމަކަށް މަލާމަތް ރަށްދުކުރަމުން ދިޔައެވެ. ކެތްތެރިކަމާއި އެކު ކެއްކުރެވޭތޯ އަހަރެން ބެލީ އަހަރެމެންގެ މުސްތަގުބަލަށް ޓަކައެވެ.

ބައެއްފަހަރު ބައެއް ވާހަކަތަށް ދުރުގަހުރި ފިރިމީހާއާއި ހިއްސާވެސް ކުރެވެއެވެ. އަހަރެންނަށް އަޅާލާނެ އިތުރު މީހަކަށް އަހަރެންގެ ވާހަކަތައް ހިއްސާ ކުރެވޭނީވެސް ފިރިމީހާއަށްފަހު ކަމަށް އަހަރެންނަށް ގަބޫލުކުރެވެއެވެ. ގޭތެރޭގެ ކަންކަމުގެ ވާހަކައިން ފިރިމީހާގެ ސިކުނޑިއަށް ބުރަ ކުރަން އަހަރެން ހަގީގަތުގައިވެސް ބޭނުމެއްނުވެއެވެ. އެފަދަ ކަމެއް ހައްލުކުރަން ބަފައިބެއަށް ފިރިމީހާ ގުޅައިފިނަމަ ދެން އަންނަ ރޯޅި ބޮޑުވެގެން ދެއެވެ. ހަގީގަތަކީ ފިރިމީހާއަކީ އެމީހުންގެ ކުރިމަތީގަ އެއްވެސް އަގެއް ހުރިމީހެއް ނޫނެވެ.

އަހަރެންގެ އަތަށް ދެމުންދިޔަ ރުފިޔާވެސް އެންމެ ފަހުން ޖަމާކުރަންފެށީ ބަފައިބޭގެ އެކައުންޓަށެވެ. މައްސަރު ކަންތަށް ޖެހިގެން ޕެޑު ގަނޑެއް ގަންނަންވެސް އަހަރެންނާއި ޖެހެނީ އެމީހުންގާތުގަ ބުނެކިޔައިގެން ހޯދާށެވެ. އެހިތްދަތިކަންވެސް އަހަރެން ތަހައްމަލް ކުރީ ލަދުވެތި ކަމާއިއެކުގައެވެ. މިދިރިއުޅުން އަހަންނަށް ސިފަކުރެވުނީ " މަޖުބޫރީ ދިރި ތެޅުން" ގެ ގޮތުގައެވެ. ބަންދު ދުވަސްތައް ނަގައިގެން ބައެއްފަހަރު ފިރިމީހާ އަހަރެންގެ ގާތަށް އައިސް ގޮސް އުޅެއެވެ. އަހަރެމެންގެ ދިރިއުޅުމުގައި އާއިލީ މައްސަލަތައް ނެތް ނަމަ އަހަރެންގެ ދިރިއުޅުން ކިހައި އުފާވާނެއޭ އުންމީދުކުރެވެނީ ރެއާއި ދުވާލު ކިތައްފަހަރު ކަމެއްވެސް ނޭނގެއެވެ. ބީރަށްޓެހި ރަށެއްގައި ހަމަސް ދުވަސް ހޭދަކުރުމަށްފަހު ދިރިއުޅުން މާލެއަށް ބަދަލުކުރި ދުވަސްވެގެން ދިޔައީ ހިތަށް ހަމަޖެހުން ގެނުވި ކަމަކަށެވެ.

ކައިވެންޏައް އަހަރެއްވީއިރު އަހަރެން އިނީ ބަލިވެއެވެ. އުފާވެރި ދުވަސްތަކެކެވެ. ގަވައިދުން ޑޮކްޓަރަށް ދެއްކުމުގައި ފިރިމިހާގެ ހިއްސާ ލިބެމުންދިޔައެވެ. ތިންމަސް މިގޮތުގައި ހޭދަކުރުމަށްފަހު އިންތިހާބެއްގައި ވޯޓުލުމަށް އަހަރެންގެ އުފަންރަށަށް ދިޔައީމެވެ. ކައިވެންޏައްފަހު އެއީ އާއިލާ މީހުންގާތަށް އަހަރެން ދިޔަ ފުރަތަމަ ފަހަރެވެ. އާއިލާތެރޭގައިވެސް ހިސާބަކަށް އަހަރެންގެ ކައިވެންޏާ ހިތްހަމަ ނުޖެހޭ މީހުން ތިބިކަން ކުރިންވެސް އަހަރެންނަށް އެނގެއެވެ.

ރަށަށް ދިޔުމުން ގޭގެއަށް ގެންގޮސްގެން ކާންދީ ހެދުމަކީ ކުރަމުން ދިޔަކަމެކެވެ. އާއިލާގެ ދައުވަރުތަކަށް އަހަރެން ހުރީ އުފަލުންނެވެ. ކުރިއަށް ވާންއޮތް ގޮތެއް އަަހަރެންގެ ހިޔާލަކަށްވެސް ނާދެވެއެވެ. އެއްދުވަހަކު އަހަރެންގެ ގޭގައި ޖޯލިފަތިގައި އޮށޯވެލައިގެން އޮއްވާ އާއިލިގޮތުން ގާތް ދައްތައަކު އަހަރެންނަށް ފިނިކައެއްޗެއް ގެނެސްދިނެވެ. އެއީ ކިހައިވަރެއްގެ އެއްޗެއްކަން އަހަރެންނަށް އޭރަކު ނުވިސްނުނެވެ. އެއިން އަހަރެން ހިސާބަކަށް ކެއީމެވެ.

އޭގެ ފަހުން އަހަރެންނަށް ބަދަލުތަކެއް އަންނަން ފެށިއެވެ. ހިސާބަކަށް އެދުވަހު ލޭވެސް ފެނުނެވެ. އެކަން އަހަރެންގެ މަންމައާއި ފިރިމީހާ ގާތުވެސް ހިއްސާކުރީމެވެ. އެމީހުންގެ އެދުމުގެ މަތިން ވޯޓު ނިންމާލުމަށްފަހު އަހަރެން މާލެ އެނބުރި އައިސް ލޭފެނުމާއި ގުޅިގެން ޑަކްޓަރަށް ދެއްކީމެވެ. މާބޮޑު މައްސަލައެއްކަމަށް ޑަކްޓަރެއްވެސް ނުބުނެއެވެ. އެހެންވެ އެކަން މާބޮޑުކަމަކަށް ނަހަދަމެވެ. އެއްވެސް މައްސަލައެއް އުޅޭކަމަކަށް ޑަކްޓަރު ނުބުނެއެވެ.

ކުރިޔަށް އޮތް ފަސްމަހުގަ ހަދާ ޓެސްޓަށް އަހަރެމެން ދެމަފިރިން ދުވަސްތައް ގުނަންފެށީމެވެ. ކޮންކަހަލަ ކުއްޖެއްކަން އެނގެން ބޭނުން ވެގެންނެވެ. ނަމަވެސް އަހަރެމެންގެ ދިރިއުޅުން ބަދަލުވެދިޔައީ އެދުވަހުން ފެށިގެނެވެ. ޓެސްޓުތަކަށް ފަހު އަހަރެމެންގެ ދެމެފިރިންގެ ފޮނި އުންމީދުތަކަށް ނިމުންގެނުވިއެވެ. ގަރުބަގެންފައިވީ ދަރިފުޅު ބޮޑުވުމުގައި މައްސަލަތަކެއް ހުރިކަމަށް ޑަކްޓަރު ބުންޏެވެ. ގުދުރަތީ ގޮތުން ދަރިފުޅު ބައިގެން ނުގޮސްފިނަަމަ ޖެހޭނި ޑަކްޓަރުން އެކަން ކުރަން ކަމަށްވެސް ބުންޏެވެ.

ހިތާމައިން އަހަރެންގެ ލޯ ކަރުނުން ތާއަބަދަށް ފުރުނެވެ. އެހެން ނަމަވެސް ތަގުދީރަކަށް ބަދަލެއް ގެނެނެވޭނެ ބާރެއް އެއްވެސް މަހުލޫގަކަށް ނުވެއެވެ. އަހަރެންގެ އަލަތު ދަރިފުޅު އަހަރެންގެ ހަށިގަނޑާއި ވަކިވެދިޔައީ ހަނދާންތަކާއި އެކުވެގެންނެވެ. އެދުވަހަށްފަހު އަހަރެންގެ ފިރިމީހާގެ ގުޅުމަށް ހީނަރުކަން އަންނަން ފެށިއެވެ. ކޮންފަދަ އިމްތިހާނު ތަކެއް ހެއްޔެވެ؟ މިހީނަރު ކަމަށް ނިމުންގެނުވީ އަލަތު ކައިވެނީގެ ގޮށް މޮހެލުމަށް ފަހުއެވެ.

މީހެއްގެ ބުނުމަށް މިވަނީ ކީއްތޯ ބެލުމަށް އަހަރެން އަޒުމު ކަނޑައެޅީމެވެ. ދީނީ ގޮތުން ސިހުރަކީ ކޮން އެއްޗެއްކަން އަހަރެންނަކަށް އެއިރަކު ނޭނގެއެވެ. ފާލު ބަލާމީހަކު އަހަރެން ބެލުމަށްފަހު ބުނިގޮތުގައި އެދުވަހު އަހަރެންނަށް އެދިން ޕުޑިންއަކީ އަހަރެންގެ ދިރިއުޅުން ހަލާކު ކޮށްލަން ހަދާފަހުރި އެއްޗެއްކަމަށް ބުންޏެވެ. އެވާހަކަތައް އޭނައަށް އެނގުނު ގޮތާއި މެދު އަހަރެން ހައިރާން ވިއެވެ.

ނަމަވެސް އެކަމަކީ ޝިރުކު އެކުލެވޭ ކަމެއްކަން އަހަރެންނަށް އެނގުނީ އެކަން އިތުރު ބައެއް ރައްޓެހިންނާއި ހިއްސާކުރުމުންނެވެ. އެކަމަށް ތައުބާވެ ދީން ހުއްދަކުރާ ރުގްޔާކޮށް އަހަރެން މިއަދު މިހުރީ ﷲ އިރާދަފުޅުން އެކަމުން މިންޖުވެފައެވެ. ދެވަނަ ކައިވެންޏަކާއި އެކު ދިރިއުޅުން މިފެށީ އައު ބައިވެރިޔަކާއި އެކު އާހުވަފެންތަކެއް ދެކެމުންނެވެ. މާޒީގެ ސަފުހާތަކުން އިބުރަތް ހާސިލްކުރާ ހާލުގައެވެ.


ކިޔުންތެރިންގެ ހިޔާލު
ސަމާހާ
ވަރަށް ރީތި ވާހަކައެއް މީ ހަމަ ހަގީގީ ވާހަކައެއްތަ؟
ކޮކީ
ތީހަމަ ހަގީގީ ހާދިސާއެއް ކަމަށް ވަނީ