ވަރަށް ހިތްގައިމު، ނަމަވެސް މިތާ ދިރިއުޅުން މަނާ!

ޙަދީޖާ އަލީ
ޑެންމާރކްގެ ގާރްޑަން ސިޓީ ޑެންމާރކްގެ ގާރްޑަން ސިޓީ

ޒަމާނަށް އައި ބަދަލުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ، ޓެކްނޮލިޖީގެ ސަބަބުން ދުރުގައި ތިބިމީހުން ކާރިވެފައ، ގާތުގައި ތިބިމީހުންނާއި ގުޅުން ކުޑަވުމެވެ. ކިތައްމެ ކުޑަ މުޖުތަމަޢުއެއްގައި އުޅުނަސް ޖެހިގެން ހުންނަ އަވަށްޓެރިޔާ އާ އަނގައިން ބުނަން ކީއްކުރަންތޯ، ފެންނަނީ ވެސް މަދު ފަހަރަކުއެވެ. އިޖުތިމާޢީ ގުޅުންތައް މިހާ ދަށްވެގެން ދިޔަ އެއް ސަބަބަކީ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށުން ކަމަށްބުނެވިދާނެއެވެ. މިއާދަ ދުރުކޮށް މުޅިންތަފާތު ގޮތަކަށް ފަރުމާކުރެވިފައިވާ ކޮމިއުނިޓީއެއްގެ ފޮޓޯތަކެއް މިވަނީ، ގިނަ ބައެއްގެ ޝައުޤުވެރިކަން ހޯދާފައެވެ.


ސެޓަލައިޓް ފޮޓޯތަކާއި ގޫގަލްމެޕްގެ ޒަރީޢާއިން އަޅުގަނޑުމެނަށް ބަލާނުލެވޭ އެއްވެސް ތަނެއް މިހާރު ދުނިޔޭގައި ނުވާކަހަލައެވެ. ޑެންމަރކްގެ "ގާރޑަން ސިޓީ"ގައި ގެތައް ހެދިފައި ހުންނަނީ ވަށްބުރެއްގެ ވަށައިގެންނެވެ. މަތިން ބަލާލުމުން ފޮތިކޮށްފައިވާ ޕިއްޒާއެއް ސިފަކުރެވޭގޮތަށެވެ. ބައެއްމީހުނަށް މިއީ ސައިން ފިކްޝަން ފިލްމެއްގެ މަންޒަރެކެވެ. އަނެއް ބަޔަކަށް ހީވީ "އޭލިއަނުން" އާބާދުވެފައިވާ ސަރަހައްޙައްދެއް ކަމަށެވެ. ހުވަފެނެއްފަދަ މި ރީތި ކޮމިއުނިޓީގައި މީގެ 12 ވަށްބުރު ހިމެނެއެވެ. އެއް ބުރު އަނެއްބުރާއި ތަފާތެއްނެތެވެ.

ކިތަންމެ ދިރިއުޅޭ ހިތް ވިޔަސް މިއީ މީހުން އަބަދު ދިރިއުޅުމަށް ދޭ ގެތަކެއް ނޫނެވެ. ޑެންމާރކްގެ ކޮޕަންހޭގަންގެ ބޭރުގައި ހެދިފައިވާ މި ގެތަކަކީ، ދަނޑުވެރިކަން ކުރުމަށް ދޭ ގެތަކެކެވެ. މުޅި އަހަރު މިތަނުގައި ދިރިއުޅުންވަނީ، ޤާނޫނަކުން މަނާކޮށްފައެވެ. މިއީ ދިރިއުޅެން އެކަށިގެންވާ ވަރަށްވުރެ ކުދި ގެތަކެކެވެ. މިގެތަކަކީ އާންމުކޮށް ދަނޑުވެރިކަމަށް ބޭނުންވާ އާލާތް ރައްކާކޮށް، ވިއްސާރަ މޫސުމުގައި ސައިތައްޓެއް ބޯލާހަދަން އެކަށީގެންވާ ވަރުގެ ގެތަކެކެވެ. މިތަނުގެ ގިނަ ގެތަކުގެ ބޮޑުމިނަކީ 50 އަކަމީޓަރެވެ. މިތަނުގައި މީހުން ދިރިއުޅެނީ 1 އޭޕްރިލް އިން 1 އޮކްޓޯބަރަށެވެ. އެއީ ހޫނު މޫސުމާއި ބަހާރު މޫސުމުގެ ދުވަސްތަކެވެ. ހަފްތާ ބަންދުގައިވެސް އައިސް އުޅެވިދާނެއެވެ.


ދަނޑުވެރިކަން ކުރުމަށް ވަކިޖާގަ ޚާއްސަކުރުމަށް ނިންމާ، މިތަން މިގޮތަށް ފަރުމާކުރީ 1964 ގައެވެ. މިއީ 18 ވަނަ ޤަރުނުގައި މީހުން އުޅުނު ކުދިން އަވަށްތައް ސިފަވާގޮތަށް ހެދިފައިވާ ތަނެކެވެ. އެފަދަ ކުދި އަވަށްތަކުގެ މެދުގައި އަވަށުމީހުން އެއްވެ، ދޭދޭމީހުން ވާހަކަދައްކާ ރަޙުމަތްތެރިވެއުޅެއެވެ. އެހެންކަމުން މި ބައްޓަމަށް މިތަން ފަރުމާކުރީ، ދޭދޭމީހުން ފެނިދެނިވެ އުޅުން އިތުރުކޮށް، ދަނޑުތައް ކުއްޔަށްނަގާ މީހުންގެ މެދުގައި އިޖުތިމާޢީ ގުޅުން ވަރުގަދަ ކުރުމުގެ ބޭނުމުގައެވެ. ދަނޑުތައް ކުއްޔަށްދެއެވެ. ބިންވެސް ކުއްޔަށްދެއެވެ. ނަމަވެސް ގެ، ޖެހޭނީ ގަންނާށެވެ. ޝަރުތަކީ، ދިރިއުޅޭ އެޕަރޓްމެންޓް، މިހިސާބާއި 20 ކިލޯމީޓަރު ކައިރީގައި ވުމެވެ. މި ގެތަކުގައި ކަރަންޓާއި ފެން އަދި ނަރުދަމާގެ ނިޒާމް ޤާއިމުކުރެވިފައިވާނެވެ. ގެއަށް އިތުރު ބަދަލުގެނައުމުގެ މިނިވަންކަން ވެސް ލިބިދީފައި ވެއެވެ. މީގެތެރޭގައި ކަރަންޓަށް ބަރޯސާވުން ކުޑަކުރުމަށް ސޯލާ ސިސްޓަމް ހަރުކުރުންވެސް ހިމެނެއެވެ. ގެތައް ގަނެފައިވަ ފަރާތުން ކުއްޔަށްނަގާނަމަ، މިގެތަކުގެ އަގު އުޅެނީ މަހަކަށް 150-500 ޑޮލަރަށެވެ.

މިހާރު މީސްމީޑިޔާއި އާންމުވެގެން އުޅޭ "ހައި ރެޒޮލިއުޝަން" ފޮޓޯތަކަކީ، ފޮޓޯގްރާފަރު ހެންރީ ޑޯގެ މަސައްކަތެވެ. ހެންރީ ހާމަކުރިގޮތުގައި، މިއީ ކުރިން ޕްލޭންކޮށްގެން އޭނާ ނަގާފައިވާ ފޮޓޯތަކެއް ނޫނެވެ. ހެންރީ، އޭނާގެ އަންހެނުންނާއި އެކު ކޮޕަންހޭގަން އަށް ޒިޔާރަތް ކުރުމުން، ހެންރީއަކީ ފޮޓޯނަގާމީހެއް ކަން އެނގިގެން، ގަރޑަންސިޓީ ބަލާލުމަށް އެދުނީ އެތަނުގެ ރަށްވެހިންނެވެ. ނަމަވެސް މިތަޖުރިބާއާއި މެދު ހެންރީ މިހާރު ހުރީ އުފަލުންނެވެ. ހެންރީގެ މި ފޮޓޯތައް އިންސްޓަގްރާމްގައި ހިއްސާކުރުމުން ސާޅިސް ހާހަށްވުރެ ގިނަމީހުންވަނީ މިފޮޓޯތަކަށް ލައިކްދީ، އެއްލައްކަ އަށްވުރެ ގިނަމީހުން ބަލާފައެވެ. ހެންރީ އިތުރަށް ހާމަކުރި ގޮތުގައި މިތަނުގެ ކައިރިން ދުއްވާފައި ދާއިރު، މާބޮޑު ތަފާތުކަމެއް ނުފެންނާނެއެވެ. މިތަނުގެ ނަލަކަމާއި ރީތިކަން މިފެންނަނީ ސީދާމަތިން ފޮޓޯ ނެގުމުންނެވެ. ކޮޕަންހޭގަންފަދަ، ގިނައިން ވިއްސާރަވެހޭ ހިސާބެއްގައި މިހާރީތިކޮށް އަލި ހުއްޓާ ފޮޓޯނެގުނުކަމީ، ހެންރީ ޤަބޫލުކުރާގޮތުގައި އޭނާގެ ނަސީބެވެ.

ކިޔުންތެރިންގެ ހިޔާލު