ގަސްއިންދަން ބޭނުންވާ ތަނުގައި ބިހެއް ވަޅުލީމާ ވާނީ ކިހިނެތް؟

ޙަދީޖާ އަލީ

ގޭތެރޭގައި ކިތަންމެ ޖާގަކުޑަނަމަވެސް، އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުންނަކީ ގަސް އިންދުމަށް ޝަޢުޤުވެރިވާ މީހުންނެވެ. އަދި ގޭތޭރޭގައި ވަރަށް ރީތިކޮށް ގަސްހައްދާފައި ހުންނަތަން ފެނުމަކީ އާންމުކަމެކެވެ. ހުސްއެކަނި މާގަހެއް ނޫނެވެ. މޭވާއާއި ތަރުކާރީވެސް އިންދާފައި ހުއްޓާ ފެނެއެވެ. ޖާގަ ބޮޑުކޮށް ލިބިފައިވާމީހުން އާމްދަނީ ހޯދުމަށްވެސް މިކަންކުރެއެވެ. ނަމަވެސް ގަސްއިންދާ ހެއްދުމުގައި ދިމާވާ ދަތިތަކުގެ ވާހަކަތައް މިއީ ދައްކާހުސްނުވާ ވާހަކައެކެވެ. ރީތި ސިއްހަތު ރަގަޅު ގަހެއް ހެއްދުމަށް އެކިމީހުން ބޭނުންކުރަނީ އެކި އުކުޅެވެ.

މިފަހަރު މިއޮތީ މިހާރު އެންމެ ގިނަބަޔަކު އަޖުމަބަލަމުންދާ އުކުޅުގެ ވާހަކައެވެ. ގަސްއިންދާ ހައްދަން ބޭނުންވާ ތަނުގައި ނުވަތަ ގަސްމުށިގަނޑުގައި އެންމެ ފުރަތަމަ ވަޅުލަންވީ ކުކުޅު ބިހެކެވެ. އެވެސް ރޮލާއެވެ. ހައިރާންވެއްޖެ ދޯއެވެ؟ މިއީ މިހާރު އެންމެ ވައިގައި ހިފާފައިވާ އަދި މީގެ ނަތީޖާއިން އެންމެ ގިނަބަޔަކު އަންތަރީސްކުރުވަމުންދާ ގަސްކާނާއެވެ. ދެން ބިސް ވަޅުލަންވީ ގޮތަށް ބަލައިލަމާހިނގާށެވެ.

ގަސް އިންދުމަށް ތައްޔާރުކުރާ ގަސްމުށި ނުވަތަ ބިމުގައި ގަސްއިންދަން ބޭނުންވާތަނުގެ އަޑީގައި ބިހެއް ވަޅުލާށެވެ. 3 ހަފްތާތެރޭގައި، ބިސް ހަލާކުވެ، ވެއްޔާއި އެކުވެގެން ގަސްކާނާއަށް ވާނެއެވެ. އޭގެ ފަހުގައި ބޭނުން ގަހެއް އިންދާށެވެ. ބިހުން ލިބޭފައިދާއަކީ މާގަސް އަދި މޭވާ ނުވަތަ ތަރުކާރީއަށްވެސް ނުހަނު ބޭނުންތެރި އެއްޗެކެވެ. މިގޮތަށް ބިސް ބޭނުންކުރުމަށް ފަހު، ކެމިކަލް އެކުލެވޭ އަދި އަގުބޮޑުގަސްކާނާ ބޭނުންކުރާހިތެއް ނުވާނެއެވެ. ރޯބިހުގެ އިތުރުން ބިހުތޮއްޓަކީވެސް އެހާމެ ރަގަޅު ގަސްކާނާއެކެވެ.

ގަހެއްހެދި ބޮޑުވުމަށް ބޭނުންވަނީ މައިގަނޑު 6 މައްދާއެކެވެ. ކަރބަން (ވައިން ލިބިދޭ)، ހައިޑްރޮޖަން (ފެނުންލިބިދޭ)، އޮކްސިޖަން (ފެނުން އަދި ވައިން ލިބިދޭ)، ނައިޓްރޮޖަން، ފޮސްފޮރަސް އަދި ޕޮޓޭސިއަމްއެވެ. މީގެ އިތުރުން ކެލްސިއަމް، މެގްނީޒިއަމް އަދި ސަލްފަރއަކީ ސިއްހަތުރަގަޅު ގަހަކަށް މުހިއްމު ބައިތަކެވެ.

ބިހުތޮށީގައި ނައިޓްރޮޖަން، ކެލްސިއަމް އަދި ފޮސްފޮރަސް ހިމެނެއެވެ. ނައިޓްރޮޖަންއަކީ ގަހުގެ ޓީޝޫތަކަށް ބޭނުންވާ ޕްރޮޓީންގެ އުފެއްދުމަށް އެހީތެރިވާ މާއްދާއެވެ. ނައިޓްރޮޖަން މާ ގިނަވެއްޖެނަމަ ގަސްކިތަންމެ ރީތިކޮށް ހެދިފައި ހުއްޓަސް މަލާއި މޭވާއެއް ނާޅާނެއެވެ. ފޮސްފޮރަސްއަކީ މޫތައް ވަރުގަދަކޮށް މާ އަޅުވަން އެހީތެރިވެދޭ މާއްދާއެވެ. ގަހުގެ އެއްބައިން އަނެއްބަޔަށް ހަކަތަ ފޮނުވަނީވެސް މި މާއްދާއިންނެވެ. ކެލްސިއަމް އަކީ ގަސްއިންދާފައިވާ ވެލިގަނޑުގައި ހުންނަ ކެމިކަލް "ބެލެންސް" ކުރުމުގައި އެހީތެރިވާ މާއްދާއެވެ. ކެލްސިއަމްގެ ސަބަބުން ވެލީގައި ހިމެނޭ ލޮނުގެ މިންވަރު ދަށްކޮށް، ފަސޭހައިން ގަހަށް ފެންލިބޭނެ މަގުފަހިކޮށްދީ، ކާބޯހައިޑްރޭޓް ނައްތާލައެވެ.

މީގެފަހުން ބިސް ބޭނުންކުރުމަށްފަހު ތޮށިގަނޑު އެއްލާލުމުގެ ބަދަލުގައި ގަސްކާނާގެ ގޮތުގައި ބޭނުންކުރަން ބަހައްޓާށެވެ. ބިހުގެ ތޮށި ބޭނުންކުރެވޭނެ އެއްގޮތަކީ، ތޮށިތައް ރީތިކޮށް ދޮވެލާފައި ހިއްކުމަށްފަހު މުގުރައިގެން ގަހުގެ ބުޑަށް އެޅުމެވެ. ގަހެއްގެ ބުޑަށް 5 ބިހުގެ ތޮއްޓަށްވުރެ ގިނައިން ނާޅާށެވެ.


ބިހުތޮށިބޭނުން ކުރެވޭނެ އަނެއްގޮތަކީ، ބިހު ތޮށިތައް ފެނުކައްކައިގެންނެވެ. 10 ބިހުގެ ތޮށި (ރީތިކޮށް ދޮވެލުމަށްފަހު) 3 ލިޓަރު ފެނުގެ ތެރެއަށް އަޅައިގެން ކައްކާށެވެ. ތަންކޮޅެއް އޮލަ ކުރަން ބޭނުންނަމަ 20 ބިހުގެ ތޮށި އަޅާށެވެ. ކައްކާނިމުމުން، އެއްރޭ ވަންދެން ހަމަ އެ ފެންގަނޑުގައި ބަހައްޓާށެވެ. އަނެއްދުވަހު ފެންގަނޑު ފުރާނާލުމަށްފަހު ގަސްތަކަށް އަޅާށެވެ. ނުވަތަ ސްޕްރޭ ކުރާށެވެ. މި ފެނުގައި ކެލްސިއަމް އަދި ޕޮޓޭސިއަމް ގިނަ އަދަދަކަށް ހިމެނޭނެއެވެ. މިގޮތަށް ތައްޔާރުކުރެވިފައިވާ ފެން، ހަފްތާއަކު އެއް ފަހަރު ބޭނުން ކުރެވޭ ނަމަވެސް ގަސްތައް ހުންނާނީ ވަރަށް ރީތިކޮށެވެ.

މިހެން ރޯބިސްވަޅުލާ އިރު ހަނދާންބަހައްޓަން ޖެހޭ އެއްކަމަކީ، ބިސް ހަލާކުވަމުންދާއިރު ނުބައިވަހެއް ހުރެދާނެކަމެވެ.

ކިޔުންތެރިންގެ ހިޔާލު
މު ހައްމަދު
ތިވެސް ގޮތެއް