ވައިރަސްތަކުން ރައްކާތެރިވާން ރަނގަޅަށް ދެއަތް ދޮވުން

އައިމިނަތު ޔުމްނާ
ވައިރަހުން ރައްކާތެރިވުމަށް ދެއަތް ސައިބޯނިލައިގެން ދޮވުން ވައިރަހުން ރައްކާތެރިވުމަށް ދެއަތް ސައިބޯނިލައިގެން ދޮވުން

ނޮވެލް ކޮރޯނާވައިރަސް ފަދަ ބާރުގަދަ ވައިރަސްތަކުން  ރައްކާތެރިވާން އެޅިދާނެ ފިޔަވަޅުތަކުގެ ވާހަކަ ދައްކާއިރު ގިނަ ސައިންސްވެރިން މާސްކުން މާބޮޑު ރައްކާތެރިކަމެއް ނުލިބިދާނެ ކަމަށް ބުނެއެވެ. އަދި މިހާތަނަސް މިވައިރަސްއަސް ވެކްސިންއެއް ހޯދިފައެއް ނުވެއެވެ.  


އެހެންކަމުން ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން ސެންޓަރުތަކުން ބުނަމުންއަންނަނީ ކޮރޯނާ ވައިރަސްފަދަ ނުރައްކާތެރި ވައިރަސްތަކުން ރައްކާތެރިވުމަށް އަދިވެސް ހަމަ އެންމެ މޮޅުގޮތަކީ ދެއަތް ސައިބޯނިލައިގެން ފަރުވާތެރިކަމާއެކު ރަނގަޅަށްދޮވުން ކަމުގައެވެ.

ވައިރަސްއިން ރައްކާތެރިވުމަށް އަތް ދޮންނަންޖެހެނީ ވަކި  އުކުޅުތަކެއް ބޭނުން ކޮށްގެން އެކަމަށް ކޮންމެސްވަރެއްގެ ވަގުތުކޮޅެއްދީގެން އަވަސްކޮށްނުލައެވެ.

އެހެންކަމުން ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން ސެންޓަރުތަކުން ކަނޑައަޅާފައިވާ މިންގަނޑުން އަތްދޮންނާނެގޮތް ދަންނަވާލާނަމެވެ.


ސާފު އިސްކުރު ފެނުން ދެއަތްތިލައިގެ ހުރިހާ ތަނެއްގައި ފެންޖެހޭނެހެން ތެންމާލާށެވެ. އެއަށްފަހު ފެން ބަންދުކޮށްލުމަށްފަހު އަތަށް ސައިބޯނި ކޮޅެއްއަޅާލާށެވެ. ހުސްފެނުން ދޮވުމަށްވުރެން ސައިބޯނި ބޭނުންކުރުމުން ރައްކާތެރިކަން މާބޮޑެވެ.


ދެއަތްދެއަތަށް އުނގުޅާލުމަށްފަހު ސައިބޯނިން ފޮނުއެރުމުން އަތްތިލާގެ ފަހަތުގައާއި، އިނގިލިތަކުގެ ދޭތެރޭގަޔާ، ނިޔަފަތިތަކުގެ އެތެރޭގައާއި އެކީ ސައިބޯނި ރީތި ކޮށް އުނގުޅާ ދެއަތްދެއަތަށް ރަނގަޅަށް އުނގުޅާށެވެ. އަތްތިލައިގާ ހުންނަ ދަތި ދޭތެރެތައް ރަނގަޅަށް އުނގުޅާލުމުން އެތަންތާނގައި ހަރުލާފައިހުންނަ ޖަރާސީމް ނައްތާލައެވެ. އަދި ދެއަތްދެއަތަށް އުނގުޅާލުމުންވެސް ޖަރާސީމް ނެތިކޮށްލައެވެ.


ގަާތްގަނޑަކަށް 20 ސިކުންތު މިގޮތަށް ދެއަތްދެއަތަށް ރަނގަޅަށް އުނގުޅާ ސާފުކޮށްލާށެވެ. މަދު ވަގުތު ކޮޅެއް ތެރޭ އަތް އަވަސް އަވަހަށް ދޮވެލުމަށްވުރެއް އަތްތިލަ ވިއްސަކަށް ސިކުންތު މިހެން އުގުޅާލުމުން ބޮޑަށް ޖަރާސީމް ނެތިކޮށްލާކަމުގައި ވެއެވެ. 


އެއަށްފަހު ރީތި ސާފު ފެނުން ދެއަތްތިލަ ފަރުވާތެރިކަމާއި އެކު ރަނގަޅަށް ދޮވެލާށެވެ. އަދި އަވަހަށް އަތްތިލަ ހިކި ތުވާއްޔަކުން ނުވަތަ ޓިޝޫއަކުން ނަމަވެސް ހިތްކާލާށެވެ. އަތުގައި ޖަރާސީމު ހަރުލުމުގެ ފުރުސަތު ބޮޑީ އަތް ހިކިފައި ހުންނަ އިރަށް ވުރެއް އަތްތިލަ ތެތްކޮށްހުންނަ ވަގުތުގައެވެ.


ސައިބޯންޔާ ފެނަކީ ވައިރަސް ތަކުން ރަައްކާތެރި ވުމަށް އެންމެ އެދެވިގެންވާ ގޮތެވެ. ސެނިޓައިޒަރ ބޭނުން ކުރުމަކީ އަތްދޮވެވެން ނެތްހާލަތެއްގައި ކުރެވިދާނެ ކަމަކަށް ހެދުން ރަނގަޅެވެ. ސަބަބަކީ ބައެއް ޒާތުގެ ލޮލަށް ނުފެންނަ ޖަރާސީމް ސެނިޓައިޒަރ އިން ނައްތާނުލާތީއެވެ. އެހެންކަމުން އަތްދޮވެވެން ނެތްހާލަތެއްގައި މެނުވީ ސެނިޓައިޒަރ ބޭނުން ކުރުމެއްނެތެވެ. 
ކިޔުންތެރިންގެ ހިޔާލު