ތަފާތު ސަގާފަތްތަކުގައި ރީތި މާނަ ކުރާގޮތް

ޙަދީޖާ އަލީ


ބަހެއްގެ މާނަ ބުނެދޭން އެންމެ އުނދަގޫ އެއް ބަހަކަށް "ރީތި" ވާނެއެވެ. އެކި މީހުނަށް އެކި އެއްޗެހި ރީތިވަނީ އޭގައި ތަފާތު ގޮތްތަކެއް ހުރެގެންނެވެ. މިސާލަކަށް ރީތި މީހެއްގެ ސިފަތަކަކީ ކޮބައިތޯ އަހަފިއްޔާ ވެސް ވަރަށް ތަފާތު ޖަވާބު އަންނާނެއެވެ. އެކި ގައުމު ތަކާއި އެކި ސަގާފަތް ތަކުގައި ވެސް ކަން ހުރި މި ބީދައިންނެވެ. މި ލިޔުމުގައި ބަލާލާނީ ބައެއް ސަގާފަތްތަކުގައި މީހުން ރީތި ވުމަށް ކުރާ އަދި ރީތިކަން ބަޔާންކޮށްދޭ ބައެއް ސިފަތަކަށެވެ.

1. މޫނުގައި ޖަހާ ޓެޓޫ


ނިއުޒީލެންޑްގައި މީހުން ރީތިވުމަށް ކުރާ އެއްމެ އާއްމު ކަމަކީ، ދަތްދޮޅި އަދި މަތީ ތުންފަތުގައި ޓޭޓޫ ޖެހުމެވެ. ވަކި ފަރުމާ އަކަށް އިންނަ، ކަޅު އަދި ނޫ ކުލައިން ޖަހާ މި ޓޭޓޫ އަށް ކިޔާ ނަމަކީ ޓަ-މަކޯ އެވެ. މި ޓޭޓޫ އަކީ "މާރޮއި" ގަބީލާގެ މެމްބަރެއްކަން އާއްމުންނަށް ދެއްކުމަށްޓަކައި، އެތައް ގަރުނެއް ކުރިންސުރެ ޖަހަމުން އަންނަ ޓޭޓޫ އެކެވެ.

2. ހީނާ


އަތުގައި އެކި ޑިޒައިންތަކަށް ހީނާ އެޅުމަކީ ނުވަތަ ކުރެހުމަކީ، އިންޑިޔާގައި ސަގާފީ އަދި ދީނީ ކަމެއްގެ ގޮތުގައި ވެސް ދެކިގެން ކުރަމުން އަންނަ ކަމެކެވެ. ޒަމާނަށް އަންނަމުންދާ ބަދަލާއި އެކުވެސް ބަދަލެއް ނައި އެއް ކަމަކީ، އިންޑީޔާގެ ކައިވެނީގެ ހަފްލާ ތަކުގައި އަންހެން ކަނބަލުންގެ އަތް އަދި ފައި ޒީނަތްތެރި ކުރެވިފައިވާ ހީނާއެވެ. ބައެއް މުޖްތަމަޢު ތަކުގައި މިއީ އަންހެނުންގެ ހައިބަތު ދެއްކުމަށް ވެސް ބޭނުންކުރާ އެއްޗެކެވެ.

3. ފައިތިލަ ބަނުން


1940 ގައި ގާނޫން މަނާކުރުމުގެ ކުރިން، ޗައިނާމީހުންގެ ފައިގެ އިނގިލިތައް، ފައިގެ ހުދުހަން ހުރި ފަރާތަށް ލަނބާލުމަށްފަހު ބާރަށް އައްސައެވެ. މިހެން ހެދުމުގައި ބައެއް މީހުންގެ އިނގިލި ބިނދެންވެސް ބިނދެއެވެ. ބޭނުމަކީ ފައިތިލައިގެ ސައިޒު ކުޑަކުރުމެވެ. އޭރު އެންމެ ރީތި މީހަކީ އެންމެ ކުޑަ ފައިތިލަ އެއް އިންނަ މީހެކެވެ. އަމާޒަކީ 3 އިންޗި ބޫޓަކަށް އެރުމެވެ.

4. ތުންފަތުގައި އަޅުވާ ފޮތި


އިތިއޯޕިޔާގެ "މުރްސީ" ގަބީލާގެ އަންހެނުންގެ ތުންފަތް ތޮރުފުމަށް ފަހު އެ ލޯވަޅުގެ ތެރެއަށް ފޮއްޗެއް ލައިގެން މިލޯވަޅު ބޮޑު ކުރަމުން ދެއެވެ. މިކަމަށް ބައެއް މީހުންގެ މަތިން ނުވަތަ ތިރިން މެދު ދެދަތް ނަގަންވެސް ޖެހެއެވެ. ރީތި ވުމުގެ މި މަރުހަލާ ފެށެނީ ފުރާވަރުގެ ދުވަސްވަރުއެވެ. މި ގަބީލާގައި އެންމެ ރީތި އަންހެނަކީ އެންމެ ބޮޑު ފޮތި އެޅުވޭ މީހާއެވެ.

5. ހިތުގެ ބައްޓަމަށް ހުންނަ މޫނު


ސައުތު ކޮރެއާގައި ރީތިވުމަށް ކުރާ އެންމެ ބޮޑު އެއް ހޭދައަކީ، މޫނުގެ ބައްޓަން ހިތެއްގެ ބައްޓަމަށް ބަދަލު ކުރުމަށް ކުރާ އޮޕަރޭޝަނެވެ. މި ކަމަށްޓަކައި ކޯކަށިގަނޑު 3 ބަޔަށް ބުރި ކޮށްލުމަށްފަހު، މެދުގައި އިންނަބައި ނެގުމަށް ފަހު ދެފަރާތުގެ ދެބައި އެއްކޮށްލުމުން އިންނާނީ ދަތްދޮޅި ދިގުކޮށެވެ. މޫނުގެ މަތީބައި ހިތުގެ ބައްޓަމަށް ގެންނަނީ އިސްތަށި ފަޅުވައިގެން ނުވަތަ އެގޮތަށް ފުނާ އަޅައިގެންނެވެ.

6. ފޭރާ ދަތް


ގިނަ ސަގާފަތް ތަކުގައި އެއްވަރަށް ރީތިކޮށް ހުންނަ ދަތްޕިލަ ރީތިކަމުގައި ބެލެވުނަސް، ޖަޕާނުގެ އަންހެނުންނަށް ރީތީ ފޭރާ ދަތުގެ މަތިން އޮރިއަށް އެހެން ދަތެއް ފަޅާފައި އިނުމުންނެވެ. ޖަޕާނުގެ އަންހެނުން ދަތުގެ ޑޮކްޓަރުން ކާރިއަށް ގޮސްގެން މިހެން ދަތްޖަހާ ދަތް އޮރިކޮށް ހަދަނީ ރީތި ވުމުގެ ބޭނުމުގައެވެ.

7. ގައިގާ ކަނޑާނެގުން


އެފްރިކާގެ ގައުމުތަކުގެ ތެރެއިން އިތިއޯޕިޔާ، ދެކުނު ސޫދާން އަދި ޕަޕުއާ ނިއުގިނީ އިންވެސް ފެންނަ މި އާދަ އަކީ، ސަގާފީ ކަމެކެވެ. ހަމުގައި ތިލަކޮށް އެކި ޑިޒައިންތަކަށް ކަނޑާ ނެގުމުން ދެން ލަކުނަށް ވާއިރު ދާއިމަށް މި ޑިޒައިންތައް ނުފިލާ ހުންނާނެއެވެ. އަންހެން އަދި ފިރިހެން ކުދިންވެސް ވަކި އުމުރަކަށް އެޅުމުން، މިއީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

8. ބޮލުގެ ނާށިގަނޑު ބަނުން


ބޮލުގެ ބައްޓަން ފަތާކޮށް ބެހެއްޓުމުގެ ބަދަލުގައި ބޮލުގައި ބާރާށް ފޮތި އޮޅައިގެން ބޮލުގެ ބައްޓަށް ދިގު ކުރުމަށް ޓަކައި މިކަން ކުރަނީ ކުދިން އެންމެ ތުއްތު އިރުގަ އެވެ. މިއީ ރީތި ކަމުގެ އިތުރުން ހައިބަތު ދައްކައިދޭ ކަމެއްވެސް މެއެވެ. މިކަމަކީ ޢީސާގެފާނު ދުނިޔެއަށް ފައުޅުވުމުގެ 7000 އަހަރު ކުރިން ފެށިގެން ހިންގަމުން އަންނަ ކަމެކެވެ. މެދު އިރުމަތިން ފެށިގެން ދެނުކު އެމެރިކާއަށް މިކަން ފެތުރިފައި ވެއެވެ.

9. ހަމުގެ ކުލަ އަލި ކުރުން


ހުޅަނގުގެ މީހުންގެ ހަމުގެ ކުލަ ގުދުރަތީ ގޮތުން، އަލިވުމުން އޭޝިޔާގެ ބައެއް ގައުމު ތަކުގައިވެސް، އަންހެނުން ރީތި ވުމަށްޓަކައި ހަންގަނޑު ދޮން ކުރުމަށް އެތަކެއް ބާވަތުގެ ކްރީމް ބޭނުންކޮށް އަދި އޮޕަރޭޝަނަތައް ދަނީ ކުރަމުންނެވެ. މިކަމުގައި އެންމެ ކުރީގައި އުޅެނީ ޗައިނާ، ތައިލެންޑް އަދި ޖަޕާނުގެ އަންހެނުންނެވެ. މިމީހުން އެއްވެސް ހާލެއްގައި އިރުގެ އައްޔަށް ނިކުމެ ނޫޅޭއެވެ.

10. ކަންފަތުގެ ފޫޅުގަނޑު އިރުން


ކަންފަތް ތޮރުފައިގެން ބަރު އަދި ބޮޑެތި އެއްޗެހި ލައްވައިގެން ކަންފަތުގެ ފޫޅޫގަނޑު ކޮނޑައި ހަމައަށް އެލުވާލުމަކީ، ސައުތު އެމެރިކާ އަދި އެފްރިކާގެ ދެ ޖިންސުގެ މީހުންގެ މެދުގައި ވެސް މަގުބޫލު ކަމެކެވެ. މިއީ ރީތިވުމަށް ކުރެވޭ އަދި އިހްތިރާމް ލިބިގެންވީ މުޖުތަމައު ތަކުގައިވެސް ބަލައިގަނެވޭ ކަމެކެވެ.

11. ކަރު ދިގުކުރުން


ތައިލެންޑް އަދި ބަރުމާގެ "ކަޔާން" ގަބީލާގެ އަންހެނުން މިކަން ކުރަމުން އަންނަތާ އެތައް ގަރުނެއް ވެއްޖެއެވެ. އުމުރުން 5 އަހަރުން ފެށިގެން އަންހެންކުދިންގެ ކަރުގައި "ބްރާސް ރިންގް" ތަކެއް އަޅުވައެވެ. ކޮންމެ އަހަރަކު ބޮޅެއް އިތުރު ކުރެއެވެ. މި ބޮޅުތަކުގެ ބަރުދަނުގައި 22 ޕައުންޑް ހުރެއެވެ. އެންމެ ގިނަ ބޮޅުހުރި އެންމެ ކަރު ދިގު އަންހެނަކީ އެންމެ ރީތި މީހާއެވެ.

12. ބުމަ އެއްވުން


ގިނަ ގައުމު ތަކުގެ އަންހެނުން ބުމަ އިން އިސްތަށި އުފުރާ، ބުމަ ހިމަ ކުރަމުންދާއިރު، ތަޖިކިސްތާނުގެ އަންހެން އެމީހުންގެ ބުމަ ހުރި ގޮތަށް ބަހައްޓާފައި އިތުރަށް ފަންސުރުން ކުރަހައިގެން ދެބުމަ އެއްވެފައިވާ ކަން ސިފަވާގޮތަށް ދައްކައެވެ. މިއީ އެގައުމުގައި ރީތިކަމެއްގެ ގޮތުގައި ބަލައިގަނެވި، އަދި ކުރަމުން އަންނަ ކަމެކެވެ.

13. ފަން އިސްތަށިގަނޑު


ޖަޕާނުގެ އަންހެނުންގެ މެދުގައި ފަން އިސްތައްޓަކީ ވަރަށް މަގުބޫލު އެއްޗެކެވެ. ވަރަށް މަދުން ނޫނީ ބުޅި އަދި ރާޅުބާނި އިސްތަށިގަނޑު ޖަޕާނު މީހުންގެ ތެރެއިން ނުފެންނަނީ މިސަބަބާއި ހުރެއެވެ. އުފެދުމުގައި ފަން އިސްތަށި ނެތް ނަމަ ގަވާއިދުން އިސްތިރި ކުރުމާއި، ސެލޫން ތަކުން ފަންކުރުމުގެ އިތުރުން ބާރުގަދަ ކެމިކަލް ބޭނުންކޮށްގެންވެސް ފަން އިސްތަށިގަނޑެއް ހޯދުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ޖަޕާނު އަންހެނުން ދެކެއެވެ.

14. މަސްޖަހާފައިވާ ހަށިގަނޑު


ގިނަބަޔަކު ހަށިގަނޑުގެ ބައްޓަން ލޫޅާފަތިކޮށް ބަހައްޓަން ބޮޑު ސަމާލުކަމެއް ދޭ ދުވަސްވަރެއްގައި ވެސް، މޮރިޓޭނިޔާގެ އަންހެނުން ރީތިކަމަށް ބެލެވެނީ ހަށިގަނޑުގައި މަސްޖަހާ ބިޔަކޮށް ތިބޭ ނަމައެވެ. ކައިވެނި ކުރާ އުމުރަށް އެޅުމުން ދުވާލަކު 16،000 ކެލޮރީ ހުންނަ ކާތަކެތި ދީގެން މިކަން ޙާޞިލްވޭތޯ، ގޭގައި ތިބޭ އަންހެންވެރިން މަސައްކަތް ކުރެއެވެ. މިހިސާބުން ނިމުނީކީ ނޫނެވެ. ހަމުގައި "ސްޓްރެޗް މަރކްސް" ހުރި ނަމަ އެއީ ލިބޭ ބޯނަހެކެވެ.

15. ދަތް ކެނޑުން


ދިވެހިންގެ ތެރޭގައި ވެސް ކުރިން އޮތް މި ސަގާފަތް، އަދިވެސް ހިފަހައްޓަމުން އަންނަ ގައުމަކީ އިންޑޮނޭޝީޔާއެވެ. މިއީ ދެ ޖިންސުގެ މީހުނަށް ޚާއްސަ ކަމެކެވެ. ރީތި ކަމެއްގެ އިތުރުން މިކަން ބެލެވެނީ ޖެހިލުން ކުޑަ އަދި ހިތްވަރު ގަދަ ކަމުގެ ރަމްޒެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު