ޤުދުރަތީ، ރީތި، ދިގު އެސްފިޔަތަކެއްގެ ސިއްރު

ޙަދީޖާ އަލީ

ރީތި ދިގު އެސްފިޔަތަކެއް ހުންނާނެނަމައޭ ހިތަށްއަރާ ހެއްޔެވެ؟ ނޫނީ މަސްނޫޢީ އެސްފިޔަ ބޭނުންކުރަން ހެއްޔެވެ؟ އެހެންވިޔާ މި ލިޔުން ނިމެންދެން ކިޔާލާށެވެ. އެސްފިޔައަކީ ކޮންމެ 4-8 ހަފްތާއަކުން ވެއްޓިފައި އަލުންފަޅާ އެއްޗެކެވެ. އެސްފިޔަ ބުރިވެ، ހަލާކުވެ ނުވަތަ އަވަހަށް ވެއްޓެނީ އަޅުގަނޑުމެންގެ ބައެއް ޢަމަލުތައް ބެހެއްޓޭގޮތުންނެވެ. އެސްފިޔަ ބުރިވުމަށް މަގުފަހިވާ އެންމެ ބޮޑު އެއް ސަބަބަކީ މަސްކާރާ ބޭނުންކުރުމެވެ. ދިގު މުއްދަތަށް ބޭނުންކުރަންޖެހޭ "އައި ޑްރޮޕް" އެއްގެ ސަބަބުންވެސް އެސްފިޔަ ހަލާކުވެދާނެއެވެ. މި ދެ ބަވާތުގެ ސަބަބުން އެސްފިޔައިގެ ތެތްކަން ކަނޑުވާލުމުން، ހިކި އެސްފިޔަ ފަސޭހައިން ބުރިވަނީއެވެ. މާގިނައިން ލޯ އުނގުޅުމުގެ އާދަ ގެންގުޅޭނަމަވެސް އެސްފިޔަ ފަސޭހައިން ނެއްޓޭނެއެވެ. މިގޮތަށް ހަމަ ވެއްޓޭއިރަށް އާ އެސްފިޔައެއް ނުފަޅާނެއެވެ. އެސްފިޔަ ތުނިކޮށް ހުންނަނީ މިހެންވެއެވެ. ދެން މިކަމުގެ ޙައްލު ހޯދާނެގޮތްތަކަށް ބަލައިލާނަމެވެ. ޒީނަތްތެރިވުމުގެ ކަންކަމުގައި ޑޮކްޓަރެއްގެ ބޭސް ބޭނުންކުރުމުގެ ކުރިން ގޭތެރެއިން ޙައްލު ލިބޭތޯ އަބަދުވެސް ބަލަންވާނެއެވެ.

1. ޒައިތޫނިތެޔޮ


ޒައިތޫނިތެލުގައި ހިމެނޭ ގިނަ މައްދާތަކަކީ އެސްފިޔަ ދިގުކޮށް އަދި ވަރުގަދަކުރުމުގައި މުހިއްމު ދައުރެއް އަދާކުރެވިދާނޭ މާއްދާތަކެކެވެ. ޒައިތޫނިތެލުގައި ހިމެނިފައިވާ "ފެޓީ އެސިޑް" ގެ ސަބަބުން އެސްފިޔައިގެ ތެތްކަން އިތުރުކޮށް މަޑުކޮށްދޭނެއެވެ. އެންމެ ފަސޭހައިން މި ތެޔޮ ބޭނުން ކުރެވޭނެގޮތަކީ، ރީތިކޮށް ސާފުކޮށްފައިވާ، މަސްކާރާ ބުރުހަކުންނެވެ. ތެޔޮފޮދުގެ ތެރެއަށް ބުރުސް ލުމަށްފަހު މަސްކާރާ އަޅާހެން ތެޔޮ އުނގުޅާލާށެވެ. 5-10 މިނިޓް ބެހެއްޓުމަށްފަހު ތާފަނާ ފެންފޮދަކުން ދޮވެލާށެވެ.

2. އާމަނަކަތެޔޮ


އާމަނަކަ ތެލުގެ 90 އިންސައްތައަކީ، "ރިސިނޮލެކް އެސިޑް"އެވެ . މިއީ ބޮލުން އިސްތަށިފޭބުން ހުއްޓުވުމަށްވެސް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ތެލެކެވެ. އެހެންކަމުން ވަރުގަދަ އަދި ބޯ އެސްފިޔަތަކެއް ހޯދުމަށް މިތެލުން އެހީތެރިކަން ލިބޭނެއެވެ. މިތެޔޮ އުނގުޅުމުގެ ކުރިން ރީތިކޮށް ލޮލާއި އެސްފިޔަތައް ދޮވެލާފައި މަޑުމަޑުން ހިއްކާލާށެވެ. ތެޔޮފޮދުގެ ތެރެއަށް ކަފަކޮޅެއްލުމަށްފަހު، ކަފަކޮޅުން ރީތިކޮށް، އެސްފިޔަތަކުގައި އުނގުޅާލާށެވެ. ލޮލުގެ އެތެރެއަށް ދިޔަނުދީ ވޭތޯ ބަލަންވާނެއެވެ. ރޭގަނޑު އެއްކޮށް ބެހެއްޓުމަށްފަހު، ހެނދުނު ދޮވެލާށެވެ. އާމަނަކަ ތެލަކީ ވަރަށް ތަތްކޮށް ހުންނަތެލެއްކަމުން، މި ތެޔޮ މާގިނައިން އުނގުޅައިފިނަމަ އެސްފިޔަ ތަތްވެ ހިކޭގޮތްވޭދާނެއެވެ. މިތެޔޮ ބޭނުންކުރާ އިރު މިކަމަށް ސަމާލުވާން ވާނެއެވެ.

3. ކާށިތެޔޮ


އިސްތަށީގެ އެކިއެކި ކަންކަމަށް ފަރުވާއަކަށް ކާށިތެޔޮ ބޭނުންކޮށްގެން ރަގަޅު ނަތީޖާ ލިބެނީ، ކާށިތެލަކީ ވަރަށް ފަސޭހައިން، އިސްތަށިގަނޑުގެ ތެރެއަށް ވަދެގެންދާ ތެލަކަށްވާތީއެވެ. އެހެންކަމުން އިސްތަށީގައި ހިމެނޭ ޕްރޮޓިން މަދުވުމުގެ މައްސަލައަށް ފަސޭހަ ޙައްލަކަށް ކާށިތެޔޮވެއެވެ. ކުޑަކުދިންގެ ސައިބޯނި ނުވަތަ އާދައިގެ ސައިބޯންޏަކުން މޫނުދޮވެލުމަށްފަހު މަޑުމަޑުން ހިއްކާލާށެވެ. ކާށިތެލުގައި ކަފަކޮޅެއް ތެންމާލުމަށްފަހު އެސްފިޔަތަކުގެ ބުޑުގައި އުނގުޅާށެވެ. ރޭގަނޑު ބެހެއްޓުމަށްފަހު ހެދުނު ދޮވެލާށެވެ. ކާށިތެޔޮ އުނގުޅާއިރުވެސް ލޮލުގެ ތެރެއަށްދޭތޯ ބަލަންވާނެއެވެ.

4. ގްރީން ޓީ


ގްރީން ޓީގައި ހިމެނޭ "ޕޮލިފެނަލް"ގެ ސަބަބުން އިސްތަށިދިގުކުރުމަށް އެހީތެރިކަންލިބެއެވެ. އެހެންކަމުން މިއީ ޤުދުރަތީގޮތުން އެސްފިޔަ ދިގު ކުރުމުގައިވެސް މުހިއްމު ދައުރެއް އަދާކުރާނޭ އެއްޗެކެވެ. ގްރީން ޓީ ދެ ގޮތަކަށް ބޭނުންކުރެވިދާނެއެވެ. އެއްގޮތަކީ ހޫނުފެންތައްޓެއްގެ ތެރެއަށް ސައިފަތް ޕެކެޓް ނުވަތަ 1 ސަމުސާ ސައިފަތް އެޅުމަށްފަހު 5-10 މިނިޓްވަންދެން ބެހެއްޓުމަށްފަހު ފުރާނާލައިގެން ބުއިމެވެ. އަނެއް ގޮތަކީ، ސައިފެންތަށި ހިހޫ ވުމުން ކަފަކޮޅަކުން އެސްފިޔަތަކުގައި އުނގުޅުމެވެ. ހިކުމުން އަނެއްކާވެސް އުގުޅަމުންގޮސް 3 ފަހަރުވެސް ބޭނުން ކުރެވިދާނެއެވެ.

މަތީގައި ބަޔާންކުރެވުނު ކޮންމެވެސް އެކައްޗެއް، ޤަވާއިދުން 4 ހަފްތާވަންދެން ބޭނުންކުރާށެވެ. އެދެވޭ ނަތީޖާ ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު