ރީތި ވުމުގެ ހުރިހާ ކަމަކަށް ބީޓްރޫޓް

ޙަދީޖާ އަލީ

ބީޓްރޫޓަކީ ގިނަ ޢަދަދަކަށް ދަގަނޑު އަދި ވިޓަމިން ހިމެނޭ ފަލަމަޑިއެއް ކަމުން، ވަރަށް ގިނަ މީހުންގެ ކެއުމުގައި ބީޓްރޫޓް ހިމަނައެވެ. މިއަދު ބަލާލާނީ، ރީތިވުމަށްޓަކައި ބީޓްރޫޓު ބޭނުން ކުރެވިދާނެ ގޮތްތަކަށެވެ. ޖަންބު ކުލަ އަރާ ކޯތާފަތާއި އިސްތަށިގަނޑުގެ ކުލަ ބަދަލުކޮށްލުމަށްވެސް ބީޓްރޫޓާއި ވާދަ ކުރެވޭނެ އިތުރު އެއްޗެއް ނެތެވެ.

1. ހަމުގެ ކުލަ ރީތި ކުރުމަށް

ބީޓްރޫޓުގެ ދިޔައަކީ ގުދުރަތީ "ބްލަޝް" އެއްގެ ގޮތުގައި ބޭނުންކުރެވިދާނޭ އެއްޗެކެވެ. މީގައި ގެއްލުން ދެނިވި އެއްވެސް ކެމިކަލް އެއް ނުހުންނާނެއެވެ. ބީޓްރޫޓްގައި ހިމެނޭ ވިޓަމިން-ސީ ގެ ސަބަބުން ހަމުގައި ހުންނަ ލަށް ފިލާ ހަމުގެ ކުލަ އަލިކޮށްދޭނެއެވެ. ބީޓްރޫޓުގައި ހިމެނޭ ދަގަނޑު، ފޮސްފޮރަސް އަދި ޕްރޮޓީންގެ ސަބަބުން ހަމަށް މަޑު ފިޔާތޮށިކުލަ އެއް އަރާނެއެވެ.

ބޭނުންކުރާނޭގޮތް: ބީޓްރޫޓް ޖޫސް ބުއިމުން ލޭ ސާފުވެ ހަށިގަނޑުގައިވާ ވިހަތައް ބޭރުވާނެއެވެ. ބީޓްރޫޓް ދިޔަ ހަމުގައި އުނގުޅުމުން، މަރުވެފައިވާ ހަންތައް ނެއްޓި ހަމުގެ ކުލަ އަލިވާނެއެވެ. ބީޓްރޫޓް ހިމުންކޮށް ގާނާލުމަށްފަހު މޫނާއި ކަރުގައި އުނގުޅާފައި 10-15 މިނިޓް ބެހެއްޓުމަށް ފަހު ދޮވެލާށެވެ. ގަވާއިދުން މި މާސްކް ބޭނުންކުރާނަމަ ވަރަށް ރީތި ޖަންބުކުލައެއް މޫނަށް އަރާނެއެވެ. ކައްކާ މަޑުކޮށްލުމަށްފަހު "ޕޭސްޓެއް" ވެސް ހަދާލެވިދާނެއެވެ.

2. ލޯކައިރި ކަޅުވުމުން

ބީޓްރޫޓުގައި ހިމެނޭ "އެންޓިއޮކްސިޑަންޓް" ގެ ސަބަބުން ހަމުގެ ދިރުން ގެނެސްދީ، ފަނޑުވެ ބަރުބަލިކަމަށް ދައްކާ ހަންގަނޑު އުޖާލާކޮށްލާނެއެވެ. ގަވާއިދުން ބީޓްރޫޓް ބޭނުންކުރާނަމަ ލޮލުގެ ތިރީގައި އުފެދޭ ކަޅު ދާއިރާގެ ކުލަ ބަދަލުކޮށްލާ، ލޯ ކައިރި ދުޅަވެފައި ހުންނަނަމަ އެކަންވެސް ރަގަޅުވާނެއެވެ.

ބޭނުންކުރާނޭގޮތް: ކިރު، މާމުއި އަދި ބީޓްރޫޓްދިޔަ އެއްކުރުމަށްފަހު، ކަފަކޮޅަކުން ލޮލުގެ މަތީ ބޮނޑީގައާއި އެކުގައި އުނގުޅާށެވެ. 10 މިނިޓް ބެހެއްޓުމަށްފަހު ފިނިފެން ފޮދަކުން ދޮވެލާށެވެ.

3. ތުންފަތުގެ ކުލަ އަނދިރިނަމަ

ތުންފަތުގެ ކުލަ އަނދިރިވެ، ކުރަކިވެ ހަން ނޮޅި ހިކޭގޮތް ވާނަމަ އެކަމުގެ ހައްލަކީ ބީޓްރޫޓެވެ. ބީޓްރޫޓުގެ ސަބަބުން، ބަލާލާން ތުންފަތް ރީތިވުމުގެ އިތުރުން ސިއްހީގޮތުންވެސް ރަގަޅުވާނެއެވެ. ބީޓްރޫޓުގައި ހިމެނޭ ގުދުރަތީ ކުލައިގެ ސަބަބުން ތުންފަތުގެ ކުލަ ވަރަށް ރީތިކޮށްލާނެއެވެ.

ބޭނުންކުރާނޭގޮތް: ހަކުރު ކޮޅަކާއި ބީޓްރޫޓްދިޔަ އެއްކުރުމަށްފަހު ތުންފަތުގައި އުނގުޅައިގެން މަރުވެފައިވާ ހަންތައް ނައްޓާލާށެވެ. އަދި ކޮންމެ ތުންފަތެއްގައި ބީޓްރޫޓްދިޔަ ތިކެއް އުނގުޅުމަށްފަހު 15 މިނިޓް ބެހެއްޓުމަށްފަހު ދޮވެލާށެވެ. ސިގިރެޓް، ކޮފީ އަދި ދުފުމުގެ ސަބަބުން އަރާފައިވާކުލަ ފިލާ ރީތި ތުންފަތެއްލިބުނީއެވެ.

4. އިސްތަށިފައިބާ ނަމަ

އިސްތަށި ފޭބުމުގެ އެންމެ މައިގަނޑު ސަބަބެއްކަމަށް ބެލެވެނީ، މިނެރަލް މަދުވުމެވެ. ބީޓްރޫޓުގައި ހިމެނޭ ޕޮޓޭސިއަމް، އިލެކްޓްރޮލައިޓް އަދި ދަގަނޑުގެ ސަބަބުން ހަކާލުވެބުރިވަމުންދާ އިސްތަށި ރަގަޅުކޮށްދީ، އިސްތަށި ހަލާކުވުމުން ދުރުކޮށްދޭނެއެވެ. ކުރުކޮށް ބުނާނަމަ އިސްތަށި ފޭބުމުގެ ހުރިހާ މައްސަލައަކަށް ބީޓްރޫޓުން ހައްލު ލިބޭނެއެވެ.

ބޭނުންކުރާނޭގޮތް: ބީޓްރޫޓުގެ ދިޔަ ކުޑަކޮށް ހޫނުކޮށްލުމަށް ފަހު މުޅި އިސްތަށިގަނޑުގައި އުނގުޅާށެވެ. ބީޓްރޫޓްއަދި ކޮފީއޮށް އެއްކޮށް މުގުރާލުމަށްފަހު ޕޭސްޓެއްހަދައިގެން އިސްތަށީގެ ކޮޅުންފެށިގެން ބުޑާއި ހަމައަށް އުނގުޅާށެވެ. 10 މިނިޓް ބެހެއްޓުމަށްފަހު ދޮވެލާށެވެ. އިސްތަށިގަނޑު މަޑުވެފައި ވިދުން ހުންނާނެއެވެ.

5. ގައިގެ ހަންގަނޑު މަޑުކޮށްލުމަށް

އެއްވެސް ތަތްކަމެއް ގެނައުމަކާއި ނުލާ ހަންގަނޑު މަޑުކޮށް އޮމާންކޮށްލުމަށް ބޭނުންކުރަންވީ ގުދުރަތީ އެއްޗަކީ ބީޓްރޫޓެވެ. ދަގަނޑުން މުއްސަނދިވެފައިވާ ބީޓްރޫޓުގައި ހިމެނޭ "ކެރޮޓޭނޮއިޑްސް" ހަމުގެ އެންމެ އެތެރެ ފަށަލައާއި ހަމައަށް ތެތް ކޮށްލާނެއެވެ. ބީޓްރޫޓް ގަވާއިދުން ބޭނުންކުރާ މީހަކަށް ހަންގަނޑު ހިކި ކުރަކި ވުމުގެ މައްސަލަ ދިމައެއްނުވާނެއެވެ.

ބޭނުންކުރާނޭގޮތް: ދެ ސަމުސާ "ކާރޑް" ގެ ތެރޭގައި ބީޓްރޫޓޭއް މުގުރާލާށެވެ. ކުޑަ އާމަންޑް އޮއިލް ފޮދަކާއި އެއްކޮށްލާށެވެ. މޫނާއި މުޅި ގައިގައި އުނގުޅާފައި 15-20މިނިޓް ފަހުން ފިނިފެން ފެނުން ދޮންނާށެވެ. އަދި ތަފާތު އިޙްސާސް ކޮށްލާށެވެ.

6. ހަމުގައި ރޫޖެހޭނަމަ

އުމުރާއި އެކު މުސްކުޅިނުވާ ރީތިކަމަކަށް ދެކެމުންދާ ހުފަވެން ހަގީގަތަކަށް ހަދާދޭނެއެއްޗަކީ ބީޓްރޫޓެވެ. ދުވަސްވުމުގެ ސަބަބުން ހަމުގައި އުފެދޭ ރުލާއި ހަންގަނޑު ތިރިއަށް އެލުމުން ސަލާމަތްކޮށްދޭނެ މާއްދާތައް ބީޓްރޫޓްގައި އެކުލެވިގެންވެއެވެ.

ބޭނުންކުރާނޭގޮތް: މާމުއި އަދި ކިރު ފޮދެއްގެ ތެރޭގައި ބީޓްރޫޓްދިޔަ އެއްކޮށްލާށެވެ. ބޯކޮށް މޫނުގައި އުނގުޅާފައި ބެހެއްޓުމަށްފަހު 20 މިނިޓްވުމުން ދޮވެލާށެވެ. ހަފްތާއަކު ދެފަހަރު މިގޮތަށް ތަކުރާރުކުރެވޭ ނަމަ ހަންގަނޑު ހުންނާނީ އަބަދުވެސް ޒުވާންކޮށެވެ.

7. ބޮލުން ހަންފޮޅޭނަމަ

ބޮލުން ހަންފޮޅެންދިމާވަނީ ބޮލުގެ ހަންގަނޑު ހިކުމުންނާއި ފަންގަލް އިންފެކްޝަންގެ ސަބަބުންނެވެ. ބީޓްރޫޓުގައި ހިމެނޭ ''އެންޒައިމެޓިކް" މާއްދާތަކުގެ ސަބަބުން ހަންފޮޅުން ހުއްޓުވާލައެވެ. އަދި ސިލިކާގެ ސަބަބުން ފަންގަސް ދުރުކޮށް ހަންގަނޑު ތެތްކޮށް ބަހައްޓަން އެހީތެރިވެދޭނެއެވެ.

ބޭނުންކުރާނޭގޮތް: ހިތިފަތުފެން ނުވަތަ ރާހުތް، ބީޓާރޫޓް ދިޔައާއި އެއްކުރުމަށްފަހު ބޮލުގައި އުނގުޅާށެވެ. ހިކެންފެށުމުން ޝޭމްޕޫލައިގެން ދޮންނާށެވެ. ބޯ ކެހުމުން ދުރުކޮށް އިސްތަށިގަނޑު މަޑުވާނެއެވެ.

8. ހަމުގައި ލަށްޖެހުމާއި ބިހިނެގުމުން ސަލާމަތްކުރުމަށް

ހަމުގައި ބިހިނެގުމާއި ލަށްޖެހުން އެއީ ހަންގަނޑު ތެޔޮވުމުގެ ސަބަބުން ދިމާވަ ކަންތަކެވެ. ބީޓްރޫޓް، ހަމުގެ ލޯވަޅުތަކުގެ އެތެރޭގައި ހުންނަ ތެޔޮތައް ސާފުކުރުމުގެ އިތުރުން، ބިހިނެގުމުން ކަހާ ހިރުވާހިރުވުން، ހުއްޓުވާދޭނެއެވެ.

ބޭނުންކުރާނޭގޮތް: ޓޮމާޓޯ އަދި ބީޓްރޫޓްގެ ދިޔަ އެއްވަރަށް އެއްކުރުމަށްފަހު މޫނުގައި އުނގުޅާށެވެ. 15 މިނިޓްވުމުން ދޮވެލާށެވެ. ގަވާއިދުން މިކަން ތަކުރާރުކުރަމުން ދާނަމަ އިސާހިތަކު މޫނު އޮމާންވެފައި، ހަންގަނޑު މަޑުވާނެއެވެ.

9. އިސްތަށިގަނޑުގައި ގުދުރަތީ ކުލައެއް ޖެއްސުމަށް

އިސްތަށިގަނޑުގައި ކުލަޖެއްސުމަށް ބީޓްރޫޓް ބޭނުންކުރާށެވެ. އިރަށް ނިކުތުމުން ހުންނާނީ "ރެޑްވައިން" ކުލަ އަރާފައެވެ. މިއީ ގުދުރަތީ ކުލައެއްކަމުން މިއިން އެއްވެސް ގެއްލުމެއް ނުލިބޭނެއެވެ.

ބޭނުންކުރާނޭގޮތް: ބައިތަށި ކެރޮޓް ދިޔައިގެ ތެރެއަށް ބައިތަށި ބީޓްރޫޓްދިޔަ އެއްކުރުމަށްފަހު މުޅި އިސްތަށިގަނޑުއެއްކޮށް ތެންމަލާށެވެ. 1-2 ގަޑިއިރުވަންދެން ބެހެއްޓުމަށްފަހު ދޮވެލާށެވެ. ގިނައިން މިކަން ތަކުރާރުކުރި ވަރަކަށް ކުލަގަދަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު
ސަނަމް
ދަެން ނުލިބެނެ ފަސޭހަ ރަހުމަތެއްގަ މިއެއް ވެސް. މީގެ އަގުތަށް ވެސް އެޖެހުނީ މައްޗައް