ކޭއެފްސީ ވުޖޫދަށްގެނައި ކާނަލް، އެތައް ފަހަރަކު ނާކާމިޔާބާއި ކުރިމަތިލި

އައިމިނަތު ޔުމްނާ
ކާނަލް ސޭންޑަރސް ކާނަލް ސޭންޑަރސް

އާންމުންގެ ލޯތަކަށް ފެންނަން ހުންނަނީ ކާމިޔާބު މީހެއްގެ ކާމިޔާބީ އެކަންޏެވެ. އެމީހާ ކާމިޔާބީ އަަށް ވާސިލްވާން ކޮށްފައިވާ މަސައްކަތާއި އުފުލާފައިވާ ތަކްލީފް އަކީ ފޮރުވިފައިވާ އެއްޗެއްކެވެ. އެތައް ފަހަރަކު ނާކާމިޔާބީ އާ ކުރިމާތިލާން ޖެހި، ކުރަން އުޅޭ ކަންތައް ތައް ނުވުމުން ނާއުންމީދުވެ، އުންމީދު ކަނޑާލުމަށްފަހު ބޭނުންވާ ލަނޑުދަނޑިއަށް ވާސިލް ވުމުގެ މަސައްކަތްތައް ހުއްޓާލާފައިވާ އެތައް ބަޔަކު ތިބެއެވެ.

މިފަހަރު ގެނެސްދޭން މިއުޅެނީ އެތައް ފަހަރަކު ނާކާމިޔާބީ އާއި ކުރިމަތިލުމަށްފަހު، ހިތްވަރާއިއެކު މަސައްކަތްކޮށް ކާމިޔާބީއާއި ހަމައަށް ވާސިލްވި ނަމޫނާ މީހެއްގެ ވާހަކައެވެ.

     

ކާނަލް ހާރލަންޑް ސޭންޑަރސްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާ މޫނަކަށް ނުވާނެއެވެ. ހުދު ކޯޓެއް ލައިގެން ކަޅު ޓައިއެއް ކަރުގައި އަޅައިގެން އުފާވެރި ހިނިތުންވުމަކުން ފެނިގެންދާ ކާނަލް ސޭންޑަރސް އަކީ ކޭ އެފް ސީ އުފެއްދި މީހާއެވެ. ކޭ އެފް ސީ އޭ ބުނުމުން އެއީ މިއަދު އާ ތަނަކަށް އަޅުގަނޑުމެން ދިވެހީންނަކަށްވެސް ނުވާނެއެވެ.

އިންޑިއާނާގެ ހެންރީވިލް އާ 3 މޭލު ދުރުގައިވާ އަވަށަކަށް ހަރލަންޑް ޑޭވިޑް ސޭންޑަރސް ގެ ނަމުގައި ކާނަލް އުފަން ވެފައިވަނީ 9 ސެޕްޓެމްބަރ 1890 ވަނަ އަހަރުއެވެ. މެދު ފަންތީގެ އާއިލާއަކަށް އުފަން ވެފައިވާ ސޭންޑަރސް ގެ ބައްޕަ އަކީ ދަނޑުވެރިއެކެވެ. ސޭންޑަރސް ގެ އުމުރުން 5 އަހަރުގައި ބައްޕަ ނިޔާވިއެވެ. އާއިލާއަށް ކާންދީ ބެލެހެއްޓުމަށް ހެންރީވިލްގެ ޓޮމާޓޯ ފެކްޓަރީ އެއްގައި ސޭންޑަރސް ގެ މަންމަ މަސައްކަތް ކުރަން ފެށިއެވެ. އިތުރު ވަގުތު އަވަށު މީހުންނަށް ހެދުން ފަހައިދިނުމުގެ މަސައްކަތްވެސް ކުރިއެވެ. މަންމަ މަސައްކަތުގައި ގިނަ ވަގުތު އުޅެން ޖެހުމުން ސޭންޑަރސްގެ ހަގަށް ތިބި ދެކުދިންނަށް ކާންދީ ބެލެހެއްޓުމުގެ ޒިންމާ އުފުލީ ސޭންޑަރސްއެވެ. އެހެންކަމުން ވަރަށް ކުޑައިރު ސޭންޑަރސްއަށް ވަނީ ކައްކަން ދަސްވެފައެވެ.


1902 ވަނަ އަހަރު ސޭންޑަރސްގެ އުމުރުން 12 އަހަރުގައި ސޭންޑަރސް ގެ މަންމަ އެހެން ކައިވެންޏެއް ކުރުމަށްފަހު އިންޑިއާނާގެ ގްރީންވުޑްގައި ހުންނަ ފިރިމީހީގެ ގެއަށް 8 ކުދިން ގޮވައިގެން ބަދަލުވެއްޖެއެވެ. އުފާވެރި އާދިރިއުޅުމެއްގެ އުންމީދުގައި އެހެން ގެއަކަށް ބަދަލުވީ ނަމަވެސް ދިރިއުޅެން ޖެހުނީ ވަރަށް ހިތްދަތިކޮށެވެ. ދޮންބައްޕަ ކަންތައް ކުރަމުން އައީ ވަރަސް އިހާނެތިކޮންނެވެ. އެއްއަހަރު އެގޭގައި އުޅުމަށްފަހު ސޭންޑަރސް ގެ ފިރިހެން ކޮއްކޮއާއިއެކު އެގެއިން ނިކުމެގެން ދިޔައެވެ. ސޭންޑަރސްގެ ކޮއްކޮ އަލަބާމާގައި އުޅޭ ބޮޑުދައިތައެއް ކައިރިއަށް ދިއުމުން ސޭންޑަރސް ނިންމީ އަމިއްލައަށް މަސައްކަތް ކޮށްގެން ދިރިއުޅުމެއް ހޯދުމަށެވެ.

ގެއިން ނިކުމެގެން ދިއުމަށްފަހު ސޭންޑަރސް އުޅުނީ އަސްގާޑިއާތަކުގައި ކުލަލާ ދޭށެވެ. އެއަށްފަހު އުމުރުން 14 އަހަރުގައި ގްރީންވުޑްގެ ދަނޑުވެރިއެއްގެ އެހީތެރިއެއްގެ ގޮތުގައި މަސައްކަތް ކުރަން ފުރުސަތު ލިބުނެވެ. ދަނޑުގެ ވަޒީފާއިން ސޭންޑަރސް އަށް 15 ޑޮލަރުގެ މުސާރައެއް މަހަކު ލިބުނެވެ. ނިދާނެ ތަންކޮޅަކާއި ބަނޑުފުރާނެ ކާއެތިކޮޅެއް ލިބެން ފެށިއެވެ.


ސްކޫލްއަކަށް ކިޔަވަން ދަމުން ދަނޑުގައި މަސައްކަތް ކުރުމުން ދިރިއުޅުމަށް ކުރަން ޖެހުން މަސައްކަތް ވަރަށް ބުރައެވެ. ފަތިސް ވުމުގެ ކުރިން ހޭލައިގެން ޖަނަވާރުތަކަށް ކާން އެޅުމަށްފަހު ސްކޫލްގައި އުޅެފައި އެނބުރި ދަނޑަށް އައިސް ކުކުޅަށް ކާންދިނުމާއި ދަނޑުގެ އެހެނިހެން މަސައްކަތްތައް ކުރަމުންދިޔައެވެ.

ގްރޭޑް ހަޔަކާ ހަމައަށް ކިއެވުމަށްފަހު ސްކޫލުން ވަކިވާން ނިންމީ ހުރިހާ ވަގުތެއްގައި ދަނޑުގައި މަސައްކަތް ކޮށްގެން އާމްދަނީ ހޯދާށެވެ. މިގޮތަށް އުމުރުން 15 އަހަރު ވަންދެން ދަނޑުވެރިކަމުގައި އުޅުނެވެ.

ދަނޑުގައި މަސައްކަތް ކުރުން ހުއްޓާލުމަށްފަހު ސޭންޑަރސް އުމުރުން 16 އަހަރުގައި 1906 ވަނަ އަހަރު އެމެރިކާގެ ސިފައިންގެ އާމީގައި އުމުރު އޮޅުވާލައިގެން ބައިވެރިވިއެވެ.

ސިފައިންގެ އާމީ އިން ވަނީ ސޭންޑަރސް ކިއުބާއަށް ފޮނުވާލުމަށްފަހު އަހަރެއް ވަންދެން ކިއުބާގައި ބެހެއްޓުމަށްފަހު އާމީ އިން ވަކި ކޮށްދީފައެވެ. ސޭންޑަރސްއަށް ކާނަލް ގެ ލަގަބް ލިބިފައިވަނީ އާމީގައި މަސައްކަތް ކުރި ކުޑަ ދުވަސް ކޮޅަކު ތެރެއަކު ނޫނެވެ. ދަ ކާނަލް ގެ ލަގަބް ސޭންޑަރސް އަށް ލިބުނީ ކެންޓަކީގެ ދެ ގަވަރނަރސް ކަމުގައިވާ، ގަވަރނަރ ރޫބީ ލަފޫން 1935 ވަނަ އަަހަރު އަދި ގަވަރނަރ ލޯރަންސް ވެދަރބައި 1950 ވަނަ އަހަރު ފުރިހަމަ އިއްޒަތާއެކު އެލަގަބް ސޭންޑަރސްއަށް ދިނުމުންނެވެ.


އަސްކަރިއްޔާއިން ވަކިވުމުމަށްފަހު ސޭންޑަރސް ގެ ބޮޑުބޭބެގެ އެހީއާއި އެކު ރެއިލްވޭ ސްޓޭޝަންގެ ލޭބަރެއްގެ ވަޒީފާ ހޯދިއެވެ. އަދި އެއަށްފަހު ފަޔަރ މޭންއެއްގެ މަގާމަށް އޭނާ ވަނީ ޕްރޮމޯޓްވެފައެވެ. ރެއިލްވޭގައި މަސައްކަތް ކުރިއިރު ޖޯސަފީން ނަމަކަށް ކިޔާ މީހަކާއި ދިމާވެ ސޭންޑަރސް ވަނީ ކައިވެންޏެއް ކޮށްފައެވެ. މި ކައިވެނިން ސޭންޑަރސްއަށް ވަނީ ފިރިހެން ކުއްޖަކާ 2 އަންހެން ކުދިން ލިބިފައެވެ. ރުންކުރު ގޮތެއްހުންނަ މީހަކަށް ވެފައި، އެކުގައި މަސައްކަތް ކުރާ މީހަކާ ޖެހުނު މައްސަލަ އެއްގައި ސޭންޑަރސް ރެއިލްވޭ ފަޔާރމަން މަގާމުން ވަކި ކުރިއެވެ.


ރެއިލްވޭގައި މަސައްކަތް ކުރި ދުވަސްވަރު ސޭންޑަރސްވަނީ ލަސާލް އެކްސްޓެންޝަން އުނިވަރސިޓީއިން ގާނޫނީ ވަކީލް ކަމުގެ ޑިގްރީ ހާސިލް ކޮށްފައެވެ. ވަޒީފާއިން ވަކި ކުރުމުން އާރކެންސަސްގެ ޖަސްޓިސް އޮފް ދަ ޕީސް ކޯޓްގަ ލޯޔަރެއްގެ ވަޒީފާ އަދާކުރަން ފެށިއެވެ. ވަކީލެއްގެ ގޮތުގައި ތިންއަހަރު ވަންދެން އުޅުމަށްފަހު ކްލައެންޓަކަށް އަތްއިސްކުރުމުން ވަނީ ލޯޔަރުގެ މަގާމުން ވަކިކޮށް ކޮށްފައެވެ.

އެއަށްފަހު އަނެއްކާވެސް ސޭންޑަރސް އެނބުރި އޭނަގެ މަންމަ ގާތަށްގޮސް ޕެންސިލްވޭނިއާގެ ރެއިލްރޯޑްގެ ލޭބަރެއްގެ ވަޒީފާ އަދާކުރަން ފެށިއެވެ.

ދުވަސް ކޮޅަކަށްފަހު ސޭންޑަރސް މަންމައާއެކު ޖެފަރސަންވިލަށް ބަދަލުވެ އިންޝުއަރަންސް ސޭލްސްމަންއެއްގެ ވަޒީފާ އަދާކުރަން ފެށިއެވެ. މިފަހަރުވެސް ސޭންޑަރސް އަށް ކަންދިމާވީ ވަރަށް ދެރަކޮށެވެ. ކުންފުނީގެ ބޮޑުންގެ އަމުރުތަކަށް ކިޔަމަންތެރި ނުވާތީ ސޭންޑަރސްގެ ވަޒީފާ އަނެއްކާ ގެއްލުނެވެ. އަނެއްކާވެސް އެހެން ކުންފުންޏަކުން ވަޒީފާއެއް ހޯދުމަށްފަހު އޮހާޔޯ ކޯރުގައި ދުއްވާނެ ފެރީއެއްގެ ހިދުމަތް ފެށޭވަރަށް ފައިސާ ރައްކާކޮށް، ފެރީގެ ހިދުމަތްދޭ ކުންފުންޏެއް އަމިއްލައަށް ހުޅުވިއެވެ. ކުންފުނީގެ ޝެއަރ ވިއްކުމަށްފަހު ކުންފުނީގެ ސެކްރެޓަރީއެއްގެ މަގާމުގައި ހުއްޓެވެ. މީގެ އިތުރުން ކޮލަމްބަސް ޗެމްބަރ އޮފް ކޮމާސްގެ ސެކްރެޓަރީގެ މަގާމުވެސް ސޭންޑަރސް ވަނީ އަދާކޮށްފައެވެ. ނަމަވެސް އަހަރެއްހާ ދުވަހު އެމަގާމުގައި ހުރުމަށްފަހު ވަޒީފާ ދޫކޮށްލިތާ މާގިނަ ދުވަހެއް ނުވެ އޮހާއޯ ކޯރުގަ ބްރިޖެއް އެޅުމުން ފެރީ ހިދުމަތުގެ ޑިމާންޑް ގެއްލި ވިޔަފާރި ދަށްވިއެވެ. ސޭންޑަރސް ފެރީ ކުންފުނި 22،000 ޑޮލަރަށް ( މިހާރުގެ ފައިސާ އިންނަމަ 324،000 ) ވިއްކާލިއެވެ. އަދި އެއަށްފަހު އެފައިސާއިން ދަނޑުވެރިންނަށް އެސެޓިލީން ބައްތި ވިއްކުމުގެ އުންމީދުގައި އެސެޓިލީން ބައްތި އުފައްދަން ނިންމިއެވެ. ނަމަވެސް މިފަހަރު ވެސް ނަސީބު ދިމާވީ މާރަނގަޅަކަށް ނޫނެވެ. ކަރަންޓާއި، ބޮކި ބޭނުންކުރުން ގިނަވަމުން ދިއުމުން ސޭންޑަރސް ގެ ބައްތިތައް ވިއްކޭ ގޮތްނުވެ އެއްވެސް ފައިސާއެއް ލިބޭނެ ގޮތެއްނުވިއެވެ.

           

ބައްތީގެ ވިޔަފާރި ނުހިނގުމުން އަނެއްކާވެސް ސޭންޑަރސް ވަޒީފާއެއް ހޯދިއެވެ. މިފަހަރު ކެންޓަކީގެ ވިންޗެސްޓަރގެ މިޝެލިންގ ޓަޔަރ ކުންފުނީގެ ސޭލްސްމަން އަކަށެވެ. ނަމަވެސް މިޝެލިންގ ކުންފުނީގެ ނިއު ޖަރސީގެ ކާރުހާނާ ބަންދުކުރުމުން އަނެއްކާވެސް ސޭންޑަރސްގެ ވަޒީފާ ގެއްލުނެވެ.

މިހުރިހާ ނާކާމިޔާބީއަކާއި، ދަތި ދުވަސްތަކާއި ސޭންޑަރސް ކުރިމަތިލަމުން ދިޔައިރު ވަޒީފާއެއްގައި ހަރުނުލުންފަދަ ސަބަބުތައް ތަކުރާރުވަމުން ދާތީ، ސޭންޑަރސް ރަށުން ބޭރުގައިވީ ވަގުތު ބަލާފަ ސޭންޑަރސްގެ އަނބިމީހާގެ ހުރިހާ އެއްޗެއްވިއްކާލުމަށްފަހު ދަރިން ގޮވައިގެން ސޭންޑަރސް ދޫކޮށް ދިޔައެވެ. ސޭންޑަރސް އަނބިމީހާއަށް އެތައްގޮތަކުން ވިސްނައިދިނުމުން، އަންހެނުން އެނބުރި އައިކަމުގައިވިޔަސް 1947 ވަނަ އަހަރު ސޭންޑަރސް އާއި އޭނާގެ އަންހެނުންވަނީ ވަކިވެފައެވެ.

ސޭންޑަރސް ގެ އުމުރުން ދުވަސް ވަމުން ދިޔަވަރަކަށް ސޭންޑަރސް ދިރިއުޅުމުގައި ހޯދަން ބޭނުންވި ކާމިޔާބީއަށް ވާސިލްވާން ކުރަން ޖެހުނު ހުރިހާ ކަމެއް ކުރުމަށް ސޭންޑަރސް މެދުކެނޑުމެއްނެތި މަސައްކަތް ކުރިއެވެ.

ޓަޔަރު ކުންފުނީގައި މަސައްކަތް ކުރިއިރު ސޭންޑަރސް އަށް ވަނީ ކެންޓަކީގެ ސްޓޭންޑަރޑް އޮއިލް ކުންފުނީގެ ޖެނެރަލް މެނޭޖަރާއި ބައްދަލުވެފައެވެ. އެމީހާ ހޯދައިދިން ފުރުސަތެއްގައި ސޭންޑަރސް ވަނީ އަނެއްކާވެސް ނިކޮލަސްވިލްގެ ސަރވިސް ސްޓޭޝަންގައި މަސައްކަތް ކުރަން ފަށާފައެވެ. އެކަމަކު ގްރޭޓް ޑިޕްރެޝަންގެ ދުވަސްވަރު އައުމުން އެ ކުންފުނިވެސް ބަންދުކުރިއެވެ. ދެން ސޭންޑަރސް އަށް ލިބުނީ އެއްވެސް ކުއްޔަކާނުލާ، ލިބޭ ފައިދާގެ ޕަރސަންޓެއް ކުންފުންޔައް ދޭގޮތަށް ޝެލްއޮއިލް ކުންފުނީގެ ގޮތްޕެއް ހިންގުމުގެ ފުރުސަތެވެ.

މި ސްޓޭޝަން ހިންގަމުން ސޭންޑަރސް ވަނީ ތަފާތު އެކި ކާބޯތަކެތި ތައްޔާރުކޮށް އެތަނަށް ޒިޔާރަތްކުރާ ދަތުރުވެރިންނަށް ވިއްކަން ފަށާފައެވެ. ޕޭންފްރައިޑް ޗިކަން، ހޮޓް ބިސްކަޓް، ހެމް، އޮކްރާ، ސްޓްރިންގ ބީންސް ފަދަ ކާއެއްޗެއްހި ވިއްކަން ފެށުމުން މި ކާއެއްޗެހީގެ މީރު ކަމުގެ ވާހަކަ ރަށުތެރޭ ވަރަށް ބާރަށް ފެތުރިގެން ދިޔައެވެ. ސޭންޑަރސް ވިއްކާ ކާއެއްޗެހީގެ ޑިމާންޑު ބޮޑުވުމުން ސްޓޭޝަން ދޫކޮށްލުމަށްފަހު އަމިއްލަ ރެސްޓޯރެންޓެއް ހުޅުވިއެވެ. މިރެސްޓޯރެންޓް ގެ މަޤްބޫލްކަން އިތުރުވެ، މަޝްހޫރު ފުޑް ކްރިޓިކް ޑަންކަން ހައިންސްވެސް އެތަނަށް ޒިޔާރަތްކޮށް، އޭނަގެ ރެސްޓޯރެންޓް ގައިޑްގައި ސޭންޑަރސްގެ ރަހަމީރު ރެސްޓޯރެންޓް ވަނީ ހިމަނާފައެވެ. މިފަހަރުވެސް ކަންވީގޮތުން ސޭންޑަރސްގެ ބަދުނަސީބު އަތުގައި ހިފިއެވެ. 1939 ވަނައަހަރު ސޭންޑަރސްގެ ރެސްޓޯރެންޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ރެސްޓޯރެންޓް އެނދިއެވެ.

އަނެއްކާވެސް އާ ހިތްވަރަކާއި ގިނަ މަސަތްކަތްތަކަކަށްފަހު ރެސްޓޯރަންޓް އަލުން ހުޅުވިއެވެ. އޭރު ސޭންޑަރސް ދިޔައީ މިއަދާ ހަމައަށްވެސް ރަހައަށް ބަދަލެއް ނާންނަ ކޭއެފްސީ ޗިކަންގެ ރެސިޕީ ތައްޔާރުކުރަމުންނެވެ. ނަމަވެސް އޭރު ދިމާވި މައްސަލައަކީ ކުކުޅު ތައްޔާރު ކުރަން 30 މިނެޓްގެ ވަގުތު ނަގާތީ ، ކަސްޓަމަރުން ގިނައިރުތަކެއް މަޑުކޮށްގެން ތިބެން ޖެހުމެވެ. މިއީ ސޭންޑަރސް މިކަންކުރަން ބޭނުންވާ ގޮތްނޫން ކަމުން އެހެން ގޮތެއް ފެނޭތޯ ވަރަށް ގިނަ އީޖާދުތައް ކުރަން ފެށިއެވެ.

 

1939ވަނަ އަހަރު ކާމިޔާބުކަމާއެކު ސޭންޑަރސް ބޭނުން ވިގޮތަށް، ޕްރެޝަރ ކުކަރ ބޭނުން ކޮށްގެން، 8 މިނެޓް ތެރޭގައި ކުކުޅު ތައްޔާރު ކޮށްލެވޭނެ ގޮތެއް ހޯދުނެވެ. ސޭންޑަރސް ގެ މި އުފެއްދުމާއެކު އަނެއްކާވެސް ކާމިޔާބުކަމާ އެކު އަހަރުތަކެއް ވަންދެން ރެސްޓޯރެންޓް ހިންގަމުން ގޮސް ނާކާމިޔާބީ އައިސް ސޭންޑަރސްގެ ދޮރުގައި ޓަކި ދިނެވެ. އަލަށް ހެދި ހައިވޭ އަދި ހައިވޭ ޖަންކްޝަންއަށް ގެނެވުނު ބަދަލު ތަކާއިއެކު ރެސްޓޯރެންޓަށް އަންނަމީހުން މަދުވެ ވިޔަފާރި ދައްވަމުންގޮސް ރެސްޓޯރެންޓްގެ ހުރިހާ މުދަލާއި ތަން ވިއްކާލަން މަޖުބޫރުވިއެވެ.

އާމްދަނީ ހޯދާނެ އިތުރު މަގެއް ނެތުމުން ބާކީ އޮތް ދުވަސްތައް ސޭންޑަރސް ހޭދަކުރީ އަތުގައި ރައްކާކޮށްފައިވާ ފައިސާ އަދި ސޯޝަލް ސެކިއުރިޓީގެ ގޮތުގައި ލިބޭ 105 ޑޮލަރުގެ އެހީގައެވެ.

ދެން ކަންކުރަންވީ ގޮތަކާ މެދު ވިސްނަމުން ދަނިކޮށް ސޭންޑަރސް ގެ ހިޔާލަށް އައީ އޭނާ ތައްޔާރު ކުރަމުން ދިޔަ ކުކުޅުގެ ރެސިޕީ، ރެސްޓޯރެންޓެއް ހިންގަމުން އަންނަ ސޭންޑަރސްގެ އެކުވެރިއެއްކަމަށްވާ ޕީޓް ހަރމަންއަށް ދަސްކޮށް ދިނުމަށްފަހު އެ ރެސްޓޯރެންޓުގައި ފްރައިޑް ޗިކަން ވިއްކުމެވެ.

ކާނަލްސް ޗިކަންގެ ނަމުގައި މި ކުކުޅު ވިއްކަން ފެށުމުން އެތަނުގެ ވިޔަފާރި އިތުރުވެ އެހެން ރެސްޓޯރެންޓު ތަކުގައިވެސް ކާނަލްސް ޗިކަން ވިއްކަންބޭނުންވެ ކާނަލް ސޭންޑަރސް އާ ބައްދަލުކޮށް މަޝްވަރާ ފެށިއެވެ. 1956ވަނަ އަހަރު ޖުމްލަ 8 ރެސްޓޯރެންޓެއްގައި ކާނަލްސް ޗިކަން ވިއްކަން ފެށިއެވެ.

1956 ވަނަ އަހަރު އާ ހިތްވަރަކާ އެކު ކާނަލް ސޭންޑަރސް އޭނަގެ ކާރަށް ޕްރެޝަރ ކުކަރ، އަދި ކުކުޅު ތައްޔާރު ކުރަން ބޭނުންވާ އެހެން ސާމާނު އަރުވައިގެން އެކި އެކި ރެސްޓޯރެންޓުތަކަށް ކާނަލްސް ޗިކަންގެ ރަހަ ދެއްކުމުގެ ގޮތުން ޒިޔާރަތްކޮށް ރެސްޓޯރެންޓު ތަކުގެ މުވައްޒަފުންނާ ވެރިންނަށް ކުކުޅު ތައްޔާރު ކޮށްދިނުމަށްފަހު ކަމުގޮއްސިނަމަ، ރެސްޓޯރެންޓުގެ ކަސްޓަމަރުންނަށް ކުކުޅު ތައްޔާރު ކޮށްދޭން ފުރުސަތެއް ދިނުމަށް އެދެއެވެ. ކަސްޓަމަރުންނަށް ކުކުޅު ކަމުގޮއްސިނަމަ ރެސްޓޯރެންޓުގެ ވެރިންނާއެކު ފްރެންޗައިސް އުސޫލުން ކުކުޅު ވިއްކުމުގެ މަޝްވަރާ ކުރެއެވެ. މިގޮތަށް އެތައް ރެސްޓޯރެންޓަކަށް ޒިޔާރަތްކޮށް ސޭންޑަރސް ފްރެންޗައިސް ވިއްކުމުގެ މަސައްކަތް ފެށިއެވެ. 1964 ވަނަ އަހަރަށް އެޅިއިރު މިލިއަން ޑޮލަރުގެ އަގުހުރި ކުންފުންޔެއް ކާނަލް ސޭންޑަރސް ގެ މިލްކިއްޔާތުގައި ހުއްޓެވެ . އެމެރިކާ އަދި ކެނެޑާގެ 600އަށް ވުރެން ގިނަ ރެސްޓޯރެންޓުގައި ކާނަލްސް ޗިކަން ވިއްކަން ފެށުނެވެ.

ސޭންޑަރސްގެ މަސައްކަތުގެ އެންމެ އަޖައިބު ކުރަނިވި ކަމަކީ އިތުރު މީހެއްގެ އެހީ އަކާ ނުލާ އަމިއްލަ މަސައްކަތުން މިހާގިނަ ރެސްޓޯރެންޓަށް މިގޮތުށް ފްރެންޗައިސް ވިއްކުމެވެ. އަދި މި ވިޔަފާރީގެ ޑިމާންޑު ބޮޑުވެ ރެސްޓޯރންޓުތަކުން ކާނަލް ސޭންޑަރސްގެ ކައިރިއަށް ފްރެންޗައިސް ގަތުމަށް އަންނަން ފެށިއެވެ. އެދުވަހާއި ހަމައަށްވެސް ކެންޓަކީ ފްރައިޑް ޗިކަން ނުވަތަ ކޭއެފްސީ ވުޖޫދަށް އައިސްފައެވެ ނުވެއެވެ. ހަމައެކަނި އުފެދިގެން ދިޔައީ ކާނަލްސް ޗިކަން ވިއްކަމުން ދިޔަ ތަފާތު އެކި އެކި ރެސްޓޯރެންޓް ތަކެކެވެ.

ސޭންޑަރސް ގެ އުމުރުން 74 އަހަރުގައި، ކެންޓަކީ ގެ ޒުވާން ލޯޔަރެއްކަމުގައިވާ ޖޯން ވައި ބްރައުން އަދި ޕެޓްރަން ޖެކް މަސޭ ކިއާ މިލިއަނަރެއް ސޭންޑަރސްގެ ކުންފުނި ގަންނަން ބޭނުންވެގެން ހުށައެޅިއެވެ. ނަމަވެސް އެ ކުންފުންޔަކީ ސޭންޑަރސް ވަރަަށް ދުވަހުން އަދި އެހާމެ ބުރަ މަސައްކަތުން އުފައްދާފައިވާ ކުންފުންޔެއްކަމުން ވިއްކާލަން ސޭންޑަރސް ދެކޮޅު ހެދިއެވެ. ހަފްތާތަކެއް ވަންދެން މެސޭ އަދި ބްރައުން ވަނީ ކުންފުނި ވިއްކާތޯ ސޭންޑަރސް އާ މަޝްވަރާ ކޮށްފައެވެ. ސޭންޑަރސްގެ ފްރައިޑް ޗިކަން ރެސިޕީ އެންމެ މަތީ ކޮލިޓީ ގައި ހިފަހެއްޓުމަށާއި، ރެސިޕީ ދުވަހަކުވެސް ބަދަލު ނުކުރާނެކަމަށް ވައުދުވެ ކުންފުނި ގަތުމަށް ވަރަށް ގިނަ މަޝްވަރާ ކުރިއެވެ.

އާޢިލާއާ އެކުވެރިންގެ ހިޔާލާ ވެސް އެކީގައި ސޭންޑަރސް ނިންމީ ކުންފުނި ވިއްކާލާށެވެ. ސަބަބަކީ ކާނަލް ސޭންޑަރސް އެކަނި ހިންގޭ ވަރަށް ވުރެއް ކުންފުނީގެ ވިޔަފާރި ވަނީ ފުޅާވެފައެވެ. 1964 ވަނަ އަހަރު 2 މިލިއަން ޑޮލަރަށް ( މިހާރުގެ ފައިސާގެ އަދަދުން ނަމަ 15.3 މިލިއަން )އަށް ސޭންޑަރސް ކުންފުނި ވިއްކާލިއެވެ. ކުންފުނި ވިއްކާލި ކަމުގައިވިޔަސް ކާނަލް ސޭންޑަރސްގެ ދައުރު އެހާ ހިސާބުން ނިމުނީކީ ނޫނެވެ. ކޭއެފްސީގެ އާ އޯނަރުން ޤަބޫލްކުރިގޮތުގައި ކުންފުނީގެ އެންމެ ބޮޑު އެސެޓަކީ ކާނަލްގެ މޫނެވެ. އެހެންކަމުން ކުންފުނީގެ ބްރޭންޑް އެމްބަސެޑަރ އަށް ކާނަލް ސޭންޑަރސް ހެދުމަށްފަހު ކުންފުނީގެ ސްޕޯކްސް ޕަރސަންގެ ގޮތުގައި ޓީވީ ޕްރޮގްރާމް ތަކާ، ޝޯތަކާ ކޭއެފްސީގެ އައުޓްލެޓްތަކަށް ކާނަލް ސޭންޑަރސް ވަނީ ޒިޔާރަތް ކޮށްފައެވެ.

ކޭއެފްސީގެ ސޯޕްރކްސް ޕަރސަން އަދި އެމްބަސެޑަރ ކަމުން ސޭންޑަރސް އަށް މުޅި އުމުރު ދުވަހު 40000 ޑޮލަރުގެ މުސާރައެއް ލިބޭގޮތަށް ކަނޑައެޅުނެވެ.

ކޭއެފްސީ 7 އަހަރު ހިންގުމަށްފަހު 1971 އެއްވަނަ އަހަރު ބްރައުން ވަނީ ހިއުބްލިން އިންކްއަށް ކުންފުނި ވިއްކާލާފައެވެ. ހިއުބްލިން އިންކުން ވަނީ ކުންފުނި ހިންގަމުން ދިޔަ ގޮތްތަކަށް ބަދަލު ގެނެސްފައެވެ . މިކަމާ އުފެދުނު ދެބަސް ވުމުގެ ސަބަބުން ކާނަލް ސޭންޑަރސް ވަނީ ކޯޓުގައިވެސް މިމައްސަލަ ކުރިއަށް ގެންގޮސްފައެވެ. އޭރުވެސް ކާނަލް ހުރީ ކޭއެފްސީގެ ބްރޭންޑް އެމްބަސެޑަރ ގެ ގޮތުގައެވެ. ސޭންޑަރސް ހަޔާތުގެ އެންމެފަހު ދުވަހާ ޖެހެންދެންވެސް މީހުންނަށް ސޭންޑަރސް ފެނިފައިވާނި މިއަދު ވެސް ކޭއެފްސީ ލޯގޯ އިން ފެންނަ ހުދު ކޯޓުލައިގެން ކަރުގައި އަޅާފައިވާ ޓައީއާ އެކުގައެވެ.


16 ޑިސެމްބަރ 1980 ވަނަ ދުވަހު އުމުރުން 90 އަަހަރުގައި ބޮޑުބައްޔެއްގައި އުޅުމަށްފަހު ކާނަލް ސޭންޑަރސް ވަނީ މިދުނިޔެއާ އަލްވަދާއު ކިއާފައެވެ. ނަމަވެސް މިއަދުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެކި އެކި އަވަށުގައި ކާނަލް ސޭންޑަރސް ގެ އުފެއްދުން މިލިއަނުން މީހުން ގަންނަމުން ދެއެވެ. ކާނަލް ސޭންޑަރސް ގެ ދިރިއުޅުމުން އަޅުގަނޑުމެނަށް ކެތްތެރިކަމާ އެކު މަސައްކަތް ކުރަމުން ގޮސްފިނަމަ ކާމިޔާބީއަށް ވާސިލްވާނެކަން މިވަނީ އަންގައިދީފައެވެ. ދިރިއުޅުމުގައި ކިތަންމެ ފަހަރަކު ފެއިލްވިނަމަވެސް އާހިތްވަރަކާއެކު މަސައްކަތް ކުރުމަކީ މުހިންމު ކަމެކެވެ. ކިތަންމެ ކުޑަ މަސައްކަތެއް ފެށިކަމުގައިވިޔަސް ހިތްވަރާ ހީވާގި ކަމާއެކު މަސައްކަތް ކޮށްފިނަމަ ކުރިއަރައިގެން ދާނެކަން މިވަނީ ދައްކުވައިދީފައެވެ. 

ކިޔުންތެރިންގެ ހިޔާލު