ދަރިން ތަރުބިއްޔަތުކުރުމުގައި ނަމޫނާ ދެއްކުން

ޙަދީޖާ އަލީ


މައިންބަފައިންނަށް ވާ ހިސާބުން އަޅުގަނޑުމެން އެންމެންގެ ވިސްނުން ހުންނަނީ އެއްދިމާލަކަށް ހުއްޓިފައެވެ. ދަރިފުޅަކީ ބަސް އަހާ ކިޔަމަންތެރި އަޚްލާޤު ރަގަޅު ކުއްޖެއްގެ ގޮތުގައި ބޮޑުކުރާނީ ކިހިނެތް ކަމާއިމެދުގައެވެ. ދީނަށް ލޯބިކުރާ، ތަޢްލީމް އުނގެނުމަށް ޝައުގުވެރިވާ، ބޮޑެތިމީހުނަށް އިޙްތިރާމްކޮށް ކުޑަކުދިންދެކެ ލޯބިވާ ކުއްޖަކަށް ދަރިފުޅު ހަދާނީ ކިހިނެއް ކަމާއި މެދުގައެވެ. އަދި އެންމެ ބޮޑު ކަންބޮޑުވުމަކީ މައިންފައިންގެ ބަސް ދަރިފުޅު ނާހާނަމަ ދެންހަދާނީ ކިހިނެތްކަމާއި މެދު ކުރެވޭ ފިކުރެވެ.

އަނެއްކޮޅުން ކުޑަކުދިންނަކީ އެކުދިންގެ ވަށައިގެން ހިނގާކަންކަން ބަލާ އެ ކަންތައް ނަކަލު ކުރާ ބައެކެވެ. ނިއުޖަރޒީގެ ވެލީ ސެންޓަރ ފޮރ ޗައިލްޑް ޑިވެލޮޕްމަންޓް ސެންތަރގެ މެނޭޖިންގ ޑިރެކްޓަރ ލީޒާ ނަލްވެން ބުނާ ގޮތުގައި، ބަސް އަދި ހުނަރު ދަސްކުރުމުގައި ނަކަލު ކުރުމަކީ ހެދިބޮޑުވުމުގެ އެއްމެ އާއްމު ސިފައެވެ. ކޮންމެ ކުއްޖަކީ ފެންނަކޮންމެ އެއްޗެއް ވަގުތުން ނަކަލު ކުރާ ކުއްޖަކަށް ނުވެދާނެއެވެ. ބައެއް ކުދިން ފެންނަ ކަންތަކާއި މެދު އިތުރަށް ފުންކޮށް ވިސްނާ، ފަހުން އެ ކަމެއް ނަކަލު ކޮށްފާނެއެވެ. ނަމަވެސް ނަކަލު ކުރާކަމީ ޔަގީން ކަމެކެވެ. އާއްމުކޮށް ފިރިހެން ކުދިން ބައްޕަ ގޮތަށް "ތުނބުޅި ބާލާ އިރު" އަންހެން ކުދިންގެ މަންމަގެ ލިޕްސްޓިކް ޖައްސައެވެ. ފަލްސަފާ ޢިލްމެވެރިއެއްގެ ގޮތުގައިވެސް މަޝްހޫރު ބެންޖަމިން ފްރެންކްލިން ބުނެފައިވެއެވެ. "ކަމެއްކުރަން ވީ ގޮތް ބުނުމަށްވުރެ، އެކަމެއް ކޮށްފަ ދެއްކުން މާ ރަގަޅެވެ". މިބަސް އެންމެ ގުޅެނީ ދަރިން ތަރުބިއްޔަތު ކުރުމާއެވެ. އެހެންކަމުން ދަރިންގެ ކުރިމަތީގައި ކޮންމެކަމެއްގައި ވެސް ރަގަޅު ނަމޫނާ ދެއްކުމަކީ އެކަން އެންމެ ފަސޭހައިން ކާމިޔާބު ކުރެވޭނެ ގޮތެވެ. ދަރިންނަށް ކަމަކަށް އަމުރުކޮށްފިނަމަ އެއީ ކުރަންޖެހޭ ކަމެއްކަމަށް ކިޔާދިނުމަށްވުރެ، އެކަން ކުރާތަން ދަރިފުޅަށް ދެއްކުން މާ ރަގަޅެވެ. މިސާލަކަށް ހެނދުނު ތެދުވެ އެނދު ރީތިކުރަން ބުނާ އިރު މަންމަ ނޫނީ ބައްޕަ އެކަން ކުރާތަން ފެންނަ ނަމަ ދަރިފުޅު އެކަން ކުރުމަށް ބާރަކަށް ވެއެވެ. ނަމާދުކުރަން ހަނދާންކޮށްދިނުމުގެ ބަދަލުގައި އެކުގައި ނަމާދު ކުރާނަމަ އެކަމަށް ލޯބިޖެހުން ފަސޭހަ ވާނެއެވެ.

ރަގަޅު ކާނާކެއުމާއި ކަސްރަތުކޮށް ހެދުމަކީ، އަޅުގަނޑުމެންގެ ސިއްހަތު ރަގަޅު ވުމުގެ އިތުރުން ދަރިންނަށް ދައްކައިދެވޭ ރީތި މިސާލެކެވެ. ތައްޔާރީ ކާނާއަކީވެސް ޅަ އުމުރުގައި ކުދިންގެ ސިއްޙަތު ހަލާކުކޮށް ބަރުދަން އިތުރުވުމަށް މަގުފަހިވާ ކަމެކެވެ. މި ރީތި އާދަ ހަރުލައިފަ ނަމަ މިއީ އެތަކެއް ބަލިތަކަކުން ވެސް ރައްކާތެރިވުމަށް އެޅޭނެ ފިޔަވަޅެކެވެ.

  • އަމިއްލަ ނަފްސު ތަރައްގީ ކުރުން

ކޮންމެ ދުވަހަކީވެސް އާ އެއްޗެއް ނުވަތަ ކަމެއް ދަސްކުރާ ދުވަހަކަށް ހަދާށެވެ. އަދި މިކަމުގައި ދަރިފުޅު ޝާމިލްވާގޮތަށް އެކަން ކުރެވޭތޯބަލާށެވެ. އިއްޔެއަށްވުރެ ރަގަޅު މީހަކަށް ވުމަށް ނުވަތަ އާ ކަމެއް ތަޖުރިބާ ކުރުމަށް ވަކި އުމުރެއް ނޯވެއެވެ.

  • އެހީތެރިވެ ޚިދުމަތް ކުރުން

ދިރުއުޅޭ މުޖުމަތަމަޢުގެ ތެރެއަށް ނިކުމެ ކޮންމެވެސް ކަމެއްގައި ތިމާގެ ވަގުތާއި ހުނަރު ހޭދަ ކުރުމަކީ މުހިއްމު ކަމަކަށް ހަދާށެވެ. އަވައްޓެރި ގެއެއްގެ ބަލީ މީހަކަށް ޒިޔާރަތްކޮށް އެހީތެރިވުން ނުވަތަ އިޖްތިމާޢީ ގޮތުން ކުރެވޭ ކޮންމެވެސް ކަމެއްގައި ބައިވެރިވެ އެއްބާރުލުން ދޭށެވެ. އާއިލީ ގުޅުން ވަރުގަދަ ވެ، ކުދިންގެ ހިތަށް އޯގާތެރިކަން ވަދެ ކަންކަމުގައި އިސްނަގަން ކެރޭކުއްޖަކަށް ވާނެއެވެ.

  • އަމިއްލަ ތަޖުރިބާ ހިއްސާކުރުން

ކުދިންގެ އުމުރާއި ގުޅޭގޮތުން މައިންބަފައިންގެ ހަޔާތުގެ ތަޖުރިބާތައް ޙިއްސާކުރަންވާނެއެވެ. ގޯސްކޮށް ހިނގާފައިވާ ކަންކަމުން ޢިބުރަތް ލިބިގަނެ، ރަގަޅު ކަންކަމުގައި ހިފައިގެން ކުރިއަށް ދާން ހިތްވަރަކަށް ވާނެއެވެ. ތިމާ މަސައްކަތް ކުރާ މާހައުލަކީ އެކަމަށް ހުއްދަ ދޭ ތަނެއް ނަމަ އެއްފަހަރު ނަމަވެސް ދަރިފުޅު ގެންގޮސް ކުރާ މަސައްކަތް ދައްކާށެވެ. މައިންބަފައިންގެ ބުރަ މަސައްކަތް އަގު ވަޒަން ކުރަން ފަސޭހަވާނެއެވެ.

  • ނަފްސުގެ މައްޗަށް ބާރުހިންގުން

ރުޅިއައުމާއި ދެރަވުމާއި ފޫހިވުމަކީވެސް އިންސާނީ ޠަބީޢަތުގައި ހުންނަ ސިފަތަކެވެ. އަދި މި އިޙްސާސްތައް ހެޔޮ ގޮތުގައި ބޭރުކުރުމަކީވެސް އެހާމެ ބޭނުންތެރި ކަމެކެވެ. ނަމަވެސް މުނާސަބު ވަގުތާއި އެކަށޭނަ މީހުންގެ ކުރިމަތީގައި އެކަން ކުރުމަށްޓަކައި، ނަފްސުގެ މައްޗަށް ބާރު ފޯރުވަން ދަސްކުރަން ޖެހެއެވެ. ކަމަކާއި ހިތްހަމަ ނުޖެހިގެން ބޭރުން އަންނަ ގޮތަށް ގެއަށް އައިސް އިންނަ މެހެމާނު ކުރިމަތީގައި ހަޅޭއްލެވުމުގެ ބަދަލުގައި ރީތިކޮށް ވީގޮތް ކިޔާދީ ބޮޑެތިމީހުންގެ އިރުޝާދާއި އެއްގޮތަށް ކަންކަން ކުރަން ދަރިފުޅު ދަސްކުރަން ފަށާނެއެވެ.


  • ގުޅުންތައް ދެމެހެއްޓުން

އާއިލާއާއި ރައްޓެހިން ނުވަތަ އެކުގައި މަސައްކަތް ކުރާ މީހުންގެ މެދުގައި އޮންނަ ގުޅުންތަކަށް އިޙްތިރާމްކުރަން ވާނެއެވެ. ތިމާގެ މުސްކުޅި މައިންބަފައިން އިންނާއި މުޢާމަލާތުކުރާ ގޮތާއި، ރަޙުމަތްތެރިންގެ މެދުގައި މައްސަލައެއް ޖެހޭ ހިނދު ތިމާ އެކަން ހައްލު ކުރާގޮތް ދަރިން ބަލާނެއެވެ. ތިމާ އާއި ދިމާލަށް ގޯސްކަމެއްގައި އިނގިލި ދިއްކުރަން ޖެހިދާނެ ހާލަތްތައް މަދުކުރާށެވެ.

  • އަޑު އަހާ އިޙްތިރާމް ކުރުން

ދަރިންގެ ވާހަކަ އަކީ ހުރިހާ ކަމެއް ހުއްޓާލާފައި ވެސް އަޑުއަހަން ޖެހޭ އެންމެ މުހިއްމު ވާހަކައެވެ. އަދި އެކުދިންގެ ވާހަކަ މެދު ކަނޑާނުލާ އަޑު އަހާނަމަ ކުދިން ބޮޑުވެގެންވެސް އެހެން މީހުންގެ ވާހަކަ އަހާ އެމީހުނަށް އިޙްތިރާމްކުރާނެއެވެ. ހަމަ މިގޮތަށް ދަރިންގެ އަމިއްލަ ފިކުރަށް އަދި ވިސްނާގޮތް އެއީ ރަގަޅު ގޮތެއްނަމަ އެކަމަށް ވެސް އިޙްތިރާމް ކުރާށެވެ. އެކުދިންގެ ނަފްސަށް އިތުބާރު ކުރުން އިތުރު ވާނެއެވެ.

  • ކަންކަން ރަގަޅުވާނެ ކަމަށް ޤަބޫލުކުރުން

އަޅުގަނޑުމެންގެ މުޖުތަމަޢުގައި ހިނގާ ނުރަގަޅު ކަންތައްތަކަކީ ހިނގަންޖެހޭ ކަންތައް ކަމަށް ވިސްނުމުގެ ބަދަލުގައި، ގިނަ ކަންތަކަކީ ރަގަޅު ކަންތައް ކަމާއި ކޮންމެ ކަމަކާއި މެދުގައިވެސް ރަގަޅު ވިސްނުން ގެންގުޅުމަށް ސަމާލުކަން ދޭންވާނެއެވެ. ކަމެއް ގޯސްކޮށް ދިޔަ ނަމަވެސް ދެން ހުރިކަންތައް ރަގަޅުވާނެކަމުގެ ޔަގީންކަން އަމިއްލަ ނަފުސަށް ދޭންވާނެއެވެ. މިގޮތަށް މިކަން ކުރެވޭނަމަ ދަރިފުޅުގެ ވިސްނުމަށް ވެސް މި ބަދަލު އަންނާނެއެވެ.

  • ލަނޑުދަނޑި ކަނޑައެޅުން

ކޮންމެކަމެއް ކުރަން ފަށާއިރުވެސް އެކަމަށް ކަނޑައެޅި ލަނޑުދަނޑިއާއި، އެއާއި ހަމައަށް ވާސިލް ވުމަށް ކުރަންޖެހޭ މަސައްކަތް ލިސްޓް ކުރާށެވެ. އަދި ކުރިއެރުން ލިބެމުންދާ ވަރު ވެސް ފާހަގަ ކުރަމުންދާށެވެ. މިގޮތަށް ކަންތައް ރާވައިގެން އެއާއި އެއްގޮތަށް މަސައްކަތްކުރާ ތަން ފެންނަ ނަމަ ކުދިންގެ އަމިއްލަ ކަންތައްކުރުމުގައި ވެސް މި ތަރުތީބު ގެންގުޅެން އާދަވާނެއެވެ. އެކި ކަންތަކުގައި ލަނޑުދަނޑި ކަނޑައެޅުމަށް ދަރިންނަށް ހިތްވަރުދީ އެކަންތައް ހާޞިލްވުމުން އެކަން ފާހަގަ ކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު