ކައިވެނީގެ އަނގޮޓި އެޅުން މުހިންމު ވާ 6 ސަބަބު

ޙަދީޖާ އަލީ

ކައިވެނީގެ އަނގޮޓިއަކީ އެ އަޅައިގެން ހުރިމީހަކީ ކައިވެނިކޮށްގެން ހުރި މީހެއްކަން ދޭހަކޮށްދޭ ނިޝާނެކެވެ. ކައިވެނީގެ އަނގޮޓިއަކީ ވަކި ދީނަކަށް ނުވަތަ ވަކި ސަގާފަތަކަށް ޚާއްސަ އެއްޗެއް ނޫނެވެ. މި އާދަ ފެށިގެން އައި ސީދާ ގޮތެއް ޔަގީނަށް ބުނަން ނޭނގުނަސް ފެންނަންހުރި ތާރީޚީ ބައެއް މަޢްލޫމާތުގެ އަލީގައި ބޮޑަށް ބުރަވެވޭގޮތުގައި، މިކަން ފެށިގެން އައީ މީގެ 6000 އަހަރުކުރިން މިޞްރުންކަމަށެވެ. ކައިވެނީގެ އަނގޮޓި އަޅާކަށް ވަކި ޚާއްސަ އިނގިއްޔެއްވެސް ނެތެވެ. ނަމަވެސް ގިނަ ސަގާފަތްތަކުގައި މި އަނގޮޓިއަޅަނީ ވައަތު ކަށި އިނގިލީގައެވެ. ވައަތްތެރިއެއް ނަމަ ކަނާތު ކަށިއިނގިލީގައިވެސް އަޅައެވެ. ގިނަ ޢަދަދެއްގެ މީހުން ހުރިހާ ވަގުތެއްގައި އުޅެނީ މި އަނގޮޓި އަޅައިގެނެވެ. މިހެންވެ އެމީހުން އަނގޮޓި ނެގުމުން، އަނގޮޓި އިންނަތަނުގެ ހަމުގެ ކުލަވެސް ހުންނަނީ ބަދަލުވެފައެވެ. މިއަދު ބަލާލަނީ ކައިވެނީގެ އަނގޮޓި އަޅާމީހުން އެކަންކުރާ މައިގަނޑު 6 ސަބަބަށެވެ.

1. ކައިވެނީގެ އަނގޮޓި ރަމްޒުކޮށްދެނީ ހުސްހަށިބައިމީހެއް ނޫންކަން

މަސައްކަތުގެ މާހައުލާއި އެހެނިހެން ކަންކަމުގައި، އަންހެނުންނާއި ފިރިހެނުން އެކީގައި އުޅޭއިރު، އަލަށް މީހަކާއި ބައްދަލުވާ އިރު، އެމީހެއްގެ އަތުގައި އަޅާފައިވާ އަނގޮޓީގެ ސަބަބުން ގިނަ ކަންތަކަކަށް ގޮތް ނިމިގެން ދެއެވެ. ކައިވެނިކޮށްގެން އުޅޭމީހެއްކަން އެނގުމުން ބަދަލުވާ ވަރަށް ގިނަ ކަންތައް ހުރެއެވެ. ކައިވެނިކޮށްގެން އުޅޭމީހެއްނަމަ ޒިންމާދާރުވާނެ ކަމާއި، އެމީހެއްގެ ފަރާތުން އެހެންމީހުނަށްވެސް ނުސީދާބެލުންތައް ނާންނާނޭކަމަށް އުއްމީދުކުރެވެއެވެ.

2. ކައިވެނީގެ އަނގޮޓިއަކީ ބައިވެރިޔާއަށް ކުރެވޭ އިޙްތިރާމެއް

ޒަވާޖީ ޙަޔާތުގައި އެކަކު އަނެކަކަށް ކުރާ އިޙްތިރާމަކީ، އަނގައިން ބުނާ ބަހެއްނޫނެވެ. ނަމަވެސް އެއީ ހަމަހިމޭންކަމާއި އެކު ދައްކާދެވޭ ބައެއް ޢަމަލުތަކެވެ. ކައިވެނީގެ އަނގޮޓިން، އެއް ބައިވެރިޔަކު އަނެއްބައިވެރިޔަކަށް ދައްކައިދެނީ ކައިވެނީގެ ގުޅުމަށް އެކަކު އަނެކަކު އިޙްތިރާމްކުރާކަމެވެ. މީގެ މާނައަކީ މި އަނގޮޓި އަޅާމީހުން އެކަކު އަނެކަކަށް އިޙްތިރާމު ކުޑަ ނުކުރާ ވާހަކަ އެއްނޫނެވެ. ނަމަވެސް ދެމީހުންގެ މެދުގައި އެއްބަސް ވެވިގެން އެކަކު އެދުނީތީ އަނެކަކު މި އަނގޮޓި އެޅުމަކީ އިޙްތިރާމް ކުރުމެވެ.

3. ކައިވެނީގެ އަނގޮޓީގެ ސަބަބުން ރައްކާތެރިކަން ލިބޭ

ކައިވެނީގެ އަނގޮޓީގެ ސަބަބުން ހުސްހަށިބައި މީހުންނަށް ކުރެވޭ ސަމާސާއާއި ޖެއްސުން ވަކި އިމެއްގައި ހިފެހެއްޓި، އިޙްތިރާމްގެ ނަޒަރަކުން ދެކެވެއެވެ. ކައިވެނީގެ އަނގޮޓި ނުސީދާކޮށް ދޭ މެސެޖަކީ، ތިމަންނާއަކީ ޒަވާޖީ ޙަޔާތެއްގައި ބަނދެވިފައިވާ ކަމާއި، ނުރަގަޅު ގޮތްތަކަށް ދެކުމުގެ ބޭނުމެއް ނެތްކަމެވެ. އަދި ހަމަ އެގޮތަށް ތިމާގެ ކައިވެނި ތިމާއަށް މުހިއްމުކަމާއި، އެކައިވެނީގެ އަގުވަޒަންކުރާ ކަމެވެ. ނަމަވެސް ކައިވެނީގެ އަނގޮޓި އަޅައިގެންވެސް އެހެންމީހުނާއި މުޢާމަލާތުކޮށް އުޅޭގޮތުން، އެފަރާތްތަކުގެ ނިޔަތްގޯސްވާ ފަހަރު އާދެއެވެ.

4. ދަރިންނަށް ދައްކައިދެނީ ކައިވެނީގެ މުހިއްމުކަން

ކައިވެންޏަށް ދަރިން ލިބިފައިވާ ނަމަ އެކުދިންގެ ކުރިމަތީގައި ކައިވެނީގެ އަނގޮޓިއެޅުމުން ކުދިންނަށް އެ ދައްކުވައިދެވެނީ، ކައިވެންޏަކީ މުހިއްމު އެއްޗެއް ކަމެވެ. މަންމަ އާއި ބައްޕަވެސް ކައިވެނީގެ އަގުވަޒަން ކުރާކަމަށް، ކުދިންނަށް ދެއްކުމުން އެކުދިން ބޮޑެތިވެގެންވެސް، ޒަވާޖީ ޙަޔާތެއްގެ ރީތި ކަމާއި ފުރިހަމަކަން އަދި ކާމިޔާބީ ހޯދުމަށް މަސައްކަތްކުރަން ހިތްވަރުދެވެއެވެ. އާއިލާތައް ރޫޅުން ގިނަ ދުވަސްވަރެއްގައި މިއީ ކުޑައިރުއްސުރެ ދައްކަން ރީތި މިސާލެކެވެ.

5. ދިރިރުޅުމުގެ ކަންކަން ނިމުމުގައި ބައިވެރިޔާގެ މުހިއްމުކަން އަބަދު ހަނދާންކޮށްދޭ

އަޅުގަނޑުމެން އިންސާނުންނަކީ ވަރަށް ފަސޭހައިން ކަންކަން ހަނދާންނެތޭ ބައެކެވެ. ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަންވެސް ހަނދާން ކުރުމަށްޓަކައި، ފޯނުންވެސް "ރިމައިންޑަރ" ސެޓް ކުރަން ޖެހެނީ މިހެންވެއެވެ. އާދައަކަށް ހަދައިގެން ކައިވެނީގެ އަނގޮޓި އަޅައިގެން އުޅޭނަމަ، ދިރިއުޅުމަށް އަސަރުކުރާވަރުގެ ނިންމުންތައް ނިންމާއިރު، އޭގެ ސަބަބުން ބައިވެރިޔާއަށް އޭގެ ރަގަޅު އަދި ނުރަގަޅު އަސަރު ކުރާނެކަން ހަނދާންކޮށްދެއެވެ. މަގު އޮޅިގެންދާފަހަރުވެސް ކޮންމެވެސް ވަރެއްގެ ޖެހިލުންވުމެއް ގެނެސް ދިނުމުގައި އަނގޮޓި، މުހިއްމު ރޯލެއް ކުޅެއެވެ.

6. ކައިވެނީގެ އަނގޮޓިއަޅަން ނުވާނޭ ސަބަބެއް ނެތުން

މަތީގައި ބަޔާންކުރެވުނު ކޮންމެ ކަމަކީވެސް ކައިވެނީގެ އަނގޮޓި ނެތަސް ވާނެ އަދި ކުރެވޭނެ ކަންތަކެވެ. ނަމަވެސް ކައިވެނީގެ އަގޮޓިއަކީ ރީތި ގަހަނާއެއްކަމުން އަދި އެއްވެސް ދީނެއް އަދި ސަގާފަތެއްގައި ކުރުންމަނާ ކަމެއް ނޫންކަމުން މި އަޅައިގެން ވާނޭ ގެއްލުމެއް އޮތްކަމަކަށް ނުފެނެއެވެ. ރަގަޅު ގޮތުގައި ބަލައިގަނެގެން މިކަން ކުރަން ހިތުލާ މީހަކަށް މިއީ ހަމަ ރަގަޅު އަދި ރީތި އާދައެކެވެ.

ކިޔުންތެރިންގެ ހިޔާލު
އަހުމަދު ޙަމީދު
ކައިވެނީގެ އަނގޮއްޓިއަކީ ކާފަރުން ގެ ސަގާފަތެއް. މީހަކާ އިނދެގެން އުޅޭކަށް އަނގަން އަނގޮޓިއެއް އަޅާކަށް ނުޖެހޭނެ. މުސްލިމުން ބާއްވާ ވަލީމާ އަކީ ކައިވެނި ކުރިކަން މީސްތަކުންނަށް އެންގުމަށް ކުރާކަމެއް. ދީނީ ބޮޑެތި އިލްމުވެރިން ވަނީ މިކަމީ ޙަރާމްކަމެއް ކަމުގައި ފަތުވާދެއްވާފަ. ކާފަރުންގެ ގޮތަށް ކޮޕީކުރުމަކީ މުސްލިމުން ކުރާނެކަމެއް ނޫން. ގިނަފަހަރު ކާފަރުން ވެސް އެކަން ކުރަނީ ކަންދެއްކުމަށް. މައުލޫމާތު ނެތިއްޔާ ހޯދައިގެން މިކަހހަހާލަ އެއްޗިހި ލިޔަން ރަނގަޅުވާނީ.