ފިޝް ޕެޑިކިއޮރ: ކުރަން ހެޔޮވާވަރު ކަމެއް ނޫން

ޙަދީޖާ އަލީ

ފިޝް ޕެޑިކިއޮރ އަކީ މިހާރަކަށް އައިސް ގިނަބައެއްގެ މެދުގައި މަގުބޫލު ސްޕާ ތެރަޕީ އެކެވެ. ފިޝްތެރަޕީއަކީ، މެދުއިރުމައްޗަށް ނިސްބަތްވާ "ގައްރާ ރުފާ" ކިޔާ، މޫދުވިނަ ކައިގެން އުޅޭ މަސްތަކެއް، ޓޭންކަކަށް ލައިގެން އެއަށް ފައި ބޭނުމުން ފައިގާ މަރުވެފައި ހުންނަ ހަންތައް އެ މަސްތަކަށް ކާންދީގެން ހަދާ ތެރަޕީ އެކެވެ. މި މަސް މިގޮތަށް ހަންކަނީ، ކާނެ އެހެން އެއްޗެއް ނުލިބޭ ޙާލަތުގައެވެ. މިތެރަޕީއަކީ، ފައިގެ ހަންގަނޑު މަޑުކޮށްދީ، ނިޔަރޮދީގައި ހުންނަ ހަރުބައި ސާފުކޮށްދީ އަދި ފައިތިލައިގެ ލޭހިނގުން ރަގަޅު ކޮށްދޭ ކަމެއް ކަމަށް މި ވިޔަފާރި ކުރާފަތްތަކުން ބުނަމުން ދިޔަ ނަމަވެސް، ތަޖުރިބާކާރުން ހާމަކުރާ ގޮތުގައި މިއީ، އިންސާނުންނާއި މިކަމަށް ބޭނުން ކުރާ މަހަށްވެސް ވަރަށް ގެއްލުންވާ ކަމެކެވެ. މި ސަބަބަށްޓަކައި، އެމެރިކާ، މެކްސިކޯ އަދި ޔޫރަޕްގެ ބައެއް ހިސާބުތަކުގައި މި ތެރަޕީވަނީ މަނާވެސް ކޮށްފައެވެ.

މިގޮތަށް މި ތެރަޕީ މަނާކުރުމުގެ ފަހަތުގައިވާ ބައެއް ކަންކަމަށް ބަލާލަމާހެވެ.

އިންފެކްޝަން ފެތުރުމުގެ ފުރުސަތު: މި ވިޔަފާރި ކުރާ ފަރާތްތަކުން ޚަރަދު ކުޑަކުރުމަށްޓަކައި އެއް މަސްތަކެއް އެއް ފެންގަނޑެއްގައި ގިނަ ބަޔަކަށް ތެރަޕީ ދިނުމަށް ބޭނުންކުރުމުގެ ސަބަބުން އެކަކުގެ ހުންނަ އިންފެކްޝަން އަނެކަކަށް ވާސިލް ވުމަކީ ވާނެކަމެވެ. މި މަހަކީ މި ބޭނުމަށް އެތެރެކޮށް މި މަހަށް ކާންނުދީ ބޭތިއްބުމަށްފަހު، ޓޭންކަށް ލައިގެން ދޭ ތެރަޕީއެއް ކަމުން މި ޓޭންކްތައް ނުވަތަ މަސްތަކުން ޖަރާސީމު ނައްތާލުމަކީ ވާނެ ކަމެއް ނޫނެވެ. ހަމަ އެގޮތަށް އެއް ފެންގަނޑެއްގައި އެއް މަސްތަކެއް ބޭނުން ކުރުމަކީ ވެސް ވަރަށް އާއްމު ކަމެކެވެ. 2011 ގައި ޔޫރަޕްގައި ހެދުނު ޓެސްޓްތަކުން ދައްކާގޮތުގައި، ޔޫރަޕަށް އެތެރެ ކުރެވުނު ގައްރާ ރުފާއިން، ނިއުމޯނިޔާ، ކަށި އަދި ހުޅުހުޅުގެ އިންފެކްޝަން އަދި ލޭގެ އިންފެކްޝަން ޖައްސާ ބެކްޓީރިޔާ ވަނީ ފެނިފައެވެ.

ނިޔަފަތި މަރުވުން: އާއްމު ގޮތެއްގައި މިމަސް ކާނީ، މަރުވެފައި ހުންނަ ހަމާއި ނިޔަފަތީގެ ހިކިފައި ނުވަތަ ބޭރަށް ދިގުވެފައި ހުންނަބައެވެ. ނަމަވެސް މި ފަހަކުން ފިޝްތެރަޕީގެ ތެރެއިން ނިޔަފައްޗަށް ގެއްލުންވީ ކަމުގެ ރިޕޯޓެއް 20 އަހަރުގެ އަންހެނަކު ވަނީ ކޮށްފައެވެ. ސުވާލަކީ ތެރަޕީ ނަގަމުން ދިޔަ ވަގުތު އޭނާއަށް ތަދު އިހުސާސް ނުވޭ ހެއްޔެވެ؟ ނިޔަފައްޗަށް ގެއްލުންވެފައި ހުރިކަން އެނގުނީ 3 މަސް ފަހުން އަލުން ނިޔަފަތި ދިގުވާންފެށިއިރުއެވެ. އާއްމު ގޮތެއްގައި މަސް ކަނީ މަރުވެފައި ހުންނަ ހަން ކަމަށް ވިޔަށް ނިޔަރޮދި ކަމުން ގޮސް ނިޔަފަތީގެ އެންމެ ބުޑުކާލާ ހަލާކު ކޮށްލުމަކީ މިހާރު ފެންމަތި ވަމުން އަންނަ ކަމެވެ. މިހެން ވުމުން ދެން ނިޔަފަތި އިތުރަށް ދިގެއް ނުވާނެއެވެ. އަދި އިން ނިޔަފަތި ވެސް ވެއްޓޭނީއެވެ.

ތެރަޕީގައި ބޭނުން ކުރާ މަސް ބަދަލު ކުރުން: ބައެއް ސްޕާތަކުން ކުރަމުންދާ އެންމެ ނުރައްކާތެރި ކަމަކީ، ގައްރާ ރުފާ އާއި ދާދި އެއްގޮތް، ނަމަވެސް ޗައިނާގެ އަގުހެޔޮ އަދި ދަތްދިގުވާ މަހެއް ކަމަށްވާ ޗިންޗިން، މި ތެރަޕީގައި ބޭނުން ކުރުމެވެ. ނަތީޖާއަކަށް ވަނީ ލޭ އަންނަވަރަށް ފައި ކާލުމެވެ. ފަސޭހައިން އިންފެކްޝަން ފެތުރެން ދޮރެއް ހުޅުވުނީއެވެ.

އިންސާނިއްޔަތުކަން ކުޑަ އަމަލެއް: މި ތެރަޕީގެ ސަބަބުން އިންސާނުނަށް ލިބޭ ގެއްލުމުގެ އިތުރުން، މިއީ މަސްތައް ބަނޑަށް ބޭތިއްބުމަށް ފަހު، އެމީހުން އާއްމުކޮށް ކައިއުޅޭ ވިނަ ނޫން އެއްޗެއް ކާން މަޖުބޫރު ކުރުން ކަމަށްވާތީ، މިއީ މަހަށްވެސް ދެވޭއަނިޔާއެކެވެ.

ތިމާވެއްޓަށް ލިބޭ ގެއްލުން: މި މަހަކީ، މެދު އިރުމަތީގެ މަހަކަށް ވެފައި، ތެރަޕީގައި ބޭނުން ކުރުމަށް ފަހު ދޫކޮށްލުމަކީ، އެ ގައުމެއްގެ ދިރުންތަކަށް އެއިން ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް، އެމެރިކާއިން ވަނީ ފާހަގަ ކޮށްފައެވެ.

މަހުގެ ނަޖިސް: މަހަކީ ވެސް ދިރޭ އެއްޗެއްކަމުން އެއިންވެސް ބޭރުވާ ނަޖިސް ހުންނާނީ ހަމަ އެ ޓޭންކް ތެރޭގައެވެ. އަދި ހަމުގެ އެއްވެސް ބައެއް ކެނޑި ލޭ އަންނަގޮތްވެއްޖެނަމަ، އެތަނުން އިންސާނުންގެ ހަށިގަނޑަށް ނަޖިސް ވާސިލް ވުމަކީވެސް ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެކެވެ.

މަހަކީ ތަމްރީންދީފައި ހުންނަ އެއްޗެއް ނޫން: ޕެޑިކިއޮރ ހެދުމުގައި، މަރުވެފައި ހުންނަ ހަންވެސް، ކަނޑަންވީ ކޮން ހިސާބަކުން ކިހާ ވަރަކަށް ކަން އެއީ ތެރަޕިސްޓުންނަށް ތަމްރީން ދީގެން ދަސްކޮށްދޭ ކަންތަކެވެ. ނަމަވެސް މަހަކީ މިކަމަށް ހުންނަ އެއްޗެއް ނޫންކަމުން ބައެއް ހިސާބުތަކުން މާބޮޑަށް ކެވި ލޭހިލޭ ފަހަރު ވަރަށް ގިނައިން އާދެއެވެ.

އެހެންކަމުން ރީތި އޮމާން ސަފު ފައިތިލަ އެއް ބޭނުންނަމަ، ކުޑަކޮށް އަގުބޮޑު ނަމަވެސް މިކަމަށް ޚާއްސަ ތަނަކަށް ގޮސް ތަމްރީން ލިބިފައިވާ މީހަކު ކާރިން މި ޚިދުމަތް ލިބިގަތުމަކީ އެންމެ ރައްކާތެރިގޮތެވެ.

ކިޔުންތެރިންގެ ހިޔާލު
ކޮހޮރު
މިލިޔުން ކިޔާލުމުން މާނުރައްކާތެރި ކަމެއް ކަމަކަށް ނުފެނޭ. ހަމަ އެކަނި ފެންގަޑު ބަދަލް ކުރާކަމަށް ވަންޔާ ހުރިހާކަމެއް ހައްލުވީ.
މިޒް
ބަދަލު ނުކުރާތީތާ މައްސަލައަކީ. ހަމަ ގައިމު އަހަރުން ބޭނުމެއްނޫން ފާޑުފާޑުގެ ގޮތްނޭނގޭ މީހުންގެ ފައިކޮށްޕާ އެއްޗަކަށް ފައިލާކަށް. ކޮންފަދަ ނުރައްކާތެރި ޖަރާސީމެއް ކަންނޭނގެ ހުންނާނީކީ
ޚެސްބެ
މަހަށްކުރާ އަނިޔާ ހުއްޓާލާ
އިސްތިހާރެއް
ކުޑަކޮއް އަގުބޮޑުވިޔަސް މިކަމައް ހާއްސަ ތަންތަނަށް ގޮސް ތަމްރީން ލިބިފަ ތިބި މީހުން ކައިރިއައް ދާށޯ ހަހަހަ.. ވިޔަފާރި އިސްތިހާރަކާ ވައްތަރީ
އަންތަރީސްޑް
ފިލްޓަރާއި ޔޫވީ ލައިޓާއި އެއްޗެހި އިންސްޓޯލް ކޮައްލީމަ ތިބުނާ ނުރައްކާތަކުން ސަލާމަތްވެ ފެންގަނޑު ސާފުވީއެއްނު..